އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

އެމްޑީޕީއަށް އިއްޔެ 4،800 މީހުން ވަން؛ ބައި ލައްކަ ހުރަސްކޮށްފި

އިއްޔެ އެ ޕާޓީއަށް ގިނަ އަދަދަކަށް މެންބަރުން ވަދެފައި ވަނީ ޗެއާޕާސަން އިންތިހާބުގައި ވޯޓު ލެވެނީ ރޭގެ ނިޔަލަށް މެންބަަރަކަށްވެފައި ތިބި މީހުންނަށް އެކަނި ކަމަށް ކަނޑައެޅުމުން

އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އިއްޔެ ރަޖިސްޓްރީވެފައި ވަނީ 4،800އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ. އެއާ އެކު، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޖުމްލަ މެންބަރުންގެ އަދަދު ވަނީ ބައި ލައްކަ ހުރަސްކޮށްފަ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީގެ ހުސްވެފައިވާ ޗެއާޕާސަންގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. އަދި އެ އިންތިހާބުގައި ވޯޓުލެވޭނީ ރޭގެ 12ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ތިބި ފަރާތްތަކަށް ކަމަށް ކަނޑައެޅި އެވެ. އެއާ އެކު، އިންތިހާބުގައި ވޯޓުލުމަށްޓަކައި ޕާޓީއަށް ވަނުމަށް ބޮޑު ހަރަކާތެއް ހިންގި އެވެ.

ތަފްސީލު - އިއްޔެ އެމްޑީޕީއަށް ވަދެފައިވާ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން 'ދައުރު'ން މިއަދު ސުވާލު ކުރުމުން އީސީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އުނައިސް ވިދާޅުވީ، ކޮމިޝަންގެ ތަފާސްހިސާބުން އެނގޭ ގޮތުގައި 4،876 މީހަކު ވަނީ އެ ޕާޓީއަށް ވަދެފަ އެވެ.

އީސީގެ ވެބްސައިޓުން ފެންނަ ގޮތުގައި އެމްޑީޕީގެ ޖުމްލަ މެންބަރުންގެ އަދަދަކީ 43،784 އެވެ. ކޮމިޝަންގެ ސައިޓު އަޕްޑޭޓް ނުވާތީ އެ އަދަދަކީ މިދިޔަ ދުވަސްތަކުގައި ޕާޓީއަށް ވަދެފައިވާ މެންބަރުން ނުހިމަނަ އެވެ.

އިއްޔެ ވަދެފައިވާ މީހުންނާއި މިދިޔަ ދުވަސްތަކުގައި ވަދެފައިވާ މީހުންނާ އެކު މިއަދު ޕާޓީގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އުނައިސް ވިދާޅުވި ގޮތުގައި، 50،588 އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން އޮތީ އަންނަ ޖޫން މަހު 12ގަ އެވެ. ކުރިމަތިލުމަށް ހުޅުވާލީ އަންނަ މަހު 2ގެ ނިޔަލަށެވެ.

މި މަގާމަށް ވާދަ ކުރައްވާ ދެ ބޭފުޅުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީ ދެ ފަޅިވުމުގެ ކުރިން 2023ގައި ބޭއްވި ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ މެންބަރުންގެ އަދަދު ހުރީ 57،000ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް