ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން (ކ)، އެހެން ދެ ވަކީލަކާއެކު ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ މުހައްމަދު އަޝްހަލް ސައީދު)
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައިގެ ހުކުމް ބުދަ ދުވަހު
ސިޔާސީ ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްކުރުމުގެ އަޑުއެހުން އަންނަ ބުދަ ދުވަހު އެ ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ.
ވީކިހިނެއް؟ - ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެންމެ ދުވަހެއްގެ ތެރޭ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
ތަފްސީލް - މި މައްސަލާގައި ހުކުމްކުރުމަށް ތާވަލުކޮށްފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:15އަށެވެ.
ދެ ކަމަކަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އަލީ ހުށަހެޅުއްވި އެވެ. އެއީ:
-
ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމުގެ ވަގުތީ އަމުރަކަށް
-
ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިމެންދެން ފަނޑިޔާރަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް
ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ ދެ އަމުރު ވެސް ނެރެވެން ނެތް ކަމަށެވެ.
އެނގުން މުހިންމު - ސުޕްރީމް ކޯޓުގައި މި މައްސަލަ ފުރަތަމަ ބަލަމުން ދަނިކޮށް، ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަންވެފައިވަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި އެވެ. އޭގެ ފަހުން:
-
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވި
-
ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒުމިރަލްދާ ޒާހިރު ވަކިކުރި
-
އުއްތަމަ ފަނޑިޔާރަކަށް އޭރު ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ރިޓަޔާކުރެއްވި
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލަ ފުރަތަމަ ބަލަން ފެއްޓެވިއިރު، އޭރު ތިއްބެވި ހަތަރު ފަނޑިޔާރަކު މިހާރު ބެންޗުގައި ނެތުމުން ބެންޗުގެ މެޖޯރިޓީ މި ވަނީ ބަދަލުވެފަ އެވެ.
ކޮމެންޓް (1)
ސިކުނޑި