މިއަދުގެ މަޖިލިސް ޖަލްސާގައި މުއްތޮލިބު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މުއްތޮލިބު 2 އަހަރު ފަހުން ވެސް ވިދާޅުވީ ތަޖުރިބާ ނެތުމުން އެފްކޮންސް އަދިވެސް ދަސްކުރަނީ ކަމަށް

މުއްތޮލިބު ވިދާޅުވި ގޮތުގައި، މަޝްރޫއު ލަސްވާތީވެ އެފްކޮންސް ޖޫރިމަނާކޮށް ފިޔަވަޅު އަޅައިފި ނަމަ، އެ މަސައްކަތް އެއްކޮށް ހުއްޓިދާނެ

ކުރީ ސަރުކާރުން ތިލަމާލޭ ބްރިޖު މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސްއަކީ، ކަނޑުގައި ބްރިޖު އެޅުން ފަދަ ތަޖުރިބާއެއް ނެތް ކުންފުންޏަކަށްވުމުން އަދިވެސް އެ ކުންފުނި އުޅެނީ ދަސްކުރުމުގައި ކަމަށާއި އެ މަޝްރޫއު ލަސްވަނީ ވެސް އެހެންވެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އެގޮތަށް ވިދާޅުވީ، ގަލޮޅު އިތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ކުރެއްވި ސުވާލަކީ:

  • ރައީސް މުހައްމަދު މުއިއްޒު ބްރިޖާ ގުޅޭ ގޮތުން މިފަހުން ވަރަށް "ނާއުންމީދު ވާހަކަަތަކެއް" ދެއްކެވި ކަމަށާއި، އެހެންކަމުން ބުރިޖުގެ މަޝްރޫއު ގޮސްފައިވާ ހިސާބަކީ ކޮބައިތޯ އާއި އެ ބުރިޖު ނިމޭނެތޯ އަދި ކޮން ދުވަހަކަށްތޯ މަޝްރޫއޫ ނިމޭނީ؟

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު މުހައްމަދު އިބްރާހިމް، ވަޒީރާ ސުވާލު ކުރައްވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލު - އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ތަރައްގީއަށާއި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް މުހިންމު މަޝްެރޫއެއް ކަމަށެވެ. އެހެންވެ މި ސަރުކާރު ފެށުނީއްސުރެ މަސައްކަތްކޮށްފައި ވަނީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެނ،ް ހުރި މައްސަލަތައް ހައްލު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ފެށުނީއްސުރެ މި ސަރުކާރުން މަސައްކަތްކޮށްފައި ވާނީ ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާ އެކު މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް މަޝްރޫއު ނިންމުމަށްޓަކައި [އަދި] ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ކުރިއަށް ދިޔުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މުއްތޮލިބު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އެ މަޝްވަރާތަކުން މަޝްރޫއު ނުހުއްޓި ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، މަޝްރޫއު ލަސްވަނީ އެފްކޮންސް ކުންފުނީގައި އެކަމުގެ ތަޖުރިބާ ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ކުރީކޮޅު، ޑިސެމްބަރު 2023ގައި ވެސް މުއްތޮލިބު ވިދާޅުވީ، އެފްކޮންސް އުޅެނީ ދަސްކުރުމުގައި ކަމަށެވެ. އޭގެ ފަހުން، ދެ އަހަރު ފަހުން، މިއަދު ވެސް މުއްތޮލިބު ވިދާޅުވީ، އަދިވެސް އެ ކުންފުނި އުޅެނީ ދަސްކުރުމުގައި ކަމަށެވެ.

"އަޅުގަނޑު މަގާމާ ހަވާލުވެ ދިން ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި ފަދައިން މިފަދަ ކަނޑު ގަދަ ސަރަހައްދެއްގައި ބްރިޖު އެޅުމަކީ، ކޮންމެ ކޮންމެ ބަޔަކަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ، އެކަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރަކީ، [އެފްކޮންސްއަކީ] އެފަދަ މަސައްކަތެއް މީގެ ކުރިން ކޮށްފައިވާ ފަރާތަކަށް ނުވާތީ އެ ފަރާތަށް ދަސްކުރަން ވަގުތު ނެގީ. އެކަންތައް އަދިވެސް އަޅުގަނޑުމެންނަށް ފެނޭ."

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިޖު މަޝްރޫއާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަ

އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ:

  • މިދިޔަ ސަރުކާރުގައި އެ މަޝްރޫއު ނިންމޭނެ ކަމަށް ކަނޑައެޅި މުއްދަތުގެ އިތުރަށް، އިތުރު 30 މަސް ވެސް މި ސަރުކާރުގައި ދިން

  • އެ 30 މަސް ވެސް މާޗު މަހަށް ނިމުނުއިރު، އަދިވެސް ނުނިމޭ

"މިހާރު ވެސް މަސައްކަތް މި ކުރަނީ އަނެއްކާވެސް ކޮންޓްރެކްޓަރަށް ވަގުތު ދީގެން މަސައްކަތް ނިންމުމަށްޓަކައި. އަޅުގަނޑުމެން ކޮންޓްރެކްޓަރު ޖޫރިމަނާކޮށް ފިޔަވަޅު އަޅައިފި ނަމަ، މަޝްރޫއު ހުއްޓި، އޭގެން ރައްޔިތުންނަށް ފައިދާއެއް ނުކުރާނެ،" އެއީ ބޮޑު ލޯނެއް ނަގައިގެން ހިންގާ މަޝްރޫއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ، އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ، އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން މަޝްރޫއު ނިންމުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، 2027 ވަނަ އަހަރުގެ ނިޔަލަށް ބްރިޖު ބޭނުން ކުރެވެން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (3)

ކުރިކީލަ

29 އޭޕްރީލު 2026
މުއްތޮލިބު ވެއްޖެނު ރަސްމާލޭގައި އަޅަން އުޅޭ ބިއްލޫރި ޓަނެލްގެ މޮޑެލަކަށް ތިލަމާލެ ބުރިޖުގެ އަޑިން ނަމަވެސް ޓަނެއް ހަދާލަން .2028 އަށް ނިކުންނައިރު ބިއްލޫރި ޓަނެލް ނުދައްކައިފިއްޔާ ކަން ތައް ނިމުނީ އިނގޭ....
1 0

މިމް

28 އޭޕްރީލު 2026
މެނޭޖްކުރަނީ ކޮންޓްރެކްޓެއް ތޯ؟ ނޫނީ ލާހޫރޭއެއް ތޯ؟
0 0

ޑރ ކޮފިން ހޯމް

28 އޭޕްރީލު 2026
ކޮފިން ހޯމް ސަންދޮކުގެ ހެދުން ނޫން ކަމެއް މިމީހުން ނުކުރޭ. ރީތި ތަންތަނުގަޔާ ގެތަކުގައި އުޅެންވީ ޓުއަރިސްޓުން މަމެން އުޅެންވީ ހޮންކޮންގެ ޑަޕްތައް ފަދަ ތަނުގައި. މިމީހުން އާއިލާ އުޅޭނީ ލަންޑަންގެ ގެތަުގައި މަމެންގެ ލާރި ކައިގެން ނުޖަހާ . މިދަނީ ދައުރަށް އެމީހުން ޖަހާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް