ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވިއްކި ކަމަށް ތުހުމަތުގައި ހައްޔަރުކުރި އާދަމް އަދުނާން ލަތީފް (ފޮޓޯ/ ޕޮލިސް)
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ވީޑިއޯ ވިއްކާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ވީކިިހިނެއް؟ - މި މައްސަލާގައި 22 އަހަރުގެ ދިވެހި ޒުވާން ފިރިހެނަކު ހައްޔަރުކުރީ މި މަހު 5ގަ އެވެ. އެގޮތުން:
-
ހައްޔަރުކުރި ޒުވާނާއަކީ އާދަމް އަދުނާން ލަތީފް، މޫނިމާގެ/ތ. ވިލުފުށި
-
އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި؛ މި މުއްދަތު މާދަމާއަށް ހަމަވޭ
ތަފްސީލް - ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިންނެވެ.
މި ވޮލެޓުން އާދަމް އަދުނާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް އެ ތަކެތީގައި ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.