މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސް ތެރެއިން ނަޝީދު (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީގެ ދަފްތަރު ވަނީ ގަޑުބަޑުކޮށްފައި؛ ޕްރައިމަރީ މިނިވަނެއް ނުވާނެ: ނަޝީދު

ޕާޓީގެ ދަފްތަރުގެ ގޮތުގައި މީގެ ކުރިން ބަލަމުން އައި ދަފްތަރަށް ޕްރައިމަރީގައި ވޯޓުލެވޭ ގޮތް ހެދުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައި

އެމްޑީޕީގެ މެންބަރުންގެ ދަފްތަރު އޮތީ، ގަޑުބަޑުކޮށްފައި ކަމަށާއި އެކަން އެހެން އޮއްވާ ބާއްވާ ރިޔާސީ ޕްރައިމަރީއެއް އިންސާފުވެރި ނުވާނެ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް ފޮނުއްވާފަ އެވެ. އަދި އެ ސިޓީ އެމަނިކުފާނު ވަނީ ޓްވީޓާގައި އާންމުކުރައްވާފަ އެވެ.

ތަފްސީލު - ފައްޔާޒަށް ފޮނުއްވި އެ ސީޓީގައި އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ހާމަކޮށް، ނަޝީދު ވިދާޅުވީ، އެމްޑީޕީގެ %40 މެންބަރުންނަށް ވޯޓު ނުލެވޭ ގޮތަށް ޕްރައިމަރީ ބާއްވައިފިނަމަ، އެއީ 2023ގެ ރިޔާސީ އިންތިހާބުގައި އެޕާޓީއަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. 

"އެމްޑީޕީގެ ވޯޓުލާ ދަފްތަރުން ސާޅީސްހާހާ ގާތަށް މެންބަރުން އެ މެންބަރުންނަށް އެނގުމަކާ ނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ވަނީ ގަޑުބަޑުވެފަ އެވެ. އެކަން އެހެން އޮއްވާ ޕްރައިމަރީ ކުރިއަށް ގެންދިޔުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭކަމަށް އަޅުގަނޑު ގަބޫލުނުކުރަމެވެ،" އެ ސިޓީގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެފަދަ ހާލަތެއްގައި ޕްރައިމަރީ ބޭއްވުމަކީ، "ޕާޓީގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއް ނޫން" ކަމަށެވެ.

"ވީމާ، ރިޔާސީ ޕްރައިމަރީގެ ވޯޓުލާއިރު، މި ޕާޓީގެ ވޯޓުލާ ދަފްތަރުގެ ގޮތުގައި މިހާތަނަށް ބަލަމުން އައި ދަފްތަރުގައި ހިމެނޭ މެންބަރުން ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރު ކުރެއްވުމަށް އެދެމެވެ،" ނަޝީދުގެ އެ ސީޓީގައި ޗެއާޕަސަންގެ އަރިހުން އެެދިވަޑައިގެންފައިވެ އެވެ.

އެނގުން މުހިންމު - ޗެއާޕާސަންގެ މަގާމަށް ފައްޔާޒު ކެމްޕެއިން ކުރެއްވިރު، ޕާޓީގެ ދަފްތަރު ސާފު ކުރުމަކީ އޭނާގެ ވައުދެކެވެ. ފައްޔާޒު މަގާމާ ހަވާލުވުމަށްފަހު، ޕާޓީގެ ކުރީގެ ދަފްތަރު އުވާލައި، އިލެކްޝަން ކޮމިޝަންގެ ދަފްތަރު ވަނީ އެއްގޮތް ކޮށްފަ އެވެ. އެ ނިންމުން ނިންމާފައިވަނީ  މިިދިޔަ މެއި މަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައިގެން، އެ މަޖިލީހުން ފާސްކޮށްގެންނެވެ. ނަޝީދު ފެކްޝަންގެ މެންބަރުން އޭރު އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ.

އިލެކްޝަސް ކޮމިޝަންގެ ދަފްތަރާ އެއްގޮތް ކުރުމުން، ބައެއް މީހުން ވަނީ ޕާޓީން އުނިވެފަ އެވެ. އޭރު ގައުމީ މަޖިލީހުން އެ ނިންމުން ނިންމުމާއެކު، އަލުން ޕާޓީއަށް ސޮއި ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އެޕާޓީގެ ކޮންގްރެސް ވެސް ބާއްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަށް ބަލައިގެންނެވެ.

ފަސްމަންޒަރު - އެމްޑީޕީން އަމިއްލައަށް ޕާޓީގެ ދަފްތަރު ބަލަހައްޓަމުން އައިއިރު، 94،000 އަށް ވުރެ ގިނަ މެމްބަރުން އެޕާޓީގެ ރަޖިސްޓްރީގައި އޮތެވެ. އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 58،175 މީހުންނެވެ.

ކޮމެންޓް (5)

އަފީފާ

19 ޑިސެމްބަރު 2022
ނޭގޭ މީހަކަށް ނޭނގޭނެ ބުނެދިނަސް. ތީ ފެންވަރު. ގަޱުބަޱު ކުރާނީ ހިންގާ ލަން ނުކުތް މީހުން ނެއްނުން.
0 0

މެކުނު

19 ޑިސެމްބަރު 2022
ހިންގާ ލަން ނުކުތް މީހުން. ގަޱުބަޱު ކުރާނީ.
0 0

ދުންޔާ

19 ޑިސެމްބަރު 2022
ނޭދެވޭ އަސަރު ކުރަނީ އެހެން ކަމެއް ވެގެން. ބޭފުޅާއަށް އެނގިވަޑައި ނުގަންނަވަނީ ދެއްތޯ
0 0

އަހުމަދު

19 ޑިސެމްބަރު 2022
ދުވަހެއ ދުވަހަކށް ތި އަދަދު ދަށަށް ދިޔުން މަ އެދޭ އެދުމަކީ
0 0

ލިންކޯ

19 ޑިސެމްބަރު 2022
ގަނޑުބަޑު ކުރީ ކާކު ތަ؟ މަށަށް ހަމަ ނޭނގިގެން މިއުޅެނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް