ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ޝަހުޒާން. (ފޮޓޯ/ރައީސް އޮފީސް)

ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ 'އަދަދު'ގެ ނޫސްވެރިޔާ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފި

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުން ބަލައިނުގަންނާނެ ކަމަށާއި ރައީސް އޮފީހުގެ ޕްރެސް ރޫމްގައި ކޯޓު އަމުރާ ހިލާފު ކަމެއް ނުކުރެވޭނެ ކަމަށް

ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން އަމުރުކޮށްފައި ވަނިކޮށް، ރައީސް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއާ ގުޅޭ ސުވާލެއް 'އަދަދު'ން ކުރުމުން އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުގެ ޕްރެސް ރޫމުން މިއަދު ނެރެފި އެވެ.

ވީ ކިހިނެއް؟ - ޝަހުޒާން ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކޯޓުން 'ގެގް އޯޑާ'އެއް ނެރެފައިވާ ކަމަށާއި އެ ސުވާލު ކުރުމުން ޝަހުޒާން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު (ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - "އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކުރައްވާ ވަޑައިގަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ކަނޑައެޅިގެން ދޮގު ވާހަކަ، ދޮގު ތުހުމަތު އަޅުގަނޑު ބޮލުގައި ތި އަޅުވަނީ."

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުން ބަލައިނުގަންނާނެ ކަމަށާއި ރައީސް އޮފީހުގެ ޕްރެސް ރޫމްގައި ކޯޓު އަމުރާ ހިލާފު ކަމެއް ނުކުރެވޭނެ ކަމަށެވެ.

މައިކުން އަޑުކަނޑާލާފައި ވަނިކޮށް ވެސް ޝަހުޒާން ސުވާލުކުރަން ފެށުމުން ރައީސް ވިދާޅުވީ ރައީސް އޮފީސް ތެރޭ 'ރޫލް އޮފް ލޯ' ހިފެހެއްޓޭނެ ކަމަށެވެ. އެއާ އެކު، ސެކިއުރިޓީން ވަދެ ޝަހުޒާން އެ މާލަމުން ވަނީ ނެރެފަ އެވެ.

ގުޅުން ހުރި - 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާކޮށްދޭން ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

ދެ މީހުންގެ މައްޗަށް އެ ދައުވާކުރީ އަދަދު އޮންލައިންގެ އެޑިޓަރުންގެ ގޮތުގައި ތިބެ ރައީސް މުއިއްޒަށް ތުހުމަތުތަކެއްވާ ގޮތަށް ޑޮކިއުމެންޓްރީ ހަދާ، އެ އާންމުކޮށްފައި ވާތީ ކަމަށް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުންޏެވެ.

ކޮމެންޓް (4)

ސިކުނޑި

11 މޭ 2026
ވަގު ބިޓެއް ނަގައިގެން އަނބިމިހާއަށް ފަޅާއެރީމާ އުޅޭނެ ހުރިހާ ވައްތަރަކަށް ރައީސް އުޅުއްވާތަން މިފެންނަނީ! އެ ސުވާލަށް ޖަވާބު ނުދީ އެހެން މީހަކަށް ފުރުސަތުވެސް ދެވޭނެ! ރައީސް އަންގަވައިގެން ނޫސްވެރިން މާލަމުން ނެރުމަކީ ވަރަށް ހަޑިކަމެއް! މިއަދު ޝަހުޒާން ހުރިކަމަށް އެބުނާ ކޯލް ލޮގްއަކީ ވަރަށް ސީރިއަސް މައްސަލައެއް! ރައީސް އެއަށް ޖަވާބު ދެއްވަންޖެހޭނެ!
2 2

ޒަމަރު

11 މޭ 2026
ޝަހުޒާނުމެންނަށް ހީވަނީ ބޭނުންހާގޮތަކަށް މިގައުމުގަ އުޅެވިދާނެކަމަށްތަ؟ ގާނޫނުވެސް އަރާހަމަކޮށް ކުރިވެސް އަރާނެ. ތިޔައީ ރިޕޯޓަރުންނެއްނޫން
1 8

މޮޔަ ތަޖޫ

11 މޭ 2026
@ޒަމަރު ބޮޑުސޯބު އެނބުރޭ ގޮތަށް ކުޑަސޯބުވެސް އެނބުރޭނީ
0 0

ކޮމޮޑަަަސް

11 މޭ 2026
މިމައްސަލައިގައި ފުލުހުން ރައީސްގެ ބަޔާން ނަގާފައި ނުވާތީ، ޝަހުޒާން އުޅުނީ ފުލުހުންނަށް ރައީސްގެ ބަޔާން ނަގައިދޭންވެގެން. އެއީ ގައުމީ މަސައްކަތެއް.
11 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް