އަދަދުގެ ސީއީއޯ ފިޔާޒު: އައިޝާ ޑޮކުމެންޓްރީއާ ގުޅުގެން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނޫސްވެރިކަން

'އައިޝާ' ޑޮކުއިމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓައިފި

ފިޔާޒު ފިލާފާނެ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތުގެ މައްޗަށް ނެރުނު އަމުރުގައިވާ ގޮތުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ތިން މަހަށް

ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އުފައްދާފައިވާ 'އައިޝާ" ވީޑިއޯ ޑޮކުމެންޓްރީއަކާ ގުޅިގެން 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު މިރޭ ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. އެގޮތުން:

  • އެ ތަހުގީގަށް އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން މިރޭ ބަލާސް ފާސް ކުރުމުގެ އޮޕަރޭޝަނެއްވެސް ވަނީ ފަށާފަ

  • އަދި އެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް، މިރޭގެ ވަގުތެއްގައި ފިޔާޒުގެ ޕާސްޕޯޓު ހިފަހެއްޓުމަށް ވަނީ ކޯޓު އަމުރެއް ނެރެފަ 

ތަފްސީލު - 'ދައުރު'އަށް ލިބިފައިވާ ކޯޓު އަމުރުގައިވާ ގޮތުން، ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އަދަދު ނޫހުން ގެނެސްދިން 'އައިޝާ' ޑޮކުމެންޓްރީގައި "ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ"އިގައި އެވެ. އެ މައްސަލައިގައި ފިޔާޒުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ، އޭނާ "ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމަށް ބެލެވޭތީ" ފުރުން މަނާ ކުރަނީ ކަމަށް އަމުރުގައި ބުނެ އެވެ.

"ފިޔާޒު މޫސާ ރާއްޖެއިން ފުރައިގެން ދާން އުޅޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާތީ،" އޭނާ ފިލައިގެން ދާން އުޅޭ ކަމަށް ބުނާ ސަބަބުގެ ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީ، މުޒައްމިލް ނަސިރު ނެރެއްވި އަމުރުގައި ބަޔާންކޮށްފައިވެ އެެވެ.

އެ އަމުރުގައި ފިޔާޒަށް ކުރާ ތުހުމަތު ހަވަލާދީފައި ވަނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާގެ (ހ)އާ އެވެ. އެ ދެ މާއްދާގައި ބުނަނީ:

  • 30 ވަނަ މާއްްދާ: ކުށުގެ ނިޔަތް އޮވެގެން ކުށެއް ކުރުމުގެ އަމަލު ހިންގާއިރު، މައުސޫމު/ޒިންމާއުފުލުމުގެ ގާބިލުކަމެއް ނެތް މީހަކު އެ އަމަލުގައި ބައިވެރިކުރުވުން؛ ނުވަތަ މީހަކު ކުރާ އަމަލަށް އެހެން މީހަކު މި ޤާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެންވެސް ގާނޫނުގައި ޒިންމާދާރުކުރުވާފައިވުން؛ ނުވަތަ ކުށްކުރި މީހާ ކުށްކުރިއިރު އޭނާއާއެކު ބައިވެރިވި މީހެއް ކަމުގައިވުން

  • 612 ވަނަ މާއްދާގެ (ހ): އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާ ގޮތަށް މީހަކު ޒިނޭކޮށްފިކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބުނެ މީހަކާމެދު ތުހުމަތުކޮށް، އެ ވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން. 

  • އެއީ، ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް؛ އަސާސީ މިންގަނޑުން ބަލާއިރު، ސާބިތުވެއްޖެނަމަ، 1 އަހަރާއި ހަތް މަހުގެ ޖަލު ހުކުމަކާއެކު 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ދިނުން ހިމެނޭ

އަމުރުގައިވާ ގޮތުން ޕާަސްޕޯޓު ހިފަހައްޓާފައި ވަނީ، ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

ފަސް މަންޒަރު- 'އައިޝާ' ޑޮކުމެންޓްރީގައި އެ އޮފީހުގެ ސިޔާސީ ވަޒީފާގައި މަސައްކަތްކުރި ކަމަށް ބުނާ އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އެގޮތުން:

  • ޑޮކުމެންޓްރީ އާންމު ކުރިތާ ހަތަރު ހަފްތާ ފަހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ފަރާތުން ވަނީ ރައީސް މުއިއްޒުއާ މި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރިމަތިކޮށްފައި؛ އެ ހުރިހާ ކަމަކަށް ރައީސް ވިދާޅުވީ، އެއީ "ކަނޑައެޅިގެން ދޮގު ކަމަށް" 

  • "ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން" ރައީސް ވިދާޅުވި؛ އެއާއެކު ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށައި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފެށި

ކޮމެންޓް (1)

ތެފައާސާ.

28 އޭޕްރީލު 2026
މި ވަރުގެ ސީރިއަސް މައްސަލައެއްގައި، އަދި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓް (ސޮކުޑީ) އިން ބަލާ މައްސަލައެއްގައި ހެކި ހޯދަން އުޅެ އަދި ތުހުމަތު ކުރެވޭ މީހުން ފުރުން މަނާކޮށް މި ހުރިހާ ކަމެއް މި ކުރަން ފެށީ ކަން ހިނގައި ނިމިދިޔަތާ މަސްދުވަސް ފަހުން؟ މޭކް އިޓް މޭކް ސެންސް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް