29 މެއި 2024: ސުޕްރީމް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ދުސްތޫރީ ބޮޑު މައްސަލަ މަޑުޖެހުމަށް ސުޕްރީމް ކޯޓުން ބުނީ ފުލް ބެންޗު ހަމަވީ 16 ދުވަހު ކަމަށް

26 ފެބްރުއަރީ 2025ގައި ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑްކުރި ފަހުން ގާނޫނުއަސާސީގެ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގައި ނުހިނގާ؛ ސުޕްރީމް ކޯޓުން ބުނީ އޭގެ ފަހުގައި ފުލް ބެންޗު ހަމަކޮށް މަސަައްކަތް ކުރަން ލިބުނީ 16 ދުވަހު ކަމަށް

ސިޔާސީ ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދުސްތޫރީ މައްސަލަ ހުއްޓުވާލިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު މިދިޔަ ދުވަސްތަކުގައި ފުލް ބެންޗު ހަމަވީ އެންމެ 16 ދުވަހު ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ބުނެފި އެވެ.

ވީކިހިނެއް؟ - ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އިސްލާހެއް ކަން ކަނޑައަޅައިދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން، މި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް އަލީ ހުސައިން އެދިވަޑައިގަތެވެ. ވެރިކަންކުރާ ޕީއެންސީގެ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަނީ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ 26 ފެބްރުއަރީ 2025ގަ އެވެ. އެ އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، އަދި ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ. މައްސަލަ ދިގުލައިގެންދާތީ، ވީ ގޮތެއް ސާފުކުރުމަށް މިދިޔަ މަހުން ފެށިގެން 'ދައުރު'ން ކުރި މަސައްކަތުގައި ސުޕްރީމް ކޯޓުން ޖަވާބުތަކެއް ދިނީ އިއްޔެ އެވެ.

ތަފްސީލް - މި މައްސަލައިގެ އަޑުއެހުން ނުބޭއްވުނީ ކީއްވެގެންތޯ ސުވާލުކޮށް، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަށް 'ދައުރު'ން ހުށަހެޅުމުން ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓުން ބުނީ އެ މުއްދަތުގައި ފުލް ބެންޗު ހަމަވެފައިވާ ދުވަސްތައް މަދު ކަމަށެވެ.

ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކުންނެވެ. އަދި 19 މާޗު 2025 އިން ފެށިގެން ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުން ހަމަވި ނަމަވެސް އެ ކޯޓުން ބުނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލަ ބެލުމަށް ނިންމި ނިންމުމަށް ކޯޓުން ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

"ހަވާލާދީފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ފުލް ބެންޗުން ބެއްލެވުމަށް ނިންމަވާފައިވާ މައްސަލައެއް ކަމަށާއި އަދި އެ ނިންމެވުމަށް އިތުރު ބަދަލެއް ގެނެވިފައެއް ނުވޭ،" ސުޕްރީމް ކޯޓުން ފޮނުވި ޖަވާބުގައިވެ އެވެ.

ފުލް ބެންޗުން މައްސަލަ ބަލާ ގޮތަށް އޮތް އިރު ސުޕްރީމް ކޯޓުން ދެން ބުނީ މި މުއްދަތުގެ ތެރޭގައި ފުލް ބެންޗު ހަމަވެ، މަސައްކަތްކުރަން ލިބުނީ އެންމެ 16 ދުވަހު ކަމަށެވެ. އެއީ:

  • ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ފަހުން 11 ޖޫން 2025އާ ހަމައަށް ހަތް ފަނޑިޔާރުން ހަމަވެފައެއް ނުވޭ

  • 11 ޖޫން 2025ގައި ހަތް ފަނޑިޔާރުން ހަމަވި ނަމަވެސް އޭރު ހުންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ރިޓަޔާމަންޓް ހުށަހަޅުއްވާފައި؛ އެެހެންވެ އެ މުއްދަތުގައި ވެސް ފުލް ބެންޗު މަސައްކަތް ކުރެވޭ ގޮތެއް ނުވި

  • 21 ޖުލައި 2025ގައި މުއުތަސިމް ރިޓަޔާކުރެއްވި އިރު، 6 އޮގަސްޓް 2025ގައި އަބްދުއްގަނީ މުހައްމަދު އުއްތަމަ ފަނޑިޔާރަަކަށް އައްޔަންކުރަން ދެން ހަތް ފަނޑިޔާރުން ހަމައެއް ނުވޭ

  • މިހާރުގެ އުއްތަމަ ފަނޑިޔާރު އައްޔަންކުރުމާ އެކު، ހަތް ފަނޑިޔާރުން އެކުގައި މަސައްކަތް ކުރަން ލިބުނީ 16 ދުވަސް؛ އެއީ ފަނޑިޔާރުންގެ ޗުއްޓީ ދުވަސްތަކާއި ރަސްމީ ބޭނުންތަކަށް ވީއްލައިފައިވާ ދުވަސްތަކާއި ސަސްޕެންޝަން ދުވަސްތައް ފަދަ ދުވަސްތަކާ ހުރެ ފުލް ބެންޗް ހަމަނުވެ ދިޔަ ދުވަސްތައް އުނިކުރުމުން

އެނގުން މުހިންމު - އަހަރެއް ކުރިން ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް ސިޓީއެއް ފޮނުވުމުންނެވެ. ނަމަވެސް މިދިޔަ އަހަރެއްހާ ދުވަހު އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި އަދާހަމައެއް ވެސް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.

ސަސްޕެންޑްކުރި ތިން ފަނޑިޔާރުންގެ އެހެން ސުލޫކީ މައްސަލަތަކެއް ނަގައިގެން ޖޭއެސްސީން މަސައްކަތްކުރަން ފެށުމުން އޭގެ ތެރެއިން ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން މަގާމުން ވަކިކުރި އެވެ.

އެ ތިން ފަނޑިޔާރުންގެ އިތުރުން އުއްތަމަ ފަނޑިޔާރު ބަދަލުވުމުން ސުޕްރީމް ކޯޓު ބެންޗުގެ މެޖޯރިޓީ މި ވަނީ ބަދަލުވެފަ އެވެ. އޭގެ ފަހުން ވެސް ހަ މަހެއްހާ ދުވަސް މި ވަނީ ވެފަ އެވެ.

ކޮމެންޓް (5)

ކުރިކީލަ

8 މާރިޗު 2026
ރައީސް އޮފީހޭ ، ސްޕްރީމް ކޯޓޭ ، އިލެކުޝަން ކޮމިޝަނޭ، ރައްޔިތުންގެ މަޖިލީހޭ އޭ.ސީ.ސީ އޭ ކިޔާއަޑު އިވުނީމަ މަގާތަށް އަންނަނީ ހިނި.....
2 0

ބްރޭކް

7 މާރިޗު 2026
ތިޔަ 16 ހަމައެއް ނުވާނެ! ތި މައްސަލަ އެއްވެސް ނުބެލޭނެ! ނުވެސް ބަލާނެ! މިހާރު އުއްތަމަ ފަޑިޔާރަށް އެމައްސަލައާއި ވެސް ފޫޓަަކަށްވެސް ކައިރި ނުވާނެ! އެކަމު ވިދާޅުވާނެ އެއްވެސް ޕްރެޝަރެއް ނެތޭ! ޢަދްލު އިންސާފު ޤާއިމް ކުރާނަމޭ! ޢަމަލުން އެތަނެއް ނުފެނޭ! ދެން ކިހިނެއްބާ ޖުޑީޝަރީއަށް އިތުބާރު ކުރާނީ
5 0

ކުންނާރީ

7 މާރިޗު 2026
ފަނޑިޔާރު ސަލީމް އޮފީހަށް ނާދޭ. ގުޅީމަ ފޯނު ނުނަގާ. ޝަހީދަކީ ވެސް އުއްތަމަ ފަޑިޔާރެއް. ޣަނީ އަކީ ކޯލް ސެންޓަރުގެ ހެޑުކަމަށް ވަނީ.
3 0

ނަކަތަ

7 މާރިޗު 2026
އެކަމަކުވެސް އެމަނިކުފާނު ހުދުމުހުތާރެއް ނޫނޯ!
6 0

ތެފައާސާ.

7 މާރިޗު 2026
އެ ބުނާހެން ދުސްތޫރު އަންނާނީ ފަނޑިޔާރުންގެ ޗުއްޓީއާ ދަތުރުފަތުރާ ލަންޗުބުރޭކާ އާއިލީ ޒިންމާއާ ދެންވެސްހުރި ކަމެއް ނިންމާފައި ވަގުތެއް ވީ އިރަކުން ދޯ؟
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް