ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާ ކުރުމަށް އެދި ފޮނުވި ހެލްތް މިނިސްޓްރީގެ ކުރީގެ ނައިބު ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު އަސްލަމް.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ

ޕީޖީން މިއަދު ބުނީ އެ މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް

ކޮވިޑް ޖެހިގެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ހޯދަން އުޅުނު ވެންޓިލޭޓަރުތަކާ ގުޅިގެން ހިންގި ކޮރަޕްޝަންގެ މައްސަލައިގައި ފަހުން ދައުވާ ކުރަން ފޮނުވި މީހުންނާ މެދު އަދި ގޮތެއް ނުނިންމާކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީން) މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު މި މައްސަލައިގައި ދައުވާ ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ)ގެ އޮފީހަށް ފޮނުވީ، ހެލްތު މިނިސްޓްރީގައި އޭރު އިސް މަގާމުތަކެއްގައި ތިއްބެވި ތިން މީހެއްގެ މައްޗަށެވެ. އެއީ:

  • 1-

    މިނިސްޓަރުގެ ކުރީގެ ނައިބު ޝިޔާމާ މުހައްމަދު، ސ. ފޭދޫ/ޕިންކް ހައުސް 

  • 2-

    މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް، ތ. ކިނބިދޫ/ބޯގަންވިލާ 

  • 3-

    ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝިހާމް ލ. ގަން/ފެއަރީގާޑެން

ތަފްސީލު - އޭސީސީން މި މައްސަލަ ޕީޖީއަށް ފޮނުވިތާ މާދަމާއަށް ދެ މަސްދުވަސް ވާއިރު، އަދި މިހާތަނަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ. 

ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

މައްސަލައިގެ ހުލާސާއެއް - ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި 75 ވެންޓިލޭޓަރު ގަންނަން ދުބާއީގެ އެގްޒިކިއުޓާޒް ކުންފުންޏާ އެކު ސޮއިކުރީ އެޕްރީލް 2020ގަ އެވެ. އަދި އެ ކުންފުނިން އެދިގެން ގެރެންޓީއެއް ނުހޯދައި ކޮންޓްރެކްޓުގެ %90އަށް ވާ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނެވެ. އޭގެ ފަހުން:

  • ލިބުނީ ބާވެ، ބޭނުންކޮށްފައި ހުރި 15 ވެންޓިލޭޓަރު ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދަން އުޅެއުޅެ ނުލިބުނު

  • ބަދަލުގެ ގޮތުގައި 2.1 މިލިޔަން ޑޮލަރު (32.3 މިލިއަން ރުފިޔާ) ހޯދަން އޮޑިޓުން ނިންމި 

  • 30 ދުވަހުގެ ތެރޭގައި 31 މިލިއަން ދައްކަން 10 އޮގަސްޓު 2021ގައި މުއްދަތު ދިން 

  • ފައިސާ ދައްކަން އެގްޒިކިއުޓާސްއަށް ތަކުރާރުކޮށް ދިން ފުރުސަތުތަކަށް އެ ކުންފުނިން އިޖާބަ ނުދިނުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނަށް ދިއުމަށް ނިންމާފައި 

ގުޅުން ހުރި ކަމެއް - އެގްޒިކިއުޓާސްއަށް ފައިސާ ދިނުމުގައި އިހުމާލުވި ކަމަށް ބަލައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާ ކުރަން އޭސީސީން އެތައް ފަހަރަކު އެދުނެވެ. ނަމަވެސް، ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ ދައުވާ ނުކޮށް މައްސަލަ ފޮނުވާލާފަ އެވެ. 

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާކުރަން އެދި ފޮނުވި 11 މީހުންގެ ތެރޭގައި ހިމެނޭ މިނިސްޓަރު އަބްދުﷲ އަމީން (މ)، ފިނޭންސް އެކްޒެކެޓިވް އަހްމަދު އަސްލަމް (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ވ).

ޕީޖީ އޮފީހުން މި މައްސަލައިގައި ދައުވާކޮށްނުދިނުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިދިޔަ އޮގަސްޓުގައި މައްސަލަ ފައިލްކޮށްފަ އެވެ. އޭސީސީން މައްސަލަ ފައިލްކުރި ފަހުން، ޕީޖީ ޝަމީމު ވަނީ "އިސްލާހުކޮށްގެން" އަދިވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވިދާޅުވެފަ އެވެ. އިސްލާހުނުކޮށް މައްސަލަ ކުރިޔަށް ގެންގޮސްފިނަމަ، މައްސަލަ ގެއްލިދާނެކަމަށް ޝަމީމް ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް