މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް: އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލިހަށް ވަނީ ހުށަހަޅާފައި (ފައިލް ފޮޓޯ/ މަޖިލިސް)

އާންމު ކޮމިޓީ

ނާޒިމަށް ޖަވާބުދާރީވަން 20 މިނެޓު ދޭން ވެސް ޕީއެންސީން ބޭނުމެއް ނުވި؛ ފާސްވީ 10 މިނެޓު ދޭން

ބަހުސްއަށް ޖުމްލަ 1 ގަޑިއިރު ކަނޑައެޅިއިރު، މެންބަރުން ވާހަކަ ދެއްކުމަށް 50 މިނެޓު ދިނުމަށް ކޮމިޓީން ނިންމި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އޭނާއަށް ޖަވާބުދާރީވާން 10 މިނެޓުގެ ފުރުސަތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެމްޑީޕީގެ ފަރާތުން 20 މިނެޓުގެ ފުރުސަތެއް ނާޒިމަށް ޖަވާބުދާރީވާން ދިނުމަށް ހުށަހެޅި ނަމަވެސް، އެ ހުށަހެޅުމަށް ތާއީދެއް ނުލިބުނެވެ.

ވީ ކިހިނެއް؟ - ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށްޓަކައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިދިޔަ ހަފްތާގައި ޕީއެންސީގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން:

  • މިފަދަ މައްސަލަތަކުގައި ބަހުސް ކުރާނެ ވަގުތު ކަނޑައެޅުމުގެ ބާރު އޮންނަނީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އާންމު ކޮމިޓީއަށް

  • އެހެންވެ، އެ ޖަލްސާގެ ކުރިން މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސްގެ ވަގުތުތައް ކަނޑައަޅާފައިވޭ

ތަފްސީލު - މަޖިލީހުގެ އެހެން ކޮމިޓީތަކެކޭ އެއްގޮތަށް އާންމު ކޮމިޓީގައި ވެސް އޮންނަނީ ޕީއެންސީގެ ފުރަހަމަ އަގުލަބިއްޔަތެވެ. މިއަދުގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ އެ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތުގައި، ކޮމިޓީގެ މުގައްރިރު ޝާހިދު. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ބަހުސްގެ ވަގުތު ކަނޑައެޅުމާ ގުޅޭ ގޮތުން ޝާހިދު މެންބަރުންގެ ހިޔާލަށް ހުޅުވާލުމުން:

  • ކޮމިޓީގެ ނައިބު މުގައްރިރު، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސަތާރު މުހައްމަދު ހުށަހެޅުއްވީ މި ބަހުސްއަށް ޖުމްލަ 1 ގަޑިއިރު ކަނޑައެޅުމަށް

  • އެއީ ނާޒިމަށް ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓު އަދި މެންބަރުންނަށް 50 މިނެޓު

  • މި ހުށަހެޅުމަށް ތާއީދު ކުރައްވީ ދުވާފަރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލީ

ނާޒިމަށް ޖަވާބުދާރީވުމަށް 10 މިނެޓުގެ ފުރުސަތެއް ދިނުމަށް ހުށަހެޅުއްވި މެންބަރު ސައްތާރު ކޮމިޓީގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)
ސައްތާރު ހުށަހެޅުއްވި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

އެ ހުށަހެޅުން ފާސްވީ، ހާޒިރުވި 7 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ތާއީދާ އެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.

އެ ހުށަހެޅުމަށް ވޯޓަށް އެހުމުގެ ކުރިން، ނާޒިމަށް 10 މިނެޓުގެ ވަގުތަކީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ވިދާޅުވެ، މި ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރައްވާ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި 10 މިނެޓުގެ ވަގުތަކީ ކޮން ގޮތަަކަށް ވިސްނާފައި ދިން ވަގުތެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

އެއާ އެކު، އަބްދުއްސަތާރު ވިދާޅުވީ، 10 މިނެޓު ޖަވާބުދާރީވާން ދިނުމަކީ އޭނާއަށް ފެންނަ ހިޔާލު ކަމަށެވެ.

އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ގަވައިދުގައިވާ ގޮތުން މިފަދަ މައްސަލަތަކަށް ދެވޭނީ ގިނަވެގެން ތިން ގަޑިއިރު ކަމަށެވެ. މަދުވެގެން ދެވޭނެ ވަގުތެއް ގަވައިދުގައި ބަޔާން ނުކުރާ ކަމަށާއި އެއީ ކޮމިޓީއަށް އޮންނަ ބާރެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޝާކިރު ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

އެއާ އެކު، ޝާކިރު ހުށަހެޅުއްވީ، 20 މިނެޓުގެ ފުރުސަތެއް ނާޒިމަށް ޖަވާބުދާރީވުމަށް ދިނުމަށެވެ. އެއީ ފުރަތަމަ ފުރުސަތުގައި 10 މިނެޓު އަދި މެންބަރުންގެ ވާހަކަތަކަށް ފަހު 10 މިނެޓެވެ.

ނަމަވެސް އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރުމުން ވޯޓަކަށް ނާހަ އެވެ.

ނާޒިމް ވަކިކުރުމުގެ މައްސަލަ

ނާޒިމް ވަކިކުރުމަށް ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. އެގޮތުން، އެ ގަރާރުގައި ބުނީ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ:

  • އެ މަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރަތާކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާތީ

  • މަޖިލީހުގެ އެންެމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ 

  • މަޖިލީހުގެ ނައިބު ރައީސްގެ މަގާމުުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާން އެނގެން އޮތުމުން

  • އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާކަން ސާފުވާތީ 

  • ގާނޫނުއަސާސީން މެމްބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ހުރަހަކަށް ވެފައިވާތީ

މި ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ސޮއިކޮށްފައިވެ އެވެ. ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕީޖީން ނިންމުމުގެ ކުރިން، ހަމަ އެ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު މެންބަރުންނާ ވާހަކަފުޅު ދެއްކެވުމަށް ހަދާފައި އޮންނަ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައްވާފަ އެވެ. އެ ގްރޫޕުގެ ހަމައެކަނި އެޑްމިންއަކީ ރައީސް އެވެ. ނާޒިމްއަކީ ރައީސް މުއިއްޒުގެ މަންމާފުޅުގެ ފަރާތުން އާއިލީ ބޭފުޅެކެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، މި މަހު 15އަށް ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ވަނީ ދިގު ދަންމާލާފަ އެވެ. ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި މި މައްސަލައިގައި ޖަލްސާއެއް ބާއްވައި ގޮތެއް ނިންމާނެ އެވެ.

ކޮމެންޓް (2)

ސިކުނޑި

21 މޭ 2026
ޕީއެންސީން ވެރިކަން ޚަރާބު ކުރަނީ އަމިއްލައަށް! ނާޒިމް ތިވަރު ކަމެއް ކުރާކަން ފުރަތަމަ އިނގެން ޖެހެނީ އާންމުންނަށް! އެއަށްފަހު މަޖިލީހުން ތިވަރުގެ ފިޔަވަޅެއް އަޅަންޖެހޭނީ! ވާހަކަ ދައްކަން ފުރުސަތު ނުދޭން ތިހާވަރުން ތިއުޅެނީ ބުޅާ ގޯނިން ބޭރުވާނެތީ! އަމިއްލައަށް ނަގޫގޮށްޖެހިގެން ތިބޭ ތެޅިތެޅި ބާކީ އޮތީ ކުޑަ ދުވަސްކޮޅެއް!!
2 0

ޖައިސާމް

20 މޭ 2026
ނާޒިމްއަކީ ކޮންމެ ސަރުކާރެއްގެވެސް ގުރުބާނީ ކަންބަޅި
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް