'އައިޝާ' ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަހުގީގަށް 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި ހަސަން މުހައްމަދު (ކަނާތުން ތިންވަނަ އާއި ހަތަރު ވަނައަށް) ފުލުހަށް ހާޒިރުކުރި ދުވަހު އެހެން ބައެއް ނޫސްވެރިންނާ އެކު (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ކްރިމިނަލް ކޯޓު

'އައިޝާ' ޑޮކިޔުމެންޓްރީ މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައިފި

ކްރިމިނަލް ކޯޓުން ވަނީ މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން ވެސް އަމުރުކޮށްފައި

ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކޮށްދޭން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕީޖީން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ އެ ދެ މީހުންގެ މައްޗަށް އެ ދައުވާކުރީ އަދަދު އޮންލައިންގެ އެޑިޓަރުންގެ ގޮތުގައި ތިބެ ރައީސް މުއިއްޒަށް ތުހުމަތުތަކެއް ވާގޮތަށް ޑޮކިޔުމެންޓްރީ ހަދާ އެ އާންމުކޮށްފައި ވާތީ ކަމަށެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން ވަނީ މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން ވެސް އަމުރުކޮށްފަ އެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއް ކުމަށާއި ޑޮކިޔުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން ވެސް ވަނީ އަމުރުކޮށްފަ އެވެ.

މީގެ އިތުރުން މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން ވެސް އަމުރުކުރި އެވެ.

ގުޅުން ހުރި - އަދަދު ނޫހުން މިދިޔަ 28 މާޗުގައި ގެނެސްދިން 'އައިޝާ' ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފަ އެވެ.

މީގެ އިތުރުން ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން އެ ދެ މީހުުން ވެސް ހިޔާރުކުރީ ހަނު ތިބުމަށެވެ.

ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ސިޔާސީ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް (6)

ސިކުނޑި

11 މޭ 2026
އެހެންވީމާ ވިސްލް ބްލޯވަރ މިހާރު ކުށްވެރިވާނެތާ؟ ނޫސްވެރިންގެ ބޭނުމަކީވެސް މީހުން ބުނާ ވާހަކަ އާންމުންނާއި ހަމައަށް ގެނެސްދިނުން! އެއްވެސް ސަބަބަކާހެދި ދައުލަތުގެ ބާރުތަކުން ނުބެލޭ ކަހަލަ މައްސަލަތައް އާންމުންނަށް އަންގަން އޮންނަ ހަތަރުވަނަ ބާރު މީޑިއާއަކީ! އެހެންނޫނަސް!! ދެމީހަކު ކަމެއްކޮށްފިޔޭ ބުނާއިރަށް ބުނި މީހާއަށް ދައުވާ ކުރުމުގެ ކުރިން އެދެމީހުން އެކަމެއް ކުރިތޯ ނުވަތަ ނުކުރޭތޯ ކަނޑައަޅަންޖެހޭނެ! ނުކުރާކަމަށް ސާބިތު ވެއްޖެނަމަ އެކަން ތުހުމަތު ކުރި ފަރާތަށް އަދަބެއް ދެވިދާނެ! ދެންވެސް މީޑިއާގެ އެޑިޓަރުންނަށް ދައުވާ ކުރެވޭގޮތެއް ސިކުނޑިއަށް ނުވެސްނޭ! އެހެނެއްނޫން މީޑިއާ ކައުންސިލުން ނަސޭހަތްދީ ޖޫރިމަނާކޮށް މިޒާތުގެ ކަމެއް ކުރެވިދާނެ!
0 0

ރަދުން

11 މޭ 2026
ދައުވާކޮށް މިމީހުން ޖަލަށް ލުން މިހާރު މާ ލަސްވެސް ވެއްޖެ. އިސްލާމީ މުޖުތަމެއްގަ ކޮންމެވެސް ހަމައެއް ލަމައެއް އޮންނާން ވާނެ މިކަހަލަ ވާހަކަ ދައްކާއިރު. މީ ނޫސްވެރިކަމާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމެއް ނޫން.
4 2

ސިކުނޑި

11 މޭ 2026
@ރަދުން އިސްލާމު ދީނުގައި ހައްދު ކަނޑައެޅިފައިވާ ކަމެއް ސޯފާއެއްގައި ކުރިތޯ ނުވަތަ ނުކުރޭތޯ ބަލަން އެބަޖެހޭ! އެކަކު ބުނީ ކުރިއޭ އަނެކަކު ބުނަނީ ދޮގެކޭ! ނުކުރަމޭވެސް ބުނާކަށްވެސް ނުކެރޭ!!
0 0

ދޮންބެ

10 މޭ 2026
ތުހުމަތުވާ މީހާގެ ކުށެއް ނެތް. އަޅެ މިވެސް އިސްލާމީ ގައުމެއްތަ؟
4 0

ހޮނު

10 މޭ 2026
މުއިއްޒަށް ވަރަށް އަސަރުކޮށްފިތާ؟ އެހެންވެ ބުނަނީ ބެދޭ މަޅިއެއް ނުފެންނާނޭ. ކޯޓުން ކޮށްމެ ހުކުމެއް ނެރުނަސް ތިޔަކަން ދެން އޮތްބައެއް ނުލެވޭނެ. އަޑެއްކިއްޔާ ރެދެއްލާނެ.. މަވާ ސަލާމް
3 1

ތެފައާސާ.

10 މޭ 2026
ތިޔަ ގެގް އޯޑަރުގެ ދަށުން، ފަރުނީޗަރު ފިހާރަތަކަށް ސޯފާ އިޝްތިހާރުކުރުން ހުއްދަ ބާ؟؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް