ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

އިދިކޮޅު ޕާޓީތަކުގެ މުޒާހަރާތައް ގާނޫނާ ހިލާފު ކަމަށް ބުނެ ފިޔަވަޅު އެޅުމަށް ޕީއެންސީގެ ގަރާރެއް މަޖިލީހަށް

އެ ގަރާރު ހުށަހެޅީ އެފަދަ ހަރަކާތްތަކާ މެދު ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން މެންބަރުންގެ ހިޔާލު ހޯދުމަށް

އިދިކޮޅު ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތައް ގާނޫނާ ހިލާފު ކަމަށް ބުނެ، އެ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މާލޭގައި މުޒާހަރާތައް ކުރަމުންދަނީ އެމްޑީޕީ އާއި ޕީއެންއެފުންނެވެ. ވަކި ޕާޓީއެއްގެ ނަން ނުގެނެސް އެ ހަރާތްތައް ހުއްޓުވުމަށް އެދި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ގަރާރު ޕީއެންސީގެ ފަރާތުން ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

ތަފްސީލު - އެ ގަރާރުގައި އަބްދުއްސަތާރު ވިދާޅުވީ، ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރާކަތްތައް ހިންގައި މަސްލަހަތު ނަގާލަމުންދާ ކަމަށެވެ. އަދި ޕާޓީތަކުގެ މުޒާހަރާތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގައި ދަތި އުނދަގޫ ކުރިމަތިވަމުންދާ ކަަމަށެވެ.

"ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތި އުދަނގޫތައް ވެސް ތަހައްމަލުކުރަން ޖެހިފައިވާތީ، އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވައި އެެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައި،" ގަރާރު ހުށަހަޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ފަރާތުން އެ ގަރާރު ހުށަހެޅުއެްވި  އަބްދުއްސައްތާރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލީސް)

އެހެންވެ ގަރާރު ހުށަހެޅުއްވީ، މިކަމުގައި މެންބަރުން ދެކޭ ގޮތެއް ބެލުމަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ގާނޫނުއަސާސީގެ ބައެއް ހައްގުތަކުގެ މާއްދާތަކާ ހަވާލާދީ އަބްދުއްސައްތާރު ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ލިބޭ ހައްގުތަކާއި މިނިވަންކަމާއި އެ މީހަކު އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކި ނުކުރެވޭނެ ދެ އަސާސް ކަމަށެވެ. އެގޮތުން، އޭނާ ފާހަގަ ކުރެއްވި ގޮތުގައި:

  • ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި، މިނިވަންކަމާ އެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި އެ ނޫން ވެސް ގޮތް ގޮތަށް ފާޅު ކުުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވޭ

  • ގާނޫނުއަސާސީގެ 30 ވަނަ މާއްދާއިން ސިޔަސީ ޕާޓީ އުފައްދައި ޕާޓީތަކުގެ  ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވޭ

  • ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ މީހަކަށް އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ލިބިގެންވޭ

ފާހަގަކޮށްލެވޭ - މުޒާހަރާތައް ކުރާ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ޕީއެންސީ މަޖިލީހަށް މިއަދު ގަރާރެއް ހުށަހެޅިއިރު، އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ޕީއެންއެފްގެ މަގުމަތީ ހަރަކާތްތައް ގާނޫނާ ހިލާފު ކަމަށް ބުނެ، ފިޔަވަޅު އަޅާނެ ކަމަމުގެ ފަހުގެ އިންޒާރު ދީފަ އެވެ. އަދި އޭގެ ކުރިން ވެސް ނަސޭހަތް ދީފައިވެ އެވެ.

ކޮމެންޓް (3)

ތެފައާސާ.

5 މޭ 2026
ސާބަހޭ. ރައްޔިތުންގެ ވިންދާއި އެއްގޮތަށް ވެރިކަން ފުރޮޅާލުމުގެ މަސައްކަތަށް އިތުރުވި ބޮޅެއް. ރައީސް މުއިއްޒުއަށް ޚުޝާމަދު ކުރުމުގެ ގޮތުން ނޫނީ އެމަނިކުފާނާއި ގުޅޭގޮތުން އެއްވެސް މީހަކަށް އެއްވެސް ބަހެއް ނުބުނެވޭނެކަމަށް ކަނޑައަޅަންވެސް ގަރާރެއް ހުށައަޅަން ފެނޭ!!!
4 0

ރުވާ

5 މޭ 2026
ތިޔަ މީހުން މަގުމަތީ މުޒާހަރާކޮށް އާއްމުންނަށް ދުއްތުރާދިން ހަނދާން ނެތުނީ ދޯ؟
4 0

ސިކުނޑި

5 މޭ 2026
ތީ މަޖިލީހަކާ ބެހޭކަމެއްނޫން! ރާއްޖޭގައި ކުރާ ވައްކަން ހުއްޓުވޭތޯ ބަލާ!!
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް