ޕީޕީއެމް-ޕީއެމްސީގެ ސެނެޓުގެ މިއަދުގެ ބައްދަލުވުން

ޕީޕީއެމް

ޔާމީން ވެރިކަމަށް ގެންނަން އެކުގައި ތިބުމަށް ސެނެޓުން އަހުދުވެއްޖެ

ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ގަރާރެއް ފާސްކޮށް، ޔާމީނަށް 'ދެމުުންދާ އަނިޔާތައް ހުއްޓާލައި، ވަގުތުން މިނިވަން ކުރުމަށް' ވަނީ ގޮވާލާފައި

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ މަސައްކަތްކޮށް، އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި ޕީޕީއެމް-ޕީއެންސީގެ ސެނެޓް މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް މިރޭ އަހުދުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު އިއްވި ހުކުމަށް ފަހު، ފުރަތަމަ ފަހަރަށް ޕީޕީއެމް-ޕީއެންސީގެ އެންމެ ބާރުގަދަ ގުނަވަން، ސެނެޓުގެ ބައްދަލުވުމެއް ހ. މީރުމާގައި މިރޭ ވަނީ ބާއްވާފަ އެވެ.

ތަފްސީލު - ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމުގައި އޮތީ، ސެނެޓްގެ ރިޔާސަތުން ހުށަހެޅި ގަރާރެއް ފާސްކުރުމާއި ޔާމީން ޖަލަށްލުމާ ގުޅިގެން ސެނެޓަރުންގެ ޝުއޫރު ފާޅު ކުރުމެވެ.

ޕީޕީއެމް-ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމުގެ ތެރެއިން: މި ބައްދަލުވުމުގައި ސެނެެޓަރުން ތިބީ ކަޅު ޓީޝާޓުގައި، ޔާމީން މިނިވަން ކުުރުމަށް ގޮވާލައި ލިޔެފައި ހުރި ޕޯސްޓަރުތައް ހިފައިގެން (ފޮޓޯ/ ޕީޕީއެމް)

ޔާމީނަށް އިއްވި ހުކުމް ބާތިލުކޮށް، އެމަނިކުފާނަށް "ދެމުުންދާ އަނިޔާތައް ހުއްޓާލައި، ވަގުތުން މިނިވަން ކުރުމަށް" އެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ. އެ ގަރާރުގައި ބުނެފައި ވަނީ:

  • ޔާމީންގެ މައްޗަަށް އިއްވި ހުކުމަކީ، ޖާނީ ދުޝްމަނުން މެދުވެރިކޮށް ފާސިގު ހެކި އުފައްދައި، ސަރުކާރުގެ ނުފޫޒުން އިސްލާމީ ޝަރީއާގެ ހަމަތަކާ ހިލާފަށް އިއްވި ހުކުމެއް ކަމަށް

  • އެ ހުކުމް ގަބޫލުނުކުރުމަށް ކޯލިޝަނުން ކަނޑައެޅުމަށް

  • މި ސަރުކާރުން ދަނީ އަސާސީ އެތައް ހައްގެއް ހިފަހައްޓަމުން ކަމަށާއި އެއާއެކު ސަރުކާރުގެ އިތުބާރު ވަނީ ގެއްލިފައި ކަމަށް

  • އެހެންކަމުން މިއީ، ފާސިގު އަނިޔާވެރި ސަރުކާރެއް ކަމަށް ކަނޑައަޅައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދިނުމަށް ގޮވާލާފައިވޭ

ގަރާރުގައި، ޔާމީން މިނިވަން ކުރުމަށް ކުރަން ޖެހޭ ބައެއް ކަންކަމަށް ވެސް އިގުރާރުވެފައިވެ އެވެ. އެގޮތުން ގަރާރުގައި ބުނީ:

  • މުޅި ރާއްޖޭގައި އެ ހުކުމާ ދެކޮޅަށް އިހްތިޖާޖު ކުރުމަށް

  • ރާއްޖޭގެ އިދާރީ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކާއި ޕީޕީއެމް-ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން މިކަމާ ގުޅިގެން ބަޔާން ނެރުމަށް

  • ޔާމީން މިނިވަން ކުރަންދެން ސަރުކާރުގެ ސިޔާސީ ކަންކަމަށް އެއްބާރުލުން ނުދިނުމަށް

"އެ ކަންކަން ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުމަށާއި [ޔާމީން] ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރުމަށާއި އެކަންކަން ކުރުމުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުމަށް އަހުދުވެ، ބައިބައިވުން އުފެއްދުމަށް އަދާވާތްތެރިން ކުރަމުންދާ ކަންކަމުން ދުރުހެލިވުމުގެ އަޒުމް އައުކުރުމަށް،" ގަރާރު ހުށަހަޅާ ބޭނުމުގެ ގޮތުގައި، އެ ގަރާރު ނިންމާލަމުން ބުނެފައިވެ އެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ، ހިޔާލުފާލުކުރެއްވި 42 ސެނެޓަރުން ހުށަހަޅުއްވި ބައެއް އިސްލާހުތަކާ އެކު، ބައްދަލުވުމަށް ވަޑައިގެންނެވި 89 ސެންޓަރުންގެ އިއްތިފާގުންނެވެ.

އެނގުން މުހިންމު - އާރަށުގެ މައްސަލައިގައި ޔާމީން 11 އަހަރަށް ޖަލަށް ލުމާ އެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، އެމަނިކުފާނު ޝަރީއަތުގައި ވިދާޅުވި ފަދަ، ޑޮލަރު ގަތުމުގެ މުއާމަލާތެއް ނޫންކަން ސާބިތުވާތީ އެވެ. އެގޮތުން:

  •  ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ އަހްމަދު ޝަކީލް ކުރެއްވި ހުކުމްގައި  ބުނެފައިވަނީ، އެމަނިކުފާނު ޑޮަލަރު މާރު ކުރި ކަމަށް ވިދާޅުވެ ދިފާއުވުމަށް ހުށަހަޅާފައިވާ ބައެއް ހެކިތަކަކީ ސައްހަ ނޫން ހެކިތަކެއް ކަމަށާއި އެއީ ނުހިނގާ ކަމެއް، ހިނގި ކަމަށް ދެއްކުމަށް ކުރި ކަމެއް ކަމަށް

  • ފައިސާ ލޯންޑާ ކުރުމަށް ގެންގުޅޭ ބައެއް އުކުޅުތައް ބޭނުންކޮށްފައިވާ ކަމަށް 

ކޮމެންޓް (2)

ސިކުނޑި

29 ޑިސެމްބަރު 2022
ކޮސްތެޅުން ހުއްޓާލައްވާފަ ކުރިއަށް ދިއުން ބުއްދިވެރި! ޕީޕީއެމަކީ ވަކިމީހަކު ފަހަތުން އުޅޭ ޕާޓީއެއްނޫން! މައުމޫން މުސްކުޅިވީމަ ބާކީވީ ފަދައިން ޔާމީނު ވައްކަންކުރީމާ ބާކީކުރަންޖެހޭ! ދިވެހި ރައްޔިތުން ގަބޫލު ކުރޭ ޔާމީން ސަރުކާރުގަ ނޭއްގާނި ކަންތައްތަކެއް ހިނގިކަން! މަގު ތަނަވަސްކޮށްގެން ވައްކަން ކުރުމަކީ ސްމާރޓްކަމެއް އެކަމަކު އެވެސް ވައްކަން! ދައުލަތުގެ މާލިއްޔަތަށް ލިބެން އޮތް އެއްޗެއް ނެގުމާއި މާލިއްޔާގައި ހުރި އެއްޗެއް ނެގުމާއި އެއްފަދަ! އާންމު މީހާއަށް ކުރާނީ އެއް އަސަރެއް! ލޯނުން ތަރައްގީކޮށްފަ ދައުލަތް ލޫޓުވާލީމާ އެ ލޯނު ދައްކަން ދަތިވާނެ!
0 0

ބިސްބުރި

29 ޑިސެމްބަރު 2022
ނަސީބަކުން ގޭންގު ބްރޯއިން ފެންނަލެއް ތަންކޯޅެއް މަދުވޭ އެބަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް