ޕީއެންއެފުން ކޮންމެ ރެއަކު ބާއްވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި އެލްސޯފާ މަގުމައްޗަށް ނެރެ ބަހައްޓައިގެން މުޒާހަރާގެ ބައިވެރިން ސޯފާގައި އިށީނދެ (ފޮޓޯ/ ޕީއެންއެފް)

ޕީއެންއެފް

ޕީއެންއެފްގެ ހަރަކާތްތައް އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ ފަހު އިންޒާރު ދީފި

އީސީއިން ޕީއެންއެފްއަށް އިންޒާރު ދިނީ 'އަދަދު' ނޫހުން މިދިޔަ މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމަންޓަރީއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކުރި ފަހުން މުޒާހަރާތަކުގައި އެ ވާހަކަ ދައްކަމުން ދަނިކޮށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަންކަން ކުރަމުންދާ ކަމަށާއި އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފި އެވެ.

ވީ ކިހިނެއް؟ - 'އަދަދު' ނޫހުން މިދިޔަ މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމަންޓަރީއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކުރި ފަހުން ޕީއެންއެފްގެ މުޒާހަރާތަކުގައި ދަނީ އެ ވާހަކަ ދައްކަމުންނެވެ. އަދި ގިނަ ރޭތަކުގައި މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ސޯފާއެއް ނެރެ ބަހައްޓައިގެން އެ މަންޒަރުތައް ލައިވްކޮށް ދައްކަ އެވެ.

އީސީއިން ޕީއެންއެފްއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިރޭ ދިނީ އެފަދަ އަމަލުތައް އެ ޕާޓީގެ އެއްވުންތަކުގައި ތަކުރާރު ނުކުރުމަށް މިފަހުން ނަސޭހަތްތެރިވުމަށްފަހު އެވެ.

ބުނީ ކީކޭ؟ - އީސީއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ޕީއެންއެފްގެ އެއްވުންތަކާއި ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތައް ކުރަމުންދާކަމުގެ ޝަކުވާ ތަކުރާރުކޮށް އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށާއި އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެކަން އެ ޕާޓީއަށް ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ.

"ހަމައެހެންމެ މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މި ކޮމިޝަނަށް ހާޒިރުވުމަށް ދައުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ހާޒިރުވުމަށް ޕީއެންއެފްއިން އުޒުރުވެރިވެފައިވާކަން ފާހަގަކުރަމެވެ،" އީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ވީމާ، އިސްވެ ބަޔާންކުރެވުނު އަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ ވާހަކަ ދަންނަވަމެވެ."

ތަފްސީލު - އޭގެ އިތުރުން އީސީއިން ސިޔާސީ ޕާޓީގެ ގާނޫނާ ހަވާލާދީ ބުނީ:

  • އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް

  • ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ އަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ވެސް ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް

ގުޅުންހުރި - ޕީއެންއެފްގެ ހަރަކާތްތަކުން އާންމުންގެ މެދުގައި ނަފްރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމަށް ބުނެ، އެފަދަ ކަންކަން ހުއްޓާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންގާފަ އެވެ.

ކޮމެންޓް (3)

ސިކުނޑި

5 މޭ 2026
މިހާރުގެ އިލެކްޝަން ކޮމިޝަނަކީ ރައީސަކުވެސް ނެތް ތަނެއް! ރައްޔިތުން އިތުބާރެއް، އިހުތިރާމެއް ނުކުރޭ މިހާރުގެ ސަރުކާރަކަށްވެސް މިނިވަން މުއައްސަސާއަކަށްވެސް! ގައުމެއް ހަވާލު ކުރީމާ ދެއަހަރުބައި ވަންދެން ހަޑި ހޭވީމާ ވާނެ ހައެތި މިގައުމަށްވެފަ މިއޮތީ!!
1 0

ހަސަނު

5 މޭ 2026
އެމްއެމްޕީއާރުސީ ދަވާލި ވާހަކަ ގޮވަންވީނު މާތާހިރުވާނެ.
0 0

ސިކުނޑި

5 މޭ 2026
@ހަސަނު ނެތެއްނޫންތޯ އެވާހަކަ ގޮވޭކަށް؟ ހުރިހާ އެންމެންގެ ފަސްބައިގައި އެ ގުއި ހޭކިފަ ހުރީ! އެންމެ ބޮޑެތި މަންފާ ލިބިފަ ތިބި މީހުން ތިބީ އަދުގެ ސަރުކާރުގައި!!! ވެރިއެއްގެ ހައިސިއްޔަތުން ރައީސްޔާމީން ޒިންމާ ވާންޖެހެނީ، ރަނގަޅު!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް