އެމްޑީޕީގެ ކޮންގްރެސް ތެރެއިން ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަޝީދުގެ ތުހުމަތު ރައީސަށް: 'ވަކިކުރީ ވޯޓު ނުދޭނެހެން ހިވާ މެންބަރުން'

އެހެން ޕާޓީތަކުގެ ދަފްތަރުގައި ނަން އޮތުމުގެ ސަބަބުން އެމްޑީޕީ ދަފްތަރުން އުނިކޮށްފައިވާ ފަރާތްތަކަށް އަލުން އެމްޑީޕީއަށް ވަނުމަށް ފުރުސަތު ދޭން ވަނީ ނިންމާފައި

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރާ އެއްގޮތް ކުރުމުގެ ނަމުގައި އެމްޑީޕީން ވަކިކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕްރައިމަރީގައި ވޯޓު ނުދޭނެހެން ހީވާ މެންބަރުން ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ. އަދި އެކަން ކޮށްފައިވަނީ ސީދާ ރައީސް ސޯލިހް ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

ވީ ކިހިނެއް؟ - އަންނަ މަހު ބާއްވާ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ނަޝީދު، މިދިޔަ ބުދަ ދުވަހު ވެސް ވަނީ ޕާޓީގެ މެންބަޝިޕް ދަފްތަރާ މެދު ސުވާލު އުފައްދައި، ތުހުމަތުތަކެއް ކުރައްވާފަ އެވެ. އަދި މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި، އަނެއްވެސް އިތުރު ތުހުމަތުތަކެއް ސީދާ ރައީސް ސޯލިހަށް ވަނީ އަމާޒުކުރައްވައިފަ އެވެ.

ތަފްސީލު - އެ ޓްވީޓްގައި ނަޝީދު ވިދާޅުވީ:

  • އެމްޑީޕީ ބިނާވަނީ ވެސް މިނިވަން އިންސާފުވެރި އިންތިހާބުތަކުގެ މައްޗަށް ކަމަށް 

  • އެކަން ކުރުމަށް ދުރާލާ އެކުލަވާލާފައިވާ ވޯޓުލާ މީހުންގެ ސައްހަ ލިސްޓެއް އޮންނަން ޖެހޭނޭ ކަމަށް ވިދާޅުވި 

  • ދަފްތަރު ސާފު ކުރުމުގެ ނަމުގައި 39،000 އަށްވުރެ ގިނަ މެންބަރުން އެމްޑީޕީން ވަކިކޮކޮށްފައި ވަނީ ރައީސް ސޯލިހް ކަމަށް ނަޝީދު ތުހުމަތު ކުރެއްވި 

"ރައީސް ސޯލިހް، މި ޕާޓީން ވަކިކުރި އަސްލު އެމްޑީޕީ މެންބަރުންނަކީ، އެމަނިކުފާނަށް[ރައިސް ސޯލިހަށް ޕްރައިމަރީގައި] ވޯޓު ދޭނޭހެން ހީނުވާ މީހުން،" އިނގިރޭސީ ބަހުން ކުރެއްވި ޓްވީޓްގައި ރައީސް ސޯލިހަށް ތުހުމަތު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފޯރިގަދަ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް ސޯލިހާއި ނަޝީދު ކެމްޕެއިން މަސައްކަތް މިހާރު ވަނީ ފައްޓަވާފަ އެވެ. ނަޝީދު ވިދާޅުވާ ގޮތުން މިހާރު އޮތް ދަފްތަރުގެ މައްޗަށް ބާއްވާ ޕްރައިމަރީ އިންސާފުވެރިއެއް ނުވާނެ އެވެ.

ނަޝީދު ކުރެއްވި ޓްވީޓް

ގުޅުން ހުރި - އެހެން ޕާޓީތަކުގެ ދަފްތަރުގައި ނަން އޮތުމުގެ ސަބަބުން އެމްޑީޕީ ދަފްތަރުން އުނިކޮށްފައިވާ ފަރާތްތަކަށް އަލުން އެމްޑީޕީއަށް ވަނުމަށް ފުރުސަތު ދޭން އެ ޕާޓީއިން ވަނީ ނިންމައިފަ އެވެ. އަދި އެފަދަ މެންބަރުން އަލުން މެމްބަޝިޕް ފޯމު ފުރިހަމަކުރުމަށް ފަހު، އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުން މެމްބަޝިޕް ރުޖޫއަ ކޮށްދޭނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

އެމްޑީޕީން ބުނާ ގޮތުގައި، ޕާޓީގައި މިހާރު އޮތީ، ސައްހަ ދަފްތަރެކެވެެ. އަދި ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ނަޝީދު ބުދަ ދުވަހު ދެއްކެވި ވާހަކައާ ގުޅޭ ގޮތުން އެކަމާ ހިތާމަ ކުރާ ކަމަށް ބުނެ، އެޕާޓީން ހަމަ އެ ދުވަހު ބަޔާނެއް ނެރުނެެވެ.

ފަސް މަންޒަރު - މިދިޔަ މެއި މަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި މިދިޔަ އަހަރު އެޕްރީލް މަހު ބޭއްވި ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުން ބާއްވާފައި ވަނީ، ޕާޓީގައި އޮތް ދަފްތަރަށެވެ. އެ ދަފްތަރުގައި 93،000އަށްވުރެ ގިނަ މެންބަރުން އެމްޑީޕީގެ ރަޖިސްޓްރީގައި އޮތެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވިދާޅުވި ގޮތުން:

  • އޭރު ދަފްތަރުގައި އޮތް 225 މީހުންނަކީ، ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބުވެފައި ތިބި މީހުން 

  • އިލެކްޝަންސްގެ ދަފްތަރުގައިވާ ގޮތުން 17،000 އެއްހާ މީހުން ތިބީ އެހެން ޕާޓީތަކުގައި؛24،000އެއްހާ މީހުނަކީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީގައި ނެތް މީހުން

  • ދަފްތަރު ސާފު ކުރުމަށްފަހު، މިހާރު އެމްޑީޕީގައި ތިބީ 58،000 އެއްހާ މީހުން

ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއިލް ވަޑައިގަތުމަށްފަހު، އޭނާގެ ވައުދާ އެއްގޮތަށް ގައުމީ މަޖިލީހުން ނިންމައިގެން މިިދިޔަ މެއި މަހު ދަފްތަރު ސާފު ކުރި އެވެ. އެގޮތަށް ނިންމީ އެމްޑީޕީން ބުނާ ގޮތުން، ދަފްތަރުގައި ތިބި ބައެއް މެންބަރުންނަކީ، އެހެން ޕާޓީތަކަށް ވަދެފައިވާ މެންބަރުންނަށް ވާތީ އެވެ. އެހެންވެ، ނިންމީ އިލެކްޝަންސް ކޮމިޝަންގެ ދަފްފަރާ އެއްގޮތްކޮށް، 39،000އެއްހާ މީހުން ވަކިކުރާށެވެ. ތިން މަސް ދުވަހުގެ ފުރުސަތެއް އެ މެންބަރުންނަށް އޭރު ދިނެވެ.

ކޮމެންޓް (3)

އިބުރޭ- ވައަތަށް އެނބުރޭ

21 ޑިސެމްބަރު 2022
ގޯހެއް! އިބުރޭ މެން ޕާޓީ އޮފީހުގައި ތިބެގެން ކުރަންޖެހޭ ކަންކަން ނުކޮސް ކަނޑައި އެއްލާލީ! އީސި ދަފުތަރުގައި ނެތް ޕާޓީގައި ހިމެނޭ މީހުންގެ ފޯމުތައް އީސީއަށް ފޮނުވައިގެން ދަފުތަރު އެއްގޮތް ނުކުރީ ކީއްވެ ބާ؟ މިޒަމާނުގައި ޕާޓީއަށް އެހާ ގިނަ މީހުން ހޯދުމަކީ ފަސޭހަކަމަކަށް ނުވާއިރު އެގތޮތަށް އެކަން ކުރުމުގެ ފަހަތުގައި އެހެން ކަމެއް އޮންނަެކަމަށ ްބެލެވޭތީ އަންނިގެ ވާހަކަޔަށ ްބާރު ލިބެނީ!
0 0

އިބާ

21 ޑިސެމްބަރު 2022
އަދި ހީވަނީ ތަ ދޮން ކަލޯ؟ އަހަރުމެންނަށް ޔަގީން ވަނީ
0 0

ނަން އިތުރު

21 ޑިސެމްބަރު 2022
މި ސޮރު އަބަދު އުޅޭނީ ކޮންމެ ވެސް މީހަކާ ދިމާލަށް ގާބުރިއެއް އެއްލައިގެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް