ވެންޓިލޭޓަރެއްގައި މީހަކަށް ފަރުވާ ދެނީ (ފައިލް ފޮޓޯ/ ގެޓީ)

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ ސަރުކާރުން އަލުން ބަލަނީ

އެ މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ އެކު ހެލްތް މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދައުވާކޮށްފައެއް ނުވޭ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮވިޑް ތެރޭ ގަތް ވެންޓިލޭޓަރުތައް ގަތުމުގައި ހިޔާނާތުގެ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުވާ މައްސަލަތައް މި ސަރުކާރުން އަލުން ބަަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން މިކަންހާމަކޮށްފައި ވަނީ، އެ މައްސަލައިގައި ރާއްޖޭގެ އިންޓަނޭޝަނަލް އާބިޓްރޭޝަނުން މިދިޔަ ބުދަ ދުވަހު ނިންމި ނިންމުމާ ގުޅޭ ގޮތުން ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގަ އެވެ.

ބުނީ ކީކޭ؟ - "ކޮވިޑްް19އާ ގުޅިގެންް ރާއްޖެއަށްް ބޭނުންވްާ ވެންޓިލޭޓަރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން 1 އެޕްރީލް 2020ްް ވަނަދުވަހު މިނިސްޓްރީ އޮފްް ހެލްތާއި އެގްޒެކިއުޓާސް ޖެނެރަލްް ޓްރޭޑިންއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅިގެން ދައުލަތަށްް ބޮޑެތި ގެއްލުންތަކެއްް ވެފައިވާތީ، މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅައިގެން ސަރުކާރުން މިހާރު ގެންދަނީ ބަލަމުން،" އެބަޔާނުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލްތަކެއް ލިބޭ ގޮތެއް ނުވި އެވެ. 

ތަފްސީލު - މި މައްސަލައިގެ ހިޔާނާތުގެ ބައި މި ސަރުކާރުން އަލުން ބަލަން ނިންމިއިރު، މީގެ ކުރިން އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ން ވެސް އެ މައްސަލަ ތަހުގީގުކޮށް އެތައް ފަހަރެއްގެ މަތިން ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި މާ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ. 

މި މައްސަލައިގައި އޭސީސީން، އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ އެކު އެ މިނިސްޓްރީގައި މަސައްކަތް ކުރި 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ވެސް ފޮނުވި އެވެ. ނަމަވެސް ފަހުން އަމީން ހިމެނޭ ގޮތުން ބައެއް މީހުން އެ ލިސްޓުން އުނިކުރުމަށް ފަހު ވެސް ދައުވާކޮށްދޭން މައްސަލަ ޕިޖީ އޮފީހަށް ފޮނުވި އެވެ.

އެކަމަކު ވެސް ދައުވާކޮށްފައެއް ނުވެ އެވެ. 

ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ކޮރަޕްޝަނާއި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އޮޑިޓް އޮފީހުން ހެދި އޮޑިޓް ރިޕޯޓުން ހާމަވެފައިވެ އެވެ. އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް -  މިދިޔަ އަހަރު ފެބްރުއަރީ މަހު އާބިޓްރޭޝަނަށް ހުށަހެޅި އެ މައްސަލައިގައި އެ ސެންޓަރުން ނިންމާފައި ވަނީ އެގްޒެކިއުޓާސްއިން ދިވެހި ސަރުކާރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ދެއްކުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް