ތިލަމާލެ ބްރިޖުގެ މާލެއާއި ވިލިގިލިއާ ދެމެދު ޖަހާފައި ހުރި ތަބުތައް(ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެފްކޮންސް އަދިވެސް ދަސްކުރުމުގައި؛ އާ ތާރީހަށް ވެސް ނިންމޭނީ އަވަސްކޮށްގެން: މުއްތަލިބު

ޝެޑިއުލުން ކައްސާލާފައި އޮތް ތިލަމާލެ ބްރިިޖު މަޝްރޫއުގެ މުއްދަތު، ކުރީ ސަރުކާރުގެ ފަހު ދުވަހުގައި ސެޕްޓެމްބަރު 2026ގެ ނިޔަލަށް އިތުރުކޮށްދީފައިވޭ
6 ޑިސެމްބަރު 2023
4

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލެ ބްރިޖު އަޅާ އެފްކޮންސް ކުންފުންޏަށް އަދިވެސް 'ލާނިން ކާވް'އިން ނުނުކުމެވޭ ކަމަށާއި މަސައްކަތް އަވަސް ނުކޮށްފި ނަމަ، ފަހުން ދީފައިވާ ތާވަލަށް ވެސް އެ މަޝްރޫއު ނުނިންމޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، އެ ގައުމުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މި ބިޔަ މަޝްރޫއު ތާވަލުން ކައްސާލާފައިވާ އިރު، މިދިޔަ ސަރުކާރުން ވަނީ މަސައްކަތް ނިންމަން ޖެހޭ ތާރީހު ފަސްކޮށް، މަސައްކަތުގެ އެއްބަސްވުން އިސްލާހުކޮށްފަ އެވެ.

  • ކުރިން އެއްބަސްވެފައި އޮތީ 17 މެއި 2024އަށް މާލެއިން ތިލަފުއްޓާ ހަމައަށް ގުޅުވާލަން

  • ނަމަވެސް، ކުރީ ސަރުކާރުގެ ފަހު ދުވަހު، 30 ސެޕްޓެމްބަރު 2026އަށް މަސައްކަތް ނިންމާ ގޮތަށް މުއްދަތު ވަނީ އިތުރުކޮށްދީފައި

22 ނޮވެމްބަރު 2023 - ތިލަމާލެ ބްރިޖް: މާލެއާއި ވިލިމާލެއާ ދެމެދު ޖަހާފައިވާ ތަނބުތައް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބުނީ ކީކޭ؟ - މިނިސްޓަރު މުއްތަލިބު މިދިިޔަ ހޯމަ ދުވަހު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖު ތާވަލުން ކައްސާލި މައިގަނޑު އެއް ސަބަބަކީ މި ވަރުގެ މަސައްކަތެއްގެ ތަޖުރިބާ ކޮންޓްރެކްޓަރުގެ ނެތުމެވެ.

"އަޅުގަނޑު އެއްވެސް އިރަކު ނުދަންނަވަން އެފްކޮންސްއަކީ ސިވިލް ޕްރޮޖެކްޓުތައް ހިންގުމުގައި ތަޖުރިބާ ނެތް ކުންފުންޏެކޭ. އެބަހުރި މަގުތަކާއި އެއްގަމުގައި ހުންނަ ބްރިޖުތަކާ އެފަދަ ބޮޑެތި މަޝްރޫއުތައް ހިންގާފައި،" މުއްތަލިބު ވިދާޅުވި އެވެ.

"އެހެން ނަމަވެސް، މިކަހަލަ އެގްރެސިވް (އޮއި ބާރު، ބޮޑެތި ރާޅު ނަގާ) މާހައުލެއްގައި މަޝްރޫއު ހިންގުމުގެ ތަޖުރިބާ ނެތުން އެއީ އެންމެ ބޮޑު އެއް ތަފާތު."

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފްސީލު - މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ބުރަކަމާއި މިފަދަ މާހައުލެއްގައި މަސައްކަތް ކުރަން ހުރި އުނދަގޫތައް އެފްކޮންސްއަށް ވިސްނިފައި ހުރި ގޮތް ތަފާތުވެފައި، ވާން ޖެހޭ ވަރަށް ތައްޔާރުވެ، މަޝްރޫއު ޕްލޭން ކޮށްފައި ވެސް ނެތެވެ. އަދި މަޝްރޫއަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ތަކެތި ބޭނުންވާ ބާރުމިނުގައި ގެނެސްފައި ނެތުމަކީ ވެސް މަޝްރޫއު ލަސްވި ސަބަބުތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ލާނިން ކާވެއްގެ ތެރެއިން އަދިވެސް އެ ބޭފުޅުންނަށް މުޅިއަކުން ނުކުމެވުނީއެއް ނޫން. އަދިވެސް އެ ބޭފުޅުން މަސައްކަތް އެކްސެލެރޭޓު ކުރަން ޖެހޭނެ. އެކްސެލެރޭޓު ކުރެވިއްޖެއްޔާ މިހާރު ކަނޑައެޅިފައި އޮތް ތާރީހަށް ވެސް ނިންމޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފުރަތަމަ ވެސް ދިނީ ބުއްދި ގަބޫލު ނުކުރެވޭ ތާވަލެއް

އެންމެ ފުރަތަމަ އެއްބަސްވެފައި އޮތީ ތިލަމާލެ ބްރިޖު 27 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްތަލިބު ވިދާޅުވީ އެ މުއްދަތުގައި މަޝްރޫއު ނިންމާނީ ކިހިނެއްތޯ، އިންޖިނިއަރެއްގެ ހައިސިއްޔަތުން އޭރު ވެސް އޭނާއަށް ސުވާލު އުފެދުނު ކަމަށެވެ. އޭނާ ވިދާޅުވީ މި މަޝްރޫއު އެ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށް ބުނުމަކީ "އަންރިއަލިސްޓިކް" ވާހަކައެއް ކަމަށެވެ.

"މި ކޮޅުގައި [ތިލަމާލެ ބްރިޖު މަޝްރޫއު އަކީ] ތިން ބްރިޖަކާއި މަގަކާ އެއްކޮށް އޮތް މަޝްރޫއަކަށް ވާތީ ކޮންސަލްޓަންޓް އޭރު ވެސް ލަފާ ދެއްވާފައި އޮތް ކަމަށް ވަނީ 42 މަސްދުވަހާއި 48 މަސްދުވަހާ ދޭތެރޭގައޭ ނިންމޭނީ. ސަރުކާރަށް އެ ގޮތަށް ލަފާ ދެއްވާފައި އޮތް ކަމަށް ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ސަރުކާރުން އޭރު ވަކި ޓާގެޓުތަކެއް ހުރީމަ 27 މަސްދުވަހަށް ޕުޝްކޮށްލާފައި އެ އޮތީ."

އެންމެ ފުރަތަމަ އެއްބަސްވުމުގައިވާ ގޮތުގައި:

  • މާލޭން ފެށިގެން ގުޅިފަޅާ ހަމައަށް ބްރިޖު ގުޅާލަން އޮތީ ދެ އަހަރާ ތިން މަހުން؛ އެއީ މި މަހުގެ 14އަށް

  • ތިލަފުއްޓާ ހަމައަށް ގުޅާލައި ބްރިޖް އެއްކޮށް ނިންމަން އޮތީ ދެ އަހަރާއި ހަތް މަހުން؛ އެއީ 17 މޭ 2024އަށް

އިސްލާހު ކުރި އެއްބަސްވުމުގައި ދީފައިވާ ތާރީހުތައް:

  • މާލެ އާއި ވިލިމާލެ ގުޅާލުން ޑިސެމްބަރު 2025ގެ ނިޔަލަށް؛ މިނިސްޓަރު ވިދާޅުވީ މިއީ އެގްރިމަންޓުގައި އޮތް ތާރީހެއް ނޫން ކަމަށާއި ނަމަވެސް އަނގަބަހުން އެގޮތަށް އެއްބަސްވެފައިވާ ކަމަށް

  • ވިލިމާލެ އިން ގުޅިފަޅަށް ގުޅާލުން 30 ޖޫން 2025ގެ ނިޔަލަށް

  • ބްރިޖްގެ ބާކީ ބައި ސެޕްޓެމްބަރު 2026ގެ ނިޔަލަށް

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރަމުންދާ އެފްކޮންސްގެ މަސައްކަތު ސައިޓު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރަމުންދާ އެފްކޮންސްގެ މަސައްކަތު ސައިޓު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތިލަމާލެ ބްރިޖު މަޝްރޫއު އަވަސްކުރަން ކުރެވިދާނެ ކަމަށް މުއްތަލިބު ފާހަގަކުރެއްވި ބައެއް ކަންތައްތައް:

  • ޕައިލިން މަސައްކަތް އަވަސްކުރުން

  • މާލެ-ވިލިމާލެ ގުޅާލާ ބައިގެ ކާސްޓިން މަސައްކަތްތައް އަވަސްކުރުން

  • ގުޅީފަޅު ހިއްކާ ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން ބިން އަވަހަށް ހޯދުން؛ އެކަން ވެއްޖެ ނަމަ، ގުޅީފަޅުގެ މަގުތަކުގެ މަސައްކަތް ފެށިދާނެ

ތިލަމާލެ ބްރިޖުގެ މާލެއާ ވީ ކޮޅުން ތިލަމާލެ ބްރިޖަށް އަރާ ދިމާލުން ފެންނަ ގޮތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ތިލަމާލެ ބްރިޖުގެ މާލެއާއި ވިލިގިލިއާ ދެމެދު ޖަހާފައި ހުރި ތަބުތައް(ދައުރު ފޮޓޯ/ހުސައިން ސުނޭން)

"މިހާރު 60 މަހަށް ގާތްގަނޑަކަށް ދިގުދެމިގެން މި ދިޔައީ. ގެއްލުނު ވަގުތާއި ލަސްވުމާ ހުރިހާ އެއްޗަކަށް ބަލާއިރު މިހާރު އެ އޮތީ އަސްލު ރިއަލިސްޓިކްކޮށް ނިންމޭނެ ތާރީހެއް ކަމަށް އަޅުގަނޑު ދެކެނީ،" މުއްތަލިބު ވިދާޅުވި އެވެ.

"އެހެން ނަމަވެސް، އަދިވެސް އެ ބޭފުޅުން މަސައްކަތް އަވަސް ކުރަން ޖެހޭ. ކޮށްފި ކަމަށްވާ ނަމަ، [އެ] ޓާގެޓާ ހަމައަށް ނިންމިދާނެ."

ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭމަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން  

ކޮމެންޓް (4)

މާލޭ އަދުރޭ

6 ޑިސެމްބަރު 2023
ރަނގަޅުތާ ހިންދުކަރައިގެ ޱޮކްޓަރުންވެސް މިޤައުމަށް އަންނަނީ ދަސްކުރަން ބުރިޖު ކުންފުނިން ދަސްކުރަން އަޔަސް ހަމަރަނގަޅުތާ މީއެމީހުންނަށް އޮތް ދަސްކުރާ ރާއްޖެނޫންތޯ.
2 0

ތެފައާސާ.

6 ޑިސެމްބަރު 2023
ދެން ތިފެންވަރުގެ ބަޔަކާ ހަވާލުކޮށްގެން ފިނިހަކި ސްޕީޑުގައި އެލް ބޯޑު ޖަހައިގެން ތިކަން ކުރުވަން ނުބައިތިއްބާ ތިކަން ކުރެވޭވަރުގެ ބަޔަކާ ހަވާލު ކުރެވެން އޮތްގޮތެއް ބަލައި އެކަމާ އުޅެންވެއްޖެއެއްނު؟
3 0

މުޙައްމަދު...

6 ޑިސެމްބަރު 2023
@ތެފައާސާ. އެގޮތަށް އެކަން އެހެން ބަޔަކަށް ހަވާލު ނުކުރެވޭގޮތަށް އެއްބަސް ވުން ހަދާފަ ފައިބައިގެން އެދިޔައީ.
2 0

ސޭކުބޭ

6 ޑިސެމްބަރު 2023
އެދިޔައީނު ވެރިކަންކުރަން ދަސްކުރަންއުޅެ 5 އަހަރުވީއިރުވެސް ނޭނގިގެން ރައްޔިތުން ސައްޕެއް ޖަހާ ފޮނުވާލީމަ ފައިބާގެން ގައުމު ދަރުވާހުލިކޮށްލާފައި.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް