އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ވެންޓިލޭޓަރު ހިޔާނާތުން ގެއްލުނު 32 މިލިއަން ހޯދަން އާބިޓްރޭޝަނަށް ހުށަހަޅައިފި

އޭގެ އިތުރުން، އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވެސް ސަރުކާރުން އެދިފައިވޭ
27 ފެބްރުއަރީ 2023

ކޮވިޑުގެ ބަލިމަޑުކަމަށް ތައްޔާރުވުމަށް ވެންޓިލޭޓަރުތަކެއް ގެންނަން ހަވާލުކޮށް ސަރުކާރުން ފައިސާ ދެއްކި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ވެންޓިލޭޓަރުތައް ނުފޮނުވި މައްސަލަ ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައިފި އެވެ. ސަރުކާރުން އެ މައްސަލައިގައި އެދިފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 32 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

މައްސަލައިގެ ފެށުން - ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި 75 ވެންޓިލޭޓަރު ގަންނަން އެގްޒިކިއުޓާސް ކުންފުންޏާ އެކު ސޮއިކުރީ އެޕްރީލް 2020ގަ އެވެ. އަދި އެ ކުންފުނިން އެދިގެން ގެރެންޓީއެއް ނުހޯދައި ކޮންޓްރެކްޓުގެ %90އަށްވާ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނެވެ. އޭގެ ފަހުން:

  • ލިބުނީ ބާވެ، ބޭނުންކޮށްފައި ހުރި 15 ވެންޓިލޭޓަރު

  • ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދަން އުޅެއުޅެ ވެސް ނުލިބުނު

  • ބަދަލުގެ ގޮތުގައި 2.1 މިލިޔަން ޑޮލަރު (32.3 މިލިއަން ރުފިޔާ) ހޯދަން އޮޑިޓުން ނިންމި

  • 30 ދުވަހުގެ ތެރޭގައި 31 މިލިއަން ދައްކަން 10 އޮގަސްޓު 2021ގައި މުއްދަތު ދިން

  •  ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާބިޓްރޭޝަނާ ހަމައަށް ދާން ޖެހުނީ ފައިސާ ދައްކަން  އެ ކުންފުންޏަށް ތަކުރާރުކޮށް ދިން ފުރުުސަތުތަކަށް ވެސް އިޖާބަނުދިނުމުން؛ އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު

ވީ ކިހިނެއް؟ - އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ މައްސަލަ މި މަހުގެ 16 ވަނަ ދުވަހު ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފަ އެވެ.

ތަފްސީލް - އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ސަރުކާރުން އެދިފައިވަނީ:

  • އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް އެ ފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ ހޯދުމަށް

  • އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް

  • ސަރުކާރުން ހޯދަން އެދިފައިވާ ފައިސާގެ ޖުމްލަ 32.5 މިލިއަން ރުފިޔާއަށް އަރާ

  • އޭގެ އިތުރުން، އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވެސް އެދިފައިވޭ

ގުޅުން ހުރި ކަމެއް - އެގްޒިކިއުޓާސްއަށް ފައިސާ ދިނުމުގައި އިހުމާލުވި ކަމަށް ބަލައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާ ކުރަން އޭސީސީން އެތައް ފަހަރަކު އެދުނެވެ. ނަމަވެސް، ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ކޮންމެ ފަހަރަކު ވެސް ދައުވާ ނުކޮށް އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

ޕީޖީ އޮފީހުން މި މައްސަލާގައި ދައުވާކޮށްނުދިނުމުން އޭސީސީން މިދިޔަ އޮގަސްޓް މަހު ވަނީ މައްސަލަ ފައިލްކޮށްފަ އެވެ. އޭސީސީން މައްސަލަ ފައިލްކުރި ފަހުން، ޕީޖީ ހުސެއިން ޝަމީމު ވަނީ "އިސްލާހުކޮށްގެން" އަދިވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މީގެ ކުރިން ވިދާޅުވެފަ އެވެ.

އޭގެ ފަހުން:

  • މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ހެލްތުގެ މަގާމުތަކެއްގައި ތިއްބެވި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި 

  • މައްސަލަ ޕީޖީއަށް ފޮނުވިތާ ދެ މަސްދުވަހަށް ވުރެ ގުނަ ދުވަސްވެފައި ވާއިރު، އަދި މިހާތަނަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާފައެއް ނުވޭ

  • އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލައާ މެދު މި ހަފްތާގައި ގޮތެއް ނިންމަވާނެ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް