ރައީސް މުއިއްޒު ޕީއެންސީ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެމްއެމްޕީއާރްސީ އާއި ވެންޓިލޭޓަރު ހިޔާނާތުގައި ހިމެނޭ އެންމެނަށް އަދަބުދޭން ރައީސް އަނެއްކާވެސް ގޮވާލައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ރަނގަޅަށް ބަލައި ޝާމިލުވާ އެންމެންނަށް އަދަބު ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ރޭ އަނެއްކާވެސް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަތައް ރަނގަޅަށް ބަލައި، އަދަބުދިނުން އަވަސްކުރަން ރައީސް މި ވާލެއްވީ، ކުރީގެ ރައީސުން ކަމަށްވާ، މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު މި ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ފައްޓަވަން ނިންމަވާފައި ވާތީ، އެކަމަށް ފާޑުވިދާޅުވަމުންނެވެ.
ބުނީ ކީކޭ؟ - ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ކުރީގެ ތިން ރައީސުންނަށް ވަަރަށް ބޮޑަށް ފާޑުކިއުއްވަމުން ރައީސް ވިދާޅުވީ ގައުމޭ ކިޔައިގެން އެކުގައި މަސައްކަތްކުރަން ނިކުމެ ތިއްބެވި އިދިކޮޅު ލީޑަރުންނަކީ ފޭލިއަރުން ކަމަށެވެ. އެ މަސައްކަތުން ގައުމަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށާއި ތިން ރައީސުންގެ ވެރިކަމުގެ ސޮފުހާތަކަށް ބަލައިލުމުން ފެންނަނީ، ކޮރަޕްޝަނާއި ހިޔާނާތާއި އިގްތިސޯދީ ވެއްޓުން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަނދާނެއް ނުނެތޭ ކޮވިޑުގެ ވަބާގައި އަޅުގަނޑުމެންގެ ނޭވާ ހޮޅިއަށް ވެގެންދިޔަ ގޮތް. ވެންޓިލޭޓަރު ވައްކަން އެއީ ހަނދާން ނެތޭވަރުގެ ކަމެއް ނޫން އަދި. އަޅުގަނޑު އުންމީދުކުރަން ކަމާ ބެހޭ މުވައްސަސާތަކުން އެ މައްސަލަ ބަލައި އެކަމުގައި ހަގީގަތުގައި ބެދޭ ފަރާތްތަކަށް އަދަބު ދޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ، ޔާމީންނަށް ވެސް ވަރަށް ފާޅުކަން ބޮޑުކޮށް ފާޑުވިދާޅުވެފަ އެވެ. މިއީ މިހާ ފާޅުކަން ބޮޑުކޮށް އެމަނިކުފާނު ޔާމީނަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.
ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ތަރައްގީތަކެއް ގެނެސްދިން ނަމަވެސް މުޅި ގައުމުގައި އޭރު އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށެވެ. އިދިކޮޅުގައި ތިބި ސިޔާސީ ހުރިހާ މީހުން ޔާމީންގެ ވެރިކަމުގައި ތިބީ ޖަލުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އެއީ ނުވާ ކަންކަމަށް ނުހެދޭނެ ކަމަށާއި އޭރުގެ ސަފުހާތައް ނިއުޅާލާއިރު އެ ކަންކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެއީ ތިމަންނަމެން ކުރި ކަމެއް ނޫން ކަމަށް ހެދިޔަސް އެއީ އަމިއްލަ ނަފުސަށް އޮޅުވާލެވޭ އޮޅުވާލުމެއް ކަމަށް ސިފަކުރެއްވި އެވެ.
"އެމްއެމްޕީއާރްސީ ފަދަ އޭރު ހިންގާފައިވާ ހުރިހާ ވައްކަމެއް ހިންގި ހުރިހާ ފަރާތްތަކަށް، މިނިވަން ހުރިހާ މުވައްސަސާތަކުން ވަރުގަދަ މަސައްކަތްތަކެއް ކޮށް، އަޅުގަނޑުމެން ހުރިހާ އެންމެންނަށް އޭގެ ހައްގު ހޯދައިދޭން އަޅުގަނޑު ހުރިހާ މުވައްސަސާތަކަށް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން. މި ސަރުކާރަށް މުހިންމު މީހެއް ނުހުންނާނެ. އެއްވެސް ފަރާތަކީ އެ ފަރާތަކާ މެދު ގައުމު ދޫކޮށްލާފައި އިސްކަން ދޭނެ ފަރާތެއް ނޫން. އަޅުގަނޑުމެންނަށް މުހިންމުވާނީ ގައުމު."
ފާހަގަކުރެވޭ - ރިސޯޓް ހަދަން އެމްއެމްޕީއާރްސީން ބައެއް ރަށްރަށް ދޫކޮށްގެން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަރިން ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް ސޯލިހުގެ ވެރިކަމުގައި ޝަރީއަތް ވެސް ހިންގި އެވެ. މިދިއަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުނީ ވެސް އޭގެ ތެރެއިން އެއް މައްސަލައެއްގައި އިއްވި ހުކުމަކާ ހެދި އެވެ.
ރައީސް މުއިއްޒަށް ރިޔާސި ޓިކެޓް ލިބިވަޑައިވަތީ ޔާމީނަށް ވާދަކުރެއްވޭ ގޮތް ނުވުމުންނެވެ. އޭރު ރައީސް ވިދާޅުވަމުން ގެންދެވީ ޔާމީންގެ މައްޗަށް ހިންގަނީ ނުހައްގު ޝަރީއަތްތަކެއް ކަމަށެވެ. އެހެންވެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެންމެ ބޮޑަށް ވިއްކި އެއްޗަކީ ވެސް އެ އަދަބުން ޔާމީން ސަލާމަތްކޮށްދިނުމެވެ.
ކޮމެންޓް (3)
ހުސޭނު
ސިކުނޑި
ތެފައާސާ.