ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރިީގެ ޑިރެކްޓަރު އަސްލަމް
ވެންޓިލޭޓަރު މައްސަލައިގައި ހެލްތުގެ ކުރީގެ 3 މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ކޮވިޑް ޖެހިގެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ކުރުމަށް 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައިގައި ހެލްތު މިނިސްޓްރީގެ އިސް މަގާމުތަކެއްގައި ކުރިން ތިބި ތިން މީހަކަށް ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސިސީ) އިން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެ މައްސަލަ ފޮނުވައިފި އެވެ.
މައްސަލަ - ކޮވިޑު ބަލިމަޑުކަމާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި 75 ވެންޓިލޭޓަރު ގަންނަން އެގްޒިކިއުޓާ ކުންފުންޏާ އެކު ސޮއިކުރީ އެޕްރީލް 2020ގަ އެވެ. އަދި އެ ކުންފުނިން އެދިގެން ގެރެންޓީއެއް ނުހޯދައި ކޮންޓްރެކްޓުގެ %90އަށްވާ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނެވެ. އެ އޭގެ ފަހުން:
-
ލިބުނީ ބާވެ، ބޭނުންކޮށްފައި ހުރި 15 ވެންޓިލޭޓަރު
-
ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދަން އުޅެއުޅެ ނުލިބުނު
-
ބަދަލުގެ ގޮތުގައި 2.1 މިލިޔަން ޑޮލަރު (32.3 މިލިއަން ރުފިޔާ) ހޯދަން އޮޑިޓުން ނިންމި
-
30 ދުވަހުގެ ތެރޭގައި 31 މިލިއަން ދައްކަން 10 އޮގަސްޓު 2021ގައި މުއްދަތު ދިން
-
ފައިސާ ދައްކަން އެގްޒިކިއުޓާސްއަށް ތަކުރާރުކޮށް ދިން ފުރުސަތުތަކަށް އެ ކުންފުނިން އިޖާބަ ނުދިނުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނަށް ދިއުމަށް ނިންމާފައި
-
މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފެށި ނަމަވެސް، މިއަދާ ހަމައަށް ވެސް މި މައްސަލަ އާބިޓްރޭޝަނަަށް ހުށަހަޅާފައެއް ނުވޭ
-
ސަރުކާރުން މި މަހު ބުނެފައިވަނީ މައްސަލަ ހުށަހެޅުން ލަސްވަނީ ބައިނަލްއަގުވާމީ ޓެންޑަރަކުން އާބިޓްރޭޝަނުގައި ތަމްސީލުކުރާނެ ވަކީލުން ހޯދަމުންދާތީ ކަމަށް
އިތުރަށް ކިޔާލަން- ވެންޓިލޭޓަރު މައްސަލައިގެ އާބިޓްރޭޝަން ހިންގަނީ ރާއްޖޭގައި: ސަރުކާރު
ތަފްސީލް- އެ މައްސަލާގައި އޭސީސީން މިއަދު ދައުވާކުރުމަށް އެދި ޕީޖީއަށް ހުށަހަޅާފައިވަނީ:
-
1-
ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ޝިޔާމާ މުހައްމަދު، ސ. ފޭދޫ ޕިންކް ހައުސް
-
2-
ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް، ތ. ކިނބިދޫ ބޯގަންވިލާ
-
3-
ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުރި އަލީ ޝިހާމް ލ. ގަން، ފެއަރީގާޑެން
ގުޅުން ހުރި ކަމެއް- އެގްޒިކިއުޓާސްއަށް ފައިސާ ދިނުމުގައި އިހުމާލުވި ކަމަށް ބަލައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާ ކުރަން އޭސީސީއިން އެތައް ފަހަރަކު އެދުނެވެ. ނަމަވެސް ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ދައުވާ ނުކޮށް މައްސަލަ ފޮނުވާލައިފަ އެވެ.
ޕީޖީ އޮފީހުން މި މައްސަލާގައި ދައުވާކޮށް ނުދިނުމުން އޭސީސީން މިދިޔަ އޮގަސްޓް މަހު ވަނީ މައްސަލަ ފައިލްކޮށްފަ އެވެ. އޭސީސީން މައްސަލަ ފައިލްކުރި ފަހުން، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވަނީ "އިސްލާހުކޮށްގެން" އަދިވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މީގެކުރިން ވިދާޅުވެފަ އެވެ.
އިތުރަށް ކިޔާލަން- އިސްލާހުތަކާ އެކު ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރެވޭނެ: ޕީޖީ