ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރާ ހިލާފުވިކަމަށް ބުނެ ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރަން ގޮވާލައި ނޫސްވެރިން ބޭއްވި ހަރަކާތް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޖޭއޭއަށް ހުށަނޭޅޭނެ ކަމަށް ބުނެ އަނގަ ބަންދުކުރުމުގެ އަމުރުގެ އިސްތިއުނާފް ބޭރުކޮށްލައިފި

މި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ނުހިމެނޭ ކަމާއި އެހެންވެގެން އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފްކުރުމުގެ ހައްގެއް ނުލިބޭ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވޭ

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގެ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކޮށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ވީކިހިނެއް؟ - ކްރިމިނަލް ކޯޓުން 'ގެގް އޯޑަރެއް' ނެރެނީ، 'އަދަދު' ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެ ކޯޓުގައި އެދިގެންނެވެ.

ތަފްސީލް - އެ އަމުރު ބާތިކޮށްދިނުމަށް އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ، އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފްކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ އެވެ.

އެ ގޮތުން، ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވަނީ:

  • ކްރިމިނަލް ކޯޓުން އެ އަމުރު ނެރެނީ ފިޔާޒާއި ހަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ މައްސަލައާ ގުޅިގެން

  • މި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ނުހިމެނޭ؛ އެހެންވެގެން އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފްކުރުމުގެ ހައްގެއް ނުލިބޭ

އެނގުން މުހިންމު - އެ ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުމަށް ކްރިމިނަލް ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ފަހުން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު ވަނީ ކޯޓު އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ޖަލުގައި ބަންދުކޮށްފަ އެވެ. އެއީ:

  • 'އަދަދު'ގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލުކޮށްގެން

  • 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔެގެން

ގުޅުން ހުރި - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް