ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ބްރިޖު މަޝްރޫއު ލަސްވާތީ ރައީސްގެ ހިތްހަމަނުޖެހުން

ރައީސް ވިދާޅުވީ ބްރިޖު މަޝްރޫއާ ގުޅިގެން ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުން އަންނަ ކަމަށް؛ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ރައްޔިތުން ވެސް ހިތްހަމަނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި

މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި އަޅާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ މިންވަރު ވަރަށް ލަސްކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ހިތްހަމަނުޖެހުން މިއަދު ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބްރިޖު މަޝްރޫއާ ގުޅިގެން ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - "މުއްދަތު އިތުރުކޮށްދެން ވެސް ވަރަށް ބޮޑަށް އެދިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފައި އިތުރަށް މުއްދަތު ވެސް ދީފިން. ހަމަ ޔަގީނުން ވެސް އަޅުގަނޑު ހިތްހަމައެއްނުޖެހޭ ދާ ސްޕީޑާ ދޭތެރޭ. އަޅުގަނޑު ހިތެއް ނުބުނޭ އެ ޕްރޮޖެކްޓު ދާ ސްޕީޑު ކަމުދާ ރައްޔިތަކު ހުންނާނެއެކޭ ވެސް،" ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫހު ސްޕީޑު ލަސް ނަމަވެސް ކުރިއަށް އެބަދާ ކަމަށާއި ސަރުކާރުން ކޮށްދެންޖެހޭ ކަންތައް ފުރިހަމަކޮށްދެމުން އަންނަކަން ރައީސް ތަކުރާރުކުރެއްވި އެވެ.

"މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ޑޭޓޭއް ދިނިން. އެ ޑޭޓު ދިމައެއް ނުވި. އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް އެއަކު. ދެން މިފަހަރު ރިޔާސީ ބަޔާނުގައި ނުވެސް ގެންނަން އެ ބައެއް. ދެން ޕްރޮޖެކްޓު ނިމުނީމާ އަޅުގަނޑުމެން ވަރަށް އުފާކުރާނަން،" ޗައިނާގެ ހިލޭ އެހީ އަދި ލޯނުގައި ސިނަމާލެ ބްރިޖު އެޅިއިރު އެ މަޝްރޫއު ހިންގި މިނިސްޓްރީގެ މިނިސްޓަރަކަށް އޭރު ހުންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ ޕައިލިން މަސައްކަތް ކުރަނީ. (ފޮޓޯ/ހައުސިން މިނިސްޓްރީ)

ރައީސް ވިދާޅުވީ މިހާރު ބްރިޖު ނިންމަން ދީފައި އޮތް ތާރީހަކީ 2027 ކަމަށާއި ކުރިން އޮތީ މި އަހަރު ނިމޭ ގޮތަށް ކަމަށެވެ.

ގުޅުން ހުރި - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވެސް ވަނީ ބްރިޖު މަޝްރޫއު ނިމޭނެ ތާރީހު އަންނަ އަހަރަށް ލަސްވެފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. މިނިސްޓަރު ވެސް ވަނީ އެ މަޝްރޫއުގެ ސްޕީޑު ލަސް ކަމަށް ވިދާޅުވެފަ އެވެ.

މުއްތޮލިބް ވިދާޅުވީ ކުރީ ސަރުކާރު ނިމުނު އިރު ކޮންޓްރެކްޓަރަށް އިތުރު ފައިސާ ދިނުމަކާ ނުލާ 30 މަހުގެ މުއްދަތު އިތުރުކޮށްދިން ކަމަށާއި އޭގެ ސަބަބުން 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ކޮންޓްރެކްޓަރު އަތުން ދާ ކަމަށް ބުނެފައިވާ ކަމަށެވެ.

"ނަމަވެސް އެ މުއްދަތު ދީފައި އޮތީ ދައުލަތުން ޒިންމާވާން ޖެހޭ ކަމެއްގެ ސަބަބުންނެއް ނޫން. ކޮންޓްރެކްޓަރުގެެ ޕާފޯމަންސް ދަށްވެގެން ކޮންޓްރެކްޓަރުގެ ޒިންމާގެ ދަށުން އަންނަ ޑިލޭއަކަށް ދައުލަތުން ޒިންމާވާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މުއްތޮލިބު ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން މަޝްރޫއު ވީހާ ވެސް އަވަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މަސައްކަތް ކުރިއަށް އެބަދޭ. ވިލިމާލެ އާއި މާލެއާ ގުޅާލުމުގެ ކުލަމަތި ވެސް ފެންނަމުން އެބަދޭ. އެ ސެގްމެންޓުތައް އެޓޭޗު ކުރަމުން އެ ދަނީ،" އޭނާ ވިދާޅުވި އެވެ.

މިހާރަށް ވުރެ ވެސް މަސައްކަތް އަވަސްކުރެވޭނެ ގޮތްތައް ހުރިތޯ ބަލަމުން އަންނަ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

"މިހާރު އޮތް ގޮތުން ވިއްޔާ މި އަހަރު ނިމޭއިރަށް ގާތްގަނޑަކަށް ވިލިމާލެއާ ހަމައަށް ގުޅާލެވޭނެ ކަމަށް ބަލަނީ. ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ މިހާރު ގުޅިފަޅު ވެސް އާބާދުވަމުން އަންނާތިއްޔާ އެއްކޮށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ އެކީ މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރޮޖެކްޓު ނުހުއްޓި ކުރިއަށް އެބަދޭ. މިހާރު ދާ ގޮތަށް ދާ ކަމަށް ވަންޏާ 2027 ވަނަ އަހަރު ޕްރޮޖެކްޓު ނިމޭނީ."

ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން

  • އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅާލާނެ

  • މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން

ކޮމެންޓް (2)

ޖަވާދު

20 އޭޕްރީލު 2026
ތިޔަ އެމްޑީޕީ ކޮށްފަ އޮތް އެއްކަމެއްވެސް ރަގަޅައް ދިޔަތަ...ގައުމު ބަގުރޫޓް ކޮށްލާފަ ގޮސް އަނެއްކަ އެދިމާކުރަނީ ވެރިކަމާ..ރައްޔިތުން ވިސްނާ
2 2

ހަމަހަމަ

20 އޭޕްރީލު 2026
@ޖަވާދު ބްރޯ އަށް.... ޗައިނާއިން މާލޭގައި ހެދި މަގުތަކުގައި އަހަރެމެން މި ދުއްވަނީ މިހާރު... މަޝްރޫޢު 2 ފަހަރަށް ސޮއި ކޮށްފި.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް