އޮގަސްޓް މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސް ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެމްޑީޕީ ޕްރައިމަރީގެ ވޯޓާސް ލިސްޓުގައި 57،000 މީހުން
އަންނަ މަހު 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެ ޕާޓީން އިއްޔެ އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ މި ވާދަވެރި ޕްރައިމަރީގައި ލިސްޓު އާންމުކޮށް، އެ ޕާޓީން އިއްޔެ ވަނީ އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފަ އެވެ.
ތަފްސީލު - އެ އިއުލާނުގައި ބުނީ، އާންމު ކުރި ލިސްޓާ މެދު ޝަކުވާ ހުށައަޅުމުގެ ސުންގަޑިއަކީ، އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި ޝަކުވާ ހުށަހެޅޭނީ އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށެވެ.
ލިސްޓުގައިވާ ގޮތުން، ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ:
-
ޖުމްލަ 57،714 މީހުންނަށް
ގުޅުން ހުރި - ނަޝީދު ވަނީ އެމްޑީޕީގެ ދަފްތަރާ މެދު ސުވާލު އުފައްދަވައި އެ ލިސްޓު ގަޑުބަޑުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެ ޕާޓީން އެކަން ދޮގުކޮށް، ނެރުނު ބަޔާނުގައި ބުނީ މިހާރު ޕާޓީގައި އޮތީ ސައްހަ ދަފްތަރެއް ކަމަށެވެ. ނަޝީދު ވިދާޅުވާ ގޮތުން ޕާޓީން ވަކިކުރީ ޕްރައިމަރީގައި ރައީސް ސޯލިހަށް ވޯޓު ނުދޭނެހެން ހީވާ މެންބަރުންނަށް ބަލައިގެންނެެވެ.
މިދިޔަ މެއި މަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި މިދިޔަ އަހަރު އެޕްރީލް މަހު ބޭއްވި ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުން ބާއްވާފައި ވަނީ، ޕާޓީގައި ކުރިން އޮތް ދަފްތަރަށެވެ. އެ ދަފްތަރުގައި 93،000 އަށް ވުރެ ގިނަ މެންބަރުން އެމްޑީޕީގެ ރަޖިސްޓްރީގައި އޮތެވެ.
-
އިތުރަށް ކިޔާލަން: އެމްޑީޕީއިން ވަކިކޮށްފައި ތިބި މީހުންނަށް އިތުރު ފުރުސަތެއް ދެނީ
ފަސްމަންޒަރު - ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއިލް ވަޑައިގަތުމަށް ފަހު، އޭނާގެ ވައުދާ އެއްގޮތަށް ގައުމީ މަޖިލީހުން ނިންމައިގެން މިިދިޔަ މެއި މަހު ދަފްތަރު ސާފު ކުރި އެވެ. އެގޮތަށް ނިންމީ އެމްޑީޕީން ބުނާ ގޮތުން، ދަފްތަރުގައި ތިބި ބައެއް މެންބަރުންނަކީ، އެހެން ޕާޓީތަކަށް ވަދެފައިވާ މެންބަރުންނަށް ވާތީ އެވެ. އެހެންވެ، ނިންމީ އިލެކްޝަންސް ކޮމިޝަންގެ ދަފްފަރާ އެއްގޮތަށް، 39،000އެއްހާ މީހުން ވަކިކުރާށެވެ. ތިން މަސް ދުވަހުގެ ފުރުސަތެއް އެ މެންބަރުންނަށް އޭރު ދިނެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު މިިދިޔަ ހަތްފާގައި ވިދާޅުވި ގޮތުން:
-
އޭރު ދަފްތަރުގައި އޮތް 225 މީހުންނަކީ، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބުވެފައި ތިބި މީހުން
-
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން 17،000 އެއްހާ މީހުން ތިބީ އެހެން ޕާޓީތަކުގައި؛ 24،000އެއްހާ މީހުނަކީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީގައި ނެތް މީހުން