ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާދަމް އަދްލާން ލަތީފް (ފޮޓޯ/ ޕޮލިސް)

ޖިންސީ ކުށްތައް

ކުޑަކުދިންގެ ޖިންސީ ގޯނާ މަންޒަރު ވިއްކިކަމަށް ތުހުމަތުވާ މީހާ ދޫވަން އުޅޭކަމުގެ ކަންބޮޑުވުން

މިދިޔަ ބުރާސްފަތިދުވަހު ޕީޖީން ނިންމީ އަދްލާން ލަތީފަށް ދައުވާނުކޮށް މައްސަލަ އަނބުރާ ނަގަން. އެކަމަކު މައްސަލައިގެ ސީރިއަސްކަމުން ފުލުހުން ވަނީ އެ ނިންމުން އަލުން ބަލަން އެެދިފައި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ފިރިހެނަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމި ނިންމުން، ރިވިއުކުރަން ފުލުހުން އެ އޮފީހުގައި އެދިއްޖެކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު 5 ވަނަ ދުވަހު މި މައްސަލައިގައި ހައްޔަރުކުރީ އާދަމް އަދްލާން  ލަތީފް 22، މުނިމާގެ/ ތ. ވިލުފުއްޓެވެ. މިދިޔަ 20 އެޕްރީލްގައި ފުލުހުން ވަނީ އޭނާގެ ވަނަވަރު ވެސް ހާމަކޮށްފަ އެވެ.

ތަފްސީލު - އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އަދްލާނަށް ދައުވާ ކުރުމަށް ގާނޫނުން ލިބިދޭ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ. ދައުވާ ނުކޮށްފި ނަމަ، މާދަމާ އޭނާ މިނިވަންވާނެ އެވެ.

އަދްލާނަށް ދައުވާ ނުކުރަން ނިންމައި، ޕީޖީ އޮފީހުން މިދިޔަ ބުރާސްފަތިދުވަހު ވަނީ ފުލުހުންނަށް ސިޓީއަކުން އަންގައިފަ އެވެ. އެކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.

ފުލުހުން މީގެ ކުރިން މީޑިއާއަށް ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި:

  • އަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން

  • މި ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ

  • ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ވެސް ހުރި

ދައުވާ ނުކުރަން ޕީޖީން ނިންމި ނިންމުމާ މެދު ފުލުހުން ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ، އެ ނިންމުން ރިވިއުކުރަން ފުލުހުންގެ ފަރާތުން ވަނީ އެދިފަ އެވެ.

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ/ވީޑިއޯ އުފެއްދުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މައްސަލަތަކަށް ފުލުހުން ވަރަށް ބޮޑު ސަމާލުކަމެއް ދެ އެވެ. އަދި ރާއްޖޭގައި އެފަދަ މައްސަލަތައް ބޮޑުވަމުންދާ ކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ވެސް ކުރެ އެވެ. އެހެންކަމުން އެފަދަ ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ފަސޭހައިން ދޫވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް 'ދައުރު'އާ ވާހަކަ ދެއްކި ބައެއް ތަޖުރިބާކާރުން ބުންޏެވެ.

ޕީޖީ އޮފީހުގެ ބަސް - މިކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހާ ސުވާލު ކުރުމުން އެ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓަ އަހްމަދު ޝަފީއު ވިދާޅުވީ މި މައްސަލައިގެ ފަހުގެ ނިންމުން އަދި ނުނިންމާ ކަމަށެވެ.

ކޮމެންޓް (3)

ހަގީ

18 މޭ 2026
ކޮން ފަހުގެ ނިންމުމެއް؟؟ ފުރަތަމަ ބުނެދޭންވީ ދައުވާނުކުރަން ނިންމި ސަބަބު..... އެންމެ ސީރިއަސް ކުށްތަކަށް ވެސް ހަމަ ހަދާނެ ގޮތެއް މި ހަދަނީ..... ކޮރަޕްޝަނާ ފަސާދަ ހަމަ އިންތިހާ
4 0

ތެފައާސާ.

18 މޭ 2026
ޕީޖީއިން ދައުވާ ނުކުރަން ނިންމައިގެން މިތިބީ ކޮންކަމަކަށް ބިނާކޮށްގެންނޭ؟ ކޮބަޔޭ ޕީޖީގެ ނިންމުމުގެ އަސާސަކީ؟؟
8 0

މޫކޭ

19 މޭ 2026
@ތެފައާސާ. އެއީ ފައްކާ މޮޔައެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް