26 މާޗް 2026: ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ވަކީލަކު ވަންނަނީ (ދައުރު ފޮޓޯ/ މުހައްމަދު އަޝްހަލް ސައީދު)

ސުޕްރީމް ކޯޓު

މެންބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުދިން

ސްޕްރީމް ކޯޓުން އެ އަމަރުނުދިނީ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައިވާ ކަންކަން ތަންފީޒުކުރުން ހުއްޓުވުމުގެ އަމުރެއް ނެރެފިނަމަ، އެ ކޯޓުގައި އޮތް އެޔާގުޅޭ މައުލޫއީ މައްސަލައަށް އަސަރުކުރާނެ ކަމަށް ބުނެ

ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސްޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - ސަރުކާރުން ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައީ މިދިޔަ ނޮވެމްބަރު މަހު އެވެ. މަޖިލިހަށް ބިލް ވެއްދި ދުވަހު ފާސްކޮށް އަދި ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިސްލާހުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ ސިޔާސީ ޕާޓީން މެމްބަރަކު ވަކިކުރިޔަސް ގޮނޑި ގެއްލުމެވެ.

އެ އިސްލާހުތައް ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. ހަމައެޔާއެކު ދެ ކަމަކަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ. އެއީ:

  • ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމުގެ ވަގުތީ އަމުރަކަށް

  • ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިމެންދެން ފަނޑިޔާރަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް

ތަފްސީލް - އެ ވަގުތީ އަމުރަށް އެދިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މިއަދު ސްޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ސަބަބަކަށް ބުނެފައިވަނީ:

  • ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައިވާ ކަންކަން ތަންފީޒުކުރުން ހުއްޓުވުމުގެ އަމުރެއް ނެރެފިނަމަ، އެ ކޯޓުގައި އޮތް އެޔާގުޅޭ މައުލޫއީ މައްސަލައަށް އަސަރުކުރާނެ ކަމަށް 

  • އަދި، ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރެއް ނެރުމަކީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލާ ހިލާފު ކަމެއް ކަމަށް

އެނގުން މުހިންމު - މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެ މައްސަލަ ބަލަން ސްޕްރީމް ކޯޓުން ނިންމާފައިވަނިކޮށް، އޭރު ސްޕްރީމް ކޯޓުގައި ހިމެނިވަޑައިގެން ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން ފެށި އެވެ. އަދި، އެކަމުގެ ތެރޭގައި ބައެއް ފަނޑިޔާރުން ވަކިކުރިއިރު އަނެއް ބައި ފަނޑިޔާރުން އިސްތިއުފާ ދެއްވީ އެވެ. އެހެންވެ، މައްސަލަ ގިނަ ދުވަސްތަކެއް ވަންދެން އެ ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އެކަމަކު މިމަސްތެރޭ ބޭއްވި އަޑުއެހުމަކަށްފަހު އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ދެން އޮންނާނީ ހުކުމް ކުރުމެވެ.

ކޮމެންޓް (1)

ސޯފާ

20 އޭޕްރީލު 2026
އެ ގޮނޑި ގެއްލުމަކީ ކިހިނެތްވާނެކަމެއް. އެއޮއްހާ ސަކަރާތްޖަހައި އެކިތަންތަނަށް ގޮނޑިތައް ކޮއްޕަމުން ދުއްވިއިރުވެސް ކުރިން ހުރިތަނުގައި މިހާރުވެސް އެ ގޮނޑިތައް އެބަހުރި. މަދެއްނުވި. ކުރިޔަށްވުރެ އިތުރުވީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް