ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)
ނަޝީދުގެ ޝަކުވާ: ޕާޓީއަށް އިތުރު މީހުން ވަނަ ނުދޭން ވަގުތު ވަނީ ކުރުކޮށްލާފައި
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭން ކުރިއަށް ދާއިރު، އެ ޕާޓީއަށް އިތުރަށް މީހުން ވަނަ ނުދިނުމަށް ވަގުތު ކުރުކޮށްލާފައިވާ ކަމުގެ ޝަކުވާ ކުރީގެ ރައީސް އަދި އެ މަގާމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟- އަންނަ ޖޫން މަހުގެ ތެރޭގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ އިތުރުން ދެން ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ:
-
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
-
ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ
އެނގިފައިވާ ގޮތުގައި އެމްޑީޕީއަށް ވަނުމުގެ ސުންގަޑި ރޭ ވަނީ ހަމަވެފަ އެވެ. އެކަމުގެ ޒިންމާ ނަޝީދު އެޅުއްވީ ޕާޓީގެ 'ވަގުތީ ބެލެނިވެރިން'ގެ ބޮލުގަ އެވެ.
ދާއިމީ ޗެއާޕާސަން އިންތިހާބު ކުރެވެންދެން، އެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ އަބްދުލްގަފޫރު މޫސާ (ގަޕޯ) އެވެ. އޭގެ އިތުރުން، ޕާޓީގެ ހިންގުން ހަވާލުކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި ކޮމިޓީއަކުންނެވެ. އަބްދުލްގަފޫރާއި ނަޝީދާ އެކު ދެން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
-
ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
-
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
-
ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ހއ. އަތޮޅުގައި ހުންނަވައިގެން އާއްމު ކުރެއްވި ވީޑިއޯއެއްގައި ނަޝީދު ވިދާޅުވީ ޕާޓީއަށް އިތުރު މީހުން ވަނުމަށް ހުރަސް އެޅުމުގެ ނިޔަތުގައި ވަގުތުކުރުކޮށްލާފައި ވީ ނަމަވެސް، އާއްމުން 'އެއަށް ވުރެ ހުޝިޔާރު' ކަމަށެވެ.
"ތިޔަބޭފުޅުން އެއަށް ވުރެ މާ ހުޝިޔާރު. އެހެން މީހަކު ޖަހާ ދަންތުރެއްގައި ނުބެދޭނެ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ ވެސް ވަރަށް ގިނަ ބަޔަކު ޕާޓީއާ ގުޅިފައިވާ ކަމަށާއި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން އަލަށް ޕާޓީއާ ގުޅިފައިވާ ކަމަށެވެ.
"އެހެންވެ، އަޅުގަނޑު އުއްމީދުކުރަން އެ އެންމެންނާ އެކީގައި ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރެވޭނެ ކަމަށް." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ނިމޭތާ ހަފުތާއެއްް ފަހުން ޗެއާޕާސަންގެ އިންތިހާބު އިއުލާން ކުރުމަށެވެ.
ކޮމެންޓް (1)
ިސިރާޖު