އައިޝާ ޑޮކިއުމެންޓްރީ މައްސަލާގައި އަދަދުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް ހާޒިރުވަނީ (ފޮޓޯ/ދައުރު)

އަނގަ ބަންދުކުރުމުގެ އަމުރު ފިޔާޒުގެ ފަރާތުން އިސްތިއުނާފްކޮށްފި

މި އަމުރު ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭގެ ފަރާތުން އިސްތިއުނާފްކުރުމުން ހައި ކޯޓުން ނިންމީ އެ އަމުރު އިސްތިއުނާފްކުރުމުގެ ހައިިސިއްޔަތެއް އެމްޖޭއޭއަށް ނުލިބޭ ކަމަށް

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގެ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.

ވީކިހިނެއް؟ - ކްރިމިނަލް ކޯޓުން 'ގެގް އޯޑަރެއް' ނެރެނީ، 'އަދަދު' ނޫހުގެ ސީއީއޯ ފިޔާޒު އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގައި އެދިގެންނެވެ.  

އެ އަމުރު ބާތިކޮށްދިނުމަށް އެދި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ކޯޓުން އެ މައްސަލަ ބޭރުކޮށްލީ، އެމްޖޭއޭއަށް އެމްޖޭއޭގެ އެ ހައިސިއްޔަތު ނުލިބޭ ކަމަށް ބުނެ އެވެ.

އެ ގޮތުން، ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ:

  • ކްރިމިނަލް ކޯޓުން އެ އަމުރު ނެރެނީ ފިޔާޒާއި ހަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ މައްސަލައާ ގުޅިގެން

  • މި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ނުހިމެނޭ؛ އެހެންވެގެން އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފްކުރުމުގެ ހައްގެއް ނުލިބޭ

ތަފްސީލް - 'އަދަދު' ނޫހުގެ ވަކީލެއްގެ ގޮތުގަ އާއި އެމްޖޭއޭގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ހަސަން ފަލާހު ވިދާޅުވީ ފިޔާޒުގެ ފަރާތުން މިހާރު އަމުރު އިސްތިއުނާފްކޮށްފައިވާނެ ކަމަށެވެ.

އެމްޖޭއޭގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުން މުރާޖާކޮށްދިނުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފަލާހް ވިދާޅުވި އެވެ.

އެނގުން މުހިންމު - އެ ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުމަށް ކްރިމިނަލް ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ފަހުން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު ވަނީ ކޯޓު އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ޖަލުގައި ބަންދުކޮށްފަ އެވެ. އެއީ:

  • 'އަދަދު'ގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލުކޮށްގެން

  • 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔެގެން

ގުޅުން ހުރި - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް