ޕީޖީ އައްބާސް ޝަރީފް: ހިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރަން ޕީޖީ އަމުރުކުރައްވައިފި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ހިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރަން ޕީޖީ އޭސީސީއަށް އަމުރުކޮށްފި
ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ލަސްކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ވަރު ގިނަކަން ފާހަގަކުރައްވައި އެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް މިއަދު އަމުރުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްކަމާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި އެ ކޮމިޝަނުގެ މަސައްކަތުގައި އުނިކަމެއް އެބަ އޮތްކަން ފާހަގަ ކުރައްވައި ޕީޖީގެ ވެބްސައިޓްގައި ލިޔުމެއް ޝާއިއުކޮށްފައިވެ އެވެ.
ތަފްސީލް - ޕީޖީ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރި ލިޔުމުގައިވާ ގޮތުން، މައްސަލަތަކުގެ ތަހުގީގު އަަވަސް ކުރަން ޕީޖީ އައްބާސް ކުރެއްވި އަމުރުގައި ބައެއް މައްސަލަތަކަށް އިސްކަން ދެއްވުމަށް އަންގަވާފައިވެ އެވެ. އެއީ:
-
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަތައް
-
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ އަދި ގެދޮވެރިޔާ ސްކީމްގެ ތެރެއިން ތުހުމަތުވާ ހިޔާނާތުގެ މައްސަލަތައް
-
ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހިންގި ބައެއް މުއާމަލާތްތަކުގެ ތެރެއިން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައްް
-
ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭ ގޮތަށް، ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުމުންގެ މަސްލަހަތާ ގުޅުން ހުރި ބޮޑެތި މައްސަލަތައް
ބުނީ ކީކޭ؟ - އެ ކަމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ވެސް ހައްދަވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި ތަހުގީގުގެ ކުރީ މަރުހަލާއިން ފެށިގެން މި އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމެވެ،" އެ އޮފީހުން ބުންޏެވެ.