ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވިއްކި ކަމަށް ތުހުމަތުގައި ހައްޔަރުކުރި އާދަމް އަދްލާން ލަތީފް (ފޮޓޯ/ ޕޮލިސް)

ޖިންސީ ކުށްތައް

ކުޑަކުދިންގެ އޮރިޔާން ގެންގުޅުނު ކަމުގެ ދައުވާއެކު ދެ ދައުވާއެއް އަދްލާންއަށް ކޮށްފި

މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެންމެ ފުރަތަމަ ނިންމާފައި ވަނީ، ދައުވާ ނުކުރުމަށް؛ ނަމަވެސް އެ ނިންމުން އަލުން ބަލަން ފުލުހުންގެ ފަރާތުން އޮތީ އެދިފައި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ޒުވާނާގެ މައްޗަށް ދެ ދައުވާއަށްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު 5 ވަނަ ދުވަހު މި މައްސަލައިގައި ހައްޔަރުކުރީ އާދަމް އަދްލާން  ލަތީފް 22، މުނިމާގެ/ ތ. ވިލުފުއްޓެވެ. މިދިޔަ 20 އެޕްރީލްގައި ފުލުހުން ވަނީ އޭނާގެ ވަނަވަރު ވެސް ހާމަކޮށްފަ އެވެ. މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެންމެ ފުރަތަމަ ނިންމާފައި ވަނީ، ދައުވާ ނުކުރުމަށެވެ. ނަމަވެސް އެ ނިންމުން އަލުން ބަލަން ފުލުހުންގެ ފަރާތުން އޮތީ އެދިފަ އެވެ.

ތަފްސީލު - ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ، މި މައްސަލައިގައި އަދްލާންގެ މައްޗަށް މިދިޔަ އަންގާރަ ދުވަހު ދެ ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ:

  • 1-

    ގާނޫނުލްއުގޫބާތުގެ 246 ވަނަ މާއްދާގެ ދަށުން އެނގިހުރެ ކޮމިއުޓާ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓާ ޑޭޓާ ސްޓްރޯޖް މީޑިއަމްއެއްގައި ކުޑަ ކުއްޖެއް އޮރިޔާން ކާޑު ބެހެއްޓުމުގެ ކުށުގެ ދައުވާ

  • 2-

    ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ

ފުރަތަމަ ދައުވާއަކީ، ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ، އަސާސީ މިންގަނޑުބަލާއިރު، ސާބިތުވެއްޖެ ނަމަ، ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އަންނާނެ ދައުވާ އެކެވެ. މި ކުށުގެ އެންމެ ބޮޑު އަދަބަކީ އަށް އަހަރެވެ.

ދެވަނަ ދައުވާއަކީ، ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ، އަސާސީ މިންގަނޑުބަލާއިރު، ސާބިތުވެއްޖެ ނަމަ، އެއްް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ދައުވާ އެކެވެ. މި ކުށަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ ތިން މަހެވެ.

ފުލުހުން މީގެ ކުރިން މީޑިއާއަށް ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި:

  • އަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން

  • މި ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ

  • ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ވެސް ހުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް