Majlis 2024

މިހާރުގެ ހެލްތު މިނިސްޓަރު ނަސީމް: ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ބަދަލު ހޯދަން އަދިވެސް ހުށަނާޅާ. (ފައިލް ފޮޓޯ/މިނިސްޓްރީ)

އިދާރީ ކަންތައްތަކެއް ނުނިމިގެން ވެންޓިލޭޓަރުގެ ބަދަލު ހޯދަން އާބިޓްރޭޝަނަށް ނުދެވިފައި

ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުގެ ކުރިން ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތް ހެލްތު މިނިސްޓްރީއިން ކޮށް، އޭޖީ އޮފީހަށް އަދި އަންގާފައެއް ނުވޭ

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދޭން ވެންޓިލޭޓަރު ގަތުމަށް ދިވެހި ސަރުކާރުން ދުބާއީ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް އެ ނުލިބުމުން ބަދަލުގެ ގޮތުގައި 31 މިލިޔަން ރުފިޔާ ހޯދުމަށް ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅަން ނިންމި ނަމަވެސް އިދާރީ އެކި މަސައްކަތްތައް ނުނިމުމުގެ ސަބަބުން އެ މައްސަލަ އަދިވެސް ހުށަހަޅާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ވެންޓިލޭޓަރު ހިޔާނާތް ކުރުކޮށް:

  • 75 ވެންޓިލޭޓަރު ގަންނަން އެގްޒިކިއުޓާ ކުންފުންޏާ އެކު ސޮއިކުރީ އެޕްރީލް 2020ގައި

  • އެ ކުންފުނިން އެދިގެން ގެރެންޓީއެއް ނުހޯދައި 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިން؛ އެއީ ކޮންޓްރެކްޓް އަގުގެ %90

  • އޭގެ ތެރެއިން ލިބުނީ 15 ވެންޓިލޭޓަރު؛ ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ނުލިބުނު

  • އޮޑިޓުން ނިންމީ ބަދަލުގެ ގޮތުގައި 2.1 މިލިޔަން ޑޮލަރު (32.3 މިލިއަން ރުފިޔާ) ހޯދަން

  • އެކަމުގައި އިހުމާލުވި ކަމަށް ބަލައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާ ކުރަން އޭސީސީއިން ދެ ފަހަރަކަށް އެދުނު ނަމަވެސް ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކޮށް މައްސަލަ ވަނީ ފޮނުވާލާފައި

  • ހެލްތުން އެގްޒެކިއުޓާޒް ކުންފުންޏަށް 10 އޮގަސްޓް 2021ގައި ނޯޓިސް ދީފައި ވަނީ 30 ދުވަހުގެ ތެރޭގައި 31 މިލިއަން ރުފިޔާ ދެއްކުމަށް

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާކުރަން އެދި ފޮނުވި 11 މީހުންގެ ތެރޭގައި ހިމެނޭ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން (މ)، ފިނޭންސް އެކްޒެކެޓިވް އަހްމަދު އަސްލަމް (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ވ).

ބުނީ ކީކޭ؟ - އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓާ ހުސެއިން ހަސަން 'ދައުރު'އަށް ވިދާޅުވީ:

  • ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުގެ ކުރިން ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ހެލްތު މިނިސްޓްރީއިން ކޮށް، އެ އޮފީހަށް އަދި އަންގާފައި ނުވާ ކަމަށް 

  • އާބިޓްރޭޝަނަށް ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އެ ކަންކަން ނިންމައި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް އަދި ހެލްތު މިނިސްޓްރީން އެ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް

"ހެލްތު މިނިސްޓްރީގެ ފަރާތުން ނިންމަން ޖެހޭ އިދާރީ ކަންކަން ނިންމާ މި އޮފީހަށް އެންގިހާ އަވަހަކަށް އަޅުގަނޑުމެންނަށް އާބިޓްރޭޝަނަށް ދެވޭނީ،" ހުސެއިން ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެގްރިމަންޓް ބާތިލްކޮށް، ބަދަލު ހޯދުމަށް ދުބާއީ ކުންފުންޏަށް ނޯޓިސް ދިން ފަހުން ވެސް އެ މައްސަލައިގައި އާބިޓްރޭޝަނަށް ހުށަނޭޅި މި ވަނީ ހަ މަސް ފާއިތުވެފަ އެވެ. މި މައްސަލައަކީ ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާނެ މިފަދަ އެންމެ ބޮޑު އެއް މައްސަލަ އެވެ.

ކޮމެންޓް (1)

ޢަޒުރާ

2 މާރިޗު 2022
ތިކަން އެންމެ ރަނގަޅުވާނީ ކަލޭމެންނާ މިސަރުކާރަށް ދެއްވި ރޯއްޖެއް ގޮތުގަ ނިންމާލާ ތި ވާހަކަ ނުދެއްކުން. އިންޝާ ﷲ މިސަރުކާރަކުން ތިކަމެއް ނުބަލާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް