ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/އެމްޑީޕީ)
އެމްޑީޕީގެ ކޮންގްރެސް ފަސްކޮށް، އީސީ އާއި ޕާޓީގެ ދަފްތަރު އެއްގޮތް ކުރަނީ
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވަން ހަމަޖައްސާފައިވާ އެ ޕާޓީގެ ކޮންގްރެސް ފަސްކޮށް، ކޮންގްރެސް ބޭއްވުމުގެ ކުރިން އެހެން ޕާޓީތަކުގެ މެމްބަރުން ޕާޓީގެ ދަފްތަރުން ވަކިކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.
އެނގުން މުހިއްމު - ޕާޓީގެ ކޮންގްރެސް ބާއްވަން އެންމެ ފުރަތަމަ ނިންމީ އޮގަސްޓް 4ގަ އެވެ. އެގޮތުން:
-
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންފުޅުވާ އިސްލާހުތައް މިދިޔަ ފެބްރުއަރީގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހަޅުއްވާފަައި
-
އެ ބައްދަލުވުމުން ނިންމާފައި އޮތީ، އެ އިސްލާހުތަކާ ގުޅޭ ގޮތުން ކޮންގްރެސްގައި މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމުމަށް
ވީ ކިހިނެއް؟ - ޕާޓީގެ ކޮންގްރެސް ބާއްވާ ތާރީހު ފަސްކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރާއި ޕާޓީގެ ދަފްތަރު އެއްގޮތް ކުރުމަށް ފާސްކުރީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ތަފްސީލް - އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19އަށް ފަސްކުރުމަށް ހުށަހެޅުއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޝިފާޒެވެ. ކޮންގްރެސް ފަސްކުރަން ޝިފާޒް ހުށަހެޅުއްވީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ތާރީހުތަކާ އެއް ގޮތަށް ކޮންގްރެސްގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވެ އެވެ.
މީގެ އިތުރުން، ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެމްބަރުން ވަނީ އީސީގެ ދަފްތަރާއި ޕާޓީގެ ދަފްތަރު އެއްގޮތް ކުރުމަށް ހުށަހެޅި ހުށަހެޅުން ވެސް ފާސްކޮށްފަ އެވެ. އެ ގޮތަށް ހުށަހެޅުއްވީ އެމްޑިޕީގެެ ޗެއާޕާސަންގެ މަގާމަށް ދާދި ފަހުން އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދެވެ.
ނަޝީދު ހުށަހެޅުއްވި އިސްލާހުތައް:
-
އެމްޑީޕީގެ ވެރިކަމެއް ތާއަބަދު އޮތުމަށް، %30 ވޯޓުން ވެސް ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުން؛ އެއްވެސް ކެންޑިޑޭޓަކަށް އެ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓްގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުން
-
މިނިވަން މުއައްސަސާތަކުގެ އަދަދާއި އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން؛ ހާއްސަ ގޮތެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން
-
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅުން
-
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން؛ އެ ވޯޓުގެ ތާރީހު ކަނޑައަޅާ އަދި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމް ކަނޑައަޅަން ކޮންގްރެސް އިން އެއްބަސްވުމަށް
-
ލާމަރުކަޒީ ނިޒާމާ ގުޅޭ އިތުރު އުސޫލުތައް ގާނޫނުއަސާސީގައި ކަނޑައެޅުން
ބުނީ ކީކޭ؟ - އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު 'ދައުރު'އަށް ވިދާޅުވީ ޕާޓީގެ ދަފްތަރުގައި ތިބި އެހެން ޕާޓީތަކުގެ މެމްބަރުން ވަކިކޮށް، ޕާޓީގެ ދަފްތަރާއި އީސީގެ ދަފްތަރާ އެއް ގޮތް ކުރުމަކީ އާ ޗެއާޕާސަންގެ ވައުދެއް ކަމަށެވެ. އެހެންވެ، ކޮންގްރެސް ފަސްކުރުމުން ދަފްތަރު "ސާފު ކުރަން" ތިން މަސް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ފަސްމަންޒަރު - އެމްޑީޕީގެ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އެ ޕާޓީން ބުނި ނަމަވެސް، އީސީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 54،782 މީހުންނެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިންަށް ފައްޔާޒް މިދިޔަ މަހު އދ. އަތޮޅަށް ވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭ 94،000 މީހުން ތިބިއިރު، އޭގެ ތެރެއިން 20،000 މީހުންނަކީ ޕީޕީއެމްގެ މެމްބަރުންނެވެ.
ޗެއާޕާސަންކަމަށް ވަޑައިގެންނެވުމަށް ފަހު، އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީގެ ދަފްތަރުން ބޭރުކޮށް، އެކަން ހުއްޓުވާނެ ކަމަށް އޭނާ ވަނީ އޭރު ވިދާޅުވެފަ އެވެ.