އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ އިސްވެރިން. (ފޮޓޯ/އަލްޖަޒީރާ)
އަދީބާއި އެސްއޯއެފްގެ ވެރިންނާ އެކު ޕީޖީން ހެދި އެއްބަސްވުން އުވާލައިފި
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ މައްސަލާގައި އަމަލީ ގޮތުން ފައިސާ ދައުރުކުރުމުގައި ހަރަކާތްތެރިވި އެސްއޯއެފް ކުންފުނީގެ ފަރާތްތަކާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެ މީހުންނާ އެކު ދައުލަތުން އެއްބަސްވުން ހެދީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ގިނަ އަދަދެއްގެ ފައިސާ ޖަމާވަމުން ދިޔައީ އެސްއޯއެފްގެ އެކައުންޓަށެވެ. އަދި އެ އެކައުންޓުން އެހެން މީހުންނަށް އެ ފައިސާ ދީ، އެކި ބޭނުންތަކަށް ބޭނުންކޮށް ހެދި އެވެ.
އެ އެކައުންޓު 2020 ވަނަ އަހަރު ފްރީޒް ކުރުމަށް ފަހު 2022 ވަނަ އަހަރު ވަނީ ދޫކޮށްލައިފަ އެވެ.
ތަފްސީލް - ޕީޖީ އޮފީހުން މިއަދު ބުނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެސްއޯއެފްގެ ވެރިންނާ އެކު ހަދާފައިވާ އެއްބަސްވުން މިއަދު އުވާލަން ނިންމާފައިވާ ކަމަށެވެ. އެ އެއްބަސްވުން އުވާލަން ނިންމި ސަބަބެއް ކަމަށް ޕީޖީން ބުނެފައިވަނީ:
-
މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީ ނަމަވެސް އެމީހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ތަހުގީގީ އިދާރާތަކުން މައުލޫމާތު ދޭތީ ކަމަށް
-
އެއްބަސްވުންތައް ނިމުމަކަށް ގެނައުމާ އެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގް ވީ އެންމެ އަވަހަކަށް ޕީޖީއަށް ހުށަހަޅަން ފުލުހުންނަށާއި އޭސީސީއަށް އަންގާފައިވާނެ ކަމަށް
އެނގުން މުހިންމު - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން ފަސް ދުވަހަށްވެފައި ވަނިކޮށް ސޯލިހު ދެއްވި މައާފާ އެކު އޭނާ ރާއްޖެ އިން ވަނީ ފުރައިފަ އެވެ.
އެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިއްވި 32 އަހަރުގެ ޖަލު ހުކުމް ވެސް ސޯލިހް ވަނީ މައާފުކޮށްދެއްވައިފަ އެވެ.
އެ ދެ ބޭފުޅުންނާ އެކު ހެދި އިއުތިރާފް އެއްބަސްވުމާ އެކު، ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ ވެސް ގޭ ބަންދުގައި ތިއްބަވައިގެންނެވެ.
ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ތަހުގީގުކޮށް ގެއްލުނު ފައިސާ ހޯދުމުގެ ވައުދަކާ އެކު އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔަ އިރު އެއިން އެންމެ ރުފިޔާއެއް ވެސް ދައުލަތަށް ހޯދިފައެއް ނުވެ އެވެ.
އެ ވައުދު ނުފުއްދި، އެކަމުގައި އިސްކޮށް ތިބި މީހުންނަށް ސޯލިހް މައާފް ދެއްވުމާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އާންމުންގެ ފާޑުކިޔުން ވެސް ސޯލިހަށް ވަނީ އަމާޒުވެފަ އެވެ.