ބަންޑާރަނައިބު މުހައްމަދު އުޝާމް ކެބިނެޓް ބައްދަލުވުމަކަށް ހާޒިރުވަނީ: އޭޖީން ބުނީ އާބިޓްރޭޝަންގެ ހުކުމާ އެއްގޮތަށް ފަައިސާ ހޯދަން މަސައްކަތް ކުރާނެ ކަމަށް (ފޮޓޯ/ރައީސް އޮފީސް)

އާބިޓްރޭޝަނުން ނިންމީ ވެންޓިލޭޓަރު ކުންފުނިން ރާއްޖެއަށް 34 މިލިއަން ރުފިޔާ ދައްކަން

ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ އެގްޒެކިއުޓާސް ނަމަކަށް ކިޔާ އެ ކުންފުނުން އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައިއެއް ނުވޭ؛ އެހެންވެ މައްސަލަ ނިންމީ އެ ކުންފުނީގެ ގައިރު ހާޒިރުގައި

ކޮވިޑް ތެރޭ ރާއްޖެއަށް ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑު އަދަދެއް ދިވެހި ސަރުކާރަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އާބިޓްރޭޝަނުން އަންގައި މިއަދު މައްސަލަ ނިންމައިފި އެވެ. 

އެނގުން މުހިންމު - ރާއްޖެއަށް 75 ވެންޓިލޭޓަރު ގަންނަން އެޕްރީލް 2020ގައި އެގްޒެކިއުޓާސް ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ސަރުކާރުން އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދެއްކި ނަމަވެސް އެ ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައެއް ނުވެ އެވެ. 

  • އެކަމާ ގުޅިގެން ސަރުކާރަށް ގެއްލުނު ފައިސާ އާއި ގެއްލުމުގެ ބަދަލު ހޯދަން ރާއްޖޭގެ އާބިޓްރޭޝަން ސެންޓަަރަށް ސަރުކާރުން އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހެޅީ 16 ފެބުރުއަރީ 2023ގައި 

ވީ ކިހިނެއް؟ - އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އާބިޓްރޭޝަންގެ ރޫލިން ނުވަތަ ހުކުމް ނެރެފައިވާ ކަމަށެވެ. އެގޮތުން އެ ބަޔާނުގައި ބުނީ އާބިޓްރޭޝަނުން ނިންމާފައި ވަނީ: 

  • ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރު (29.1 މިލިއަން ރުފިޔާ) އެގްޒިކިއުޓާޒް އިން ސަރުކާރަށް ދެއްކުމަށް؛ އަދި މެއި 2021ގެ ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން

  • ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ސަރުކާރަށް ދެއްކުމަށް؛ ފައިސާ ނުދައްކާ ހޭދަވާ ކޮންމެ އަހަރަކަށް އިންޓަރެސްޓަށް %2 

  • އެ ކުންފުނުން އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ އާބިޓްރޭޝަން ފީގެ ގޮތުގައި ސަރުކާރުން ދެއްކި ޖުމްލަ އަދަދު ކަމަށްވާ 132،865 ޑޮލަރު (2 މިލިއަން ރުފިޔާ) އެ ކުންފުނީގެ އަތުން ހޯދުމަށް؛ ނުދައްކާ ހޭދަވާ ކޮންމެ އަހަރަކަށް %2 ގެ އިންޓަރެސްޓާ އެކު

"މި ފައިނަލް އެވޯޑަކީ ގާނޫނީ ގޮތުން ތަންފީޒު ކުރަން ޖެހޭ އެވޯޑެއް ކަމަށްވާތީ، އެ އެވޯޑްގައި ކަނޑައަޅާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާނެ އެވެ،" އޭޖީގެ ބަޔާނުގައި ބުންޏެވެ. 

ރާއްޖޭގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ މައި އޮފީސް

ފާހަގަ ކޮށްލެވޭ - މިއީ 2013 ވަނަ އަހަރު ރާއްޖޭގައި އުފެއްދި އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން މިފަދަ ބޮޑު މައްސަލައެއް ނިންމި ފުރަތަމަ ފަހަރެވެ. 

މައްސަލައިގެ ހުލާސާ - ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި 75 ވެންޓިލޭޓަރު ގަންނަން އެގްޒިކިއުޓާސް ކުންފުންޏާ އެކު ސޮއިކުރީ އެޕްރީލް 2020ގަ އެވެ. އަދި އެ ކުންފުނިން އެދިގެން ގެރެންޓީއެއް ނުހޯދައި، އަވަހަށް ވެންޓިލޭޓަރުތައް ހޯދަން ކަމަށް ބުނެ ކޮންޓްރެކްޓުގެ %90އަށްވާ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނެވެ. އޭގެ ފަހުން:

  • ލިބުނީ ބާވެ، ބޭނުންކޮށްފައި ހުރި 15 ވެންޓިލޭޓަރު

  • ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދަން އުޅެއުޅެ ވެސް ނުލިބުނު

  • ބަދަލުގެ ގޮތުގައި 2.1 މިލިޔަން ޑޮލަރު (32.3 މިލިއަން ރުފިޔާ) ހޯދަން އޮޑިޓުން ނިންމި

  • 30 ދުވަހުގެ ތެރޭގައި 31 މިލިއަން ދައްކަން 10 އޮގަސްޓު 2021ގައި މުއްދަތު ދިން 

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާބިޓްރޭޝަނާ ހަމައަށް ދާން ޖެހުނީ ފައިސާ ދައްކަން އެ ކުންފުންޏަށް ތަކުރާރުކޮށް ފުރުުސަތުތަކަށް ދިން ނަމަވެސް އިޖާބަނުދިނުމުންނެވެ. 

ފާހަގަކޮށްލެވޭ - ހިޔާނާތުގެ މައްސަލަތަކެއް އޭސީސީގެ ތަހުގީގަށް ފާހަގަވެގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހެލްތް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީން އާއި އެ މިނިސްޓްރީގެ އިސް ބައެއް މަގާމުތަކެއް ފުރުއްވި ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދުނެވެ.

އެހެން ނަމަވެސް ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް