ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީ: ސަރުކާރުން ފުރަތަމަ ގެންނަން އުޅުނު ވެންޓިލޭޓަރުތައް އަދިވެސް ނުލިބޭ (ދައުރު ފޮޓޯ)

ދައުވާ ނުކުރުމުން އޭސީސީން ވެންޓިލޭޓަރު މައްސަލަ ފައިލްކޮށްފި

ޕީޖީން މީގެ ކުރިން ދެ ފަހަރެއްގެ މަތިން މައްސަލަ އަނބުރާ ފޮނުވާލީ މައްސަލައިގައި ހެކި ނެތް ކަމަށާއި މައްސަލައިގެ އުންސުރު ހަމަނުވާ ކަމަށް ބުނެ
20 އޯގަސްޓު 2022

ކޮވިޑް ޖެހިގެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ކުރުމަށް 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަކި ގޮތެއް ނުނިންމުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މައްސަލަ ފައިލްކޮށްފި އެވެ.

މައްސަލައިގެ ފެށުން - އެ މައްސަލައިގައި ދައުވާ ކުުރުމާ މެދު ގޮތެއް ނިންމަން އޭސީސީން ތިން ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެގޮތުން އެ މައްސަލައިގައި:

  • އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ އެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި

  • މައްސަލަައިގެ އުންސުރު ހަމަ ނުވާ ކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީން ނިންމި

  • އެ ނިންމުން ރިވިއުކުރުމުން ވެސް ދައުވާ ނުކުރަން ނިންމި ނިންމުން ޕީޖީން ބަދަލެއް ނުކުރޭ

  • އާންމުންގެ ފާޑުކިއުންތައް އަމާޒުވުމުން، އެ ނިންމުން މުރާޖައާކޮށް، އިތުރު ކަންތައްތަކެއް ބެލުމަށް ޕީޖީން އޭސީސީއަށް އެންގި

މި މައްސަލާގައި ދައުވާކޮށްދޭން އެދި އެންމެ ފަހުން ފޮނުވީ ހެލްތު މިނިސްޓްރީގެ:

  • 1-

    އޭރުގެ މިނިސްޓަރު އަމީން

  • 2-

    ބިޑް ކޮމިޓީގެ ޗެއާ، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު

  • 3-

    ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު

  • 4-

    ފައިނޭންސް އެގްޒެކެޓިވް އަހުމަދު އަސްލަމް

  • 5-

    ޑިރެކްޓަރު ނައުޝާދު އަލީ (ކ. ގުރައިދޫ، ފަތިސްހަނދުވަރުގެ)

  • 6-

    ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ (ސ. ހިތަދޫ، ނޫރާނީހިޔާ)

  • 7-

    އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ (މ.ހަޒާރީވިލާ، މާލެ)

  • 8-

    ލީގަލް އޮފިސަރު އަލީ ޝިހާމް (ލ.ގަން، ފެއަރީ ގާޑެން)

  • 9-

    އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒް (މުޝްތަރީގެ، ހއ. ދިއްދޫ)

  • 10-

    އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒު

  • 11-

    ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ޝަރީފް

ވީ ކިހިނެއް؟ - އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ މިއަދު 'ދައުރު'އަށް ވިދާޅުވީ މި މައްސަލައިގައި ދައުވާ ކުރުމާ މެދު ޕީޖީން ގޮތެއް ނުނިންމުމުން އޭސީސީން މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާކުރަން އެދި ފޮނުވި 11 މީހުންގެ ތެރޭގައި ހިމެނޭ މިނިސްޓަރު އަބްދުﷲ އަމީން (މ)، ފިނޭންސް އެކްޒެކެޓިވް އަހްމަދު އަސްލަމް (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ވ): މައްސަލަ މިހާރު ވަނީ ފައިލްކޮށްފައި

"އިޖުރާއަތުގައި އޮންނަނީ އޭސީސީން ބަލާ މައްސަލައެއްގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން އެދި ޕީޖީއަށް ފޮނުވުމުން، ޕީޖީއިން އެ މައްސަލަ ރިޖެކްޓު ކޮށްފި ނަމަ އޭސީސީން އެ މައްސަލައެއް ފައިލްކުރާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

"މި މައްސަލައިގެ ގޮތުން [މައްސަލައިގެ ބޮޑުކަމުން]، ޕީޖީން މައްސަލަ ރިޖެކްޓު ކުރީމާ ވެސް ތިން ފަހަރެއްގެ މަތިން އޭސީސީން ފޮނުވީ."

މިކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ފަސްމަންޒަރު - ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ކޮރަޕްޝަނާއި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އޮޑިޓް އޮފީހުން ހެދި އޮޑިޓް ރިޕޯޓުން އެނގެ އެވެ.  އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. 

ޖުމްލަ 75 ވެންޓިލޭޓަރުގެ ތެރެއިން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބަދަލުގެ ގޮތުގައި 31 މިލިއަން ރުފިޔާ ހޯދަން އާބިޓްރޭޝަނަށް ހުށަހަޅަން ނިންމި ނަމަވެސް، އިދާރީ އެކި މަސައްކަތްތައް ނުނިމުމުގެ ސަބަބުން މިދިއަ މާޗު މަސް ފެށިއިރު ވެސް އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުގެ ހިޔާނާތް ކުރުކޮށް:

  • 75 ވެންޓިލޭޓަރު ގަންނަން އެގްޒިކިއުޓާ ކުންފުންޏާ އެކު ސޮއިކުރީ އެޕްރީލް 2020ގައި

  • އެ ކުންފުނިން އެދިގެން ގެރެންޓީއެއް ނުހޯދައި 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިން؛ އެއީ ކޮންޓްރެކްޓް އަގުގެ %90

  • އޭގެ ތެރެއިން ލިބުނީ 15 ވެންޓިލޭޓަރު؛ ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ނުލިބުނު

  • އޮޑިޓުން ނިންމީ ބަދަލުގެ ގޮތުގައި 2.1 މިލިއަން ޑޮލަރު (32.3 މިލިއަން ރުފިޔާ) ހޯދަން

  • ހެލްތު މިނިސްޓްރީން އެގްޒެކިއުޓާޒް ކުންފުންޏަށް 10 އޮގަސްޓް 2021ގައި ނޯޓިސް ދީފައި ވަނީ 30 ދުވަހުގެ ތެރޭގައި 31 މިލިއަން ރުފިޔާ ދެއްކުމަށް

އިތުރަށް ކިޔާލަން - 

އިތުރު އާޓިކަލް

އިތުރު އާޓިކަލް