ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީއެންއެފްއިން ބޭއްވި ޖަލްސާއަކަށް އެ މަނިކުފާނު ވަޑައިގެން، ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ (ދައުރު ފައިލް ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ޕީއެންއެފް

މިންގަނޑާ ހިލާފަށް ޕާޓީތަކުގެ ވެރިންނާއި މެމްބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔަން އީސީ އިން ޔާމީނަށް އަންގައިފި

އިލެކްޝަންސް ކޮމިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުވި ސިޓީއެއްގައި ބުނީ ޕީއެންއެފްގެ މުޒާހަރާތަކުގައި ދައްކަމުންދާ ވާހަކަތަކުން ނަފްރަތު އުފެދި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން މިހާރު ކޮންމެ ރެއަކުހެން މަގުމަތީގައި ހިންގާ ހަރަކާތްތަކުން އާއްމުންގެ މެދުގައި ނަފްރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމަށް ބުނެ، އެފަދަ ކަންކަން ހުއްޓާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެ މަނިކުފާނަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ -  'އަދަދު' ނޫހުން މިދިޔަ މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމަންޓަރީއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކުރި ފަހުން ޕީއެންއެފްގެ މުޒާހަރާތަކުގައި ދަނީ އެ ވާހަކަ ދައްކަމުންނެވެ. އަދި ގިނަ ރޭތަކުގައި މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ސޯފާއެއް ނެރެ ބަހައްޓައިގެން އެ މަންޒަރުތައް ލައިވްކޮށް ދައްކަ އެވެ.

ތަފްސީލް - އީސީއިން ޔާމީނަށް ފޮނުވި ސިޓީއެއްގައި ބުނީ އެ މުޒާހަރާތަކުގައި އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެކަން ކުރަނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ސުލޫކީ މިންގަނޑާ ހިލާފަށް ކަމަށެވެ.

އެހެންވެ، އެ ފަދަ އެއްވުންތަކުގައި ވަކި ކަންތައްތަކެއް ނުކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުން.

  • މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ހަގީގަތާހިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުން

  • އަދި ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާއްމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުން

އީސީގެ ސިޓީގައި ބުނީ ގާނޫނާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން މަރުހަބާ ކިޔާނެ ކަމަށެވެ.

ގުޅުންހުރި - މީޑިއާ ކޮމިޝަނުން އިއްޔެ ވަނީ ޕީއެންއެފް މުޒާހަރާގެ މަންޒަރުތައް ލައިވްކޮށް ދެއްކުން ހުއްޓާލުމަށް ޗެނަލް 13 އަށް އަންގާފަ އެވެ. އެ ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނީ އެތަނުން ލައިވްކުރަމުން ދަނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ހަދާފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ ހަމަތަކާ ހިލާފު މަންޒަރުތަކެއް ކަމަށެވެ.

ކޮމެންޓް (3)

ތެފައާސާ.

29 އޭޕްރީލު 2026
ހަސަނަށް ހީވާނީ ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލަފާނެހެން. މިވެސް އެހެން ވެފައި އޮތް ކަމެއް ދޯ؟ ވަކި ބޭފުޅަކަށް މި ހީވަނީ ސޯފާއެއް ދައްކަންޏާ އެއީ ތިމަންނަޔާއި ބެހެނީއޭ؟
3 0

ސާމަރާ

29 އޭޕްރީލު 2026
ވައްކަންކުރީމަ ނުކުރެއޭ ބުނެވޭތޯ؟ ޤައުމުގެ އިޖްތިމާޢީ ފޭރާން ވީދާ ކުދިކޮށްލާއިރު ހައްޕުކިޔައިގެން ތިބެންވީތޯ؟
1 0

ސިކުނޑި

29 އޭޕްރީލު 2026
އިލެކްޝަން ކަމިޝަނަކީ އިންތިހާބު ރާވާހިންގާ ތަން، މާބޮޑަށް މުއިޒުވާން އުޅޭނެ ކަމެއްނެތް! ރައީސް ޔާމީނު ފަހަތުން ވަގަށްގޮވަމުން މީހުން ދުވި އިރުވެސް ތިޔަ އިލެކްޝަން ކަމިޝަނެއްއޮތް! މީސްމީހުންގެ ޒާތީ ދިރިއުޅުމަށް ސަރުކާރުގެ ވެރިން އަރައިގަންނަންޏާ މީހުން އެވާހަކަ ދައްކާނެ! ރަނގަޅު ގޮތަކީ މުޖުތަމަޢުގައި ފިތުނަ އުފެދޭ ކަންކަން، ދޮގުހެދުމާއި ވައްކަން ކުރުމާއި ހިލޭ އަންހެނުންނާއި ގުޅުން ބޭއްވުން ފަދަ ކަންކަން ވެރިން ނުކުރުން!!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް