ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިސްލާހުތަކާ އެކު ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރެވޭނެ: ޕީޖީ

ޝަމީމް ވިދާޅުވީ، އެންމެ ފަހުން އޭސީސީން މި މައްސަލަ ފޮނުވިއިރު ހުރީ 'އިސްލާހު ކުރަން ޖެހޭ ބައެއް ކުދިކުދި ފަންނީ ކަންތައްތަކެއް' ކަމަށް

ކޮވިޑް ޖެހިގެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގަތުމަށް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، އަދިވެސް ބައެއް އިސްލާހުތައް ގެނެސްދެން ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ އޮފީހުގެ އިސްވެރިންނާ މިއަދު ބައްދަލުކުރި އިރު ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ލަތީފް ވަނީ، ވެންޓިލޭޓަރު މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފުކުރެއްވުމަށް ޝަމީމްއާ ސުވާލުކުރައްވައިފަ އެވެ.

ހަސަން ލަތީފް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި: ވެންޓިލޭޓަރު މައްސަލައާ ބެހޭގޮތުން ސުވާލު ކުރެއްވި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފްސީލު - ހަސަންގެ ސުވާލުގެ ޖަވާބުގައި ޝަމީމް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި ޕީޖީ އޮފީހުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު މަސައްކަތް ކުރި ކަމަށާއި އެންމެ ފަހުން އެ ކޮމިޝަނުން ތަހުގީގު ނިންމައި ފޮނުވި އިރު، "އިސްލާހު ކުރަން ޖެހޭ ބައެއް ކުދިކުދި ފަންނީ ކަންތައްތަކެއް ހުރި" ކަމަށެވެ.

"މާ ބޮޑެތި ކަންކަމެއް ނޫން. ދެން އެ ކަންކަން އިސްލާހުވީމާ އަޅުގަނޑުމެންނަށް އޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ. މިހާރު ލިބިފައި ހުރި މައުލޫމާތުތަކުން އަޅުގަނޑުމެން މި ބަލަނީ [މެންބަރު ހަސަން ލަތީފް] ތިޔަ ވިދާޅުވާހެން އެކަމުގައި އެ ބައިވެރިވި ބައެއްގެ މައްޗަށް ދައުވާކުރެވޭނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޝަމީމް ވިދާޅުވި ގޮތުގައި "މިވަގުތަށް ފެންނަން އޮތް މަންޒަރަކީ" އެ މައްސަލައިގައި އަދިވެސް ދައުވާ ކުރެވޭނެ ކަމެވެ. އެކަމަކު އެކަން ކުރެވޭނީ އޭސީސީން އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހުކޮށްގެން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެކަންކަން އިސްލާހުނުކޮށް ގޮސްފިއްޔާ އަޅުގަނޑުމެންނަށް މައްސަލަ ގެއްލުމުގެ ފުރުސަތު އޮންނާނެ. އަނެއްހެން މާ ބޮޑު ނޫން، އެކަމަކު ވެސް ފަންނީ ކަންތައްތަކެއް ހުރީ،" އޭގެ ތަފްސީލެއް ނުދެއްވައި ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކަމުގައި އަލިމަގެއް، ކޮޅެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެންނާނެ."

އެނގުން މުހިންމު - މި މައްސަލައިގައި، އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް، މިނިސްޓްރީގައި މަސައްކަތް ކުރި 11 މީހަކަށް ދައުވާ ކުުރުމާ މެދު ގޮތެއް ނިންމަން އޭސީސީން ތިން ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލީ އެވެ. 

ތިންވަނަ ފަހަރަށް ފޮނުވުމުން ވެސް ޕީޖީން މި މައްސަލައިގައި ދައުވާ ނުކުރުމުން އޭސީސީން އެ މައްސަލަ ފައިލް ކުރިކަން، މިދިޔަ މަހު 20 ވަނަ ދުވަހު އެ ކޮމިޝަނުން މީޑިއާއަށް ހާމަކޮށްފައިވެ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާކުރަން އެދި ފޮނުވި 11 މީހުންގެ ތެރޭގައި ހިމެނޭ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން (މ)، ފިނޭންސް އެކްޒެކެޓިވް އަހްމަދު އަސްލަމް (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ވ).

ފަސްމަންޒަރު - ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ކޮރަޕްޝަނާއި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އޮޑިޓް އޮފީހުން ހެދި އޮޑިޓް ރިޕޯޓުން އެނގެ އެވެ.  އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. 

ޖުމްލަ 75 ވެންޓިލޭޓަރުގެ ތެރެއިން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބަދަލުގެ ގޮތުގައި 31 މިލިއަން ރުފިޔާ ހޯދަން އާބިޓްރޭޝަނަށް ހުށަހަޅަން ނިންމި ނަމަވެސް، އިދާރީ އެކި މަސައްކަތްތައް ނުނިމުމުގެ ސަބަބުން  އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުގެ ހިޔާނާތް ކުރުކޮށް:

  • އެޕްރީލް 2020: 75 ވެންޓިލޭޓަރު ގަންނަން އެގްޒެކިއުޓާސް ކުންފުންޏާ އެކު ސޮއިކުރި

  • އެ ކުންފުނިން އެދިގެން ގެރެންޓީއެއް ނުހޯދައި 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިން؛ އެއީ ކޮންޓްރެކްޓް އަގުގެ %90

  • އޭގެ ތެރެއިން ލިބުނީ 15 ވެންޓިލޭޓަރު؛ ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ނުލިބުނު

  • ބަދަލުގެ ގޮތުގައި 2.1 މިލިއަން ޑޮލަރު (32.3 މިލިއަން ރުފިޔާ) ހޯދަން ޖެހޭ ކަމަށް އޮޑިޓުން ނިންމީ

  • 10 އޮގަސްޓް 2021: 30 ދުވަހުގެ ތެރޭގައި 31 މިލިއަން ރުފިޔާ ދެއްކުމަށް ހެލްތު މިނިސްޓްރީން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ދިން

އިތުރު އާޓިކަލް

އިތުރު އާޓިކަލް