އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕެއިނަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ކ) އދ. އަތޮޅަށް ވަޑައިގެން މީހަކާ ސަލާމްކުރައްވަނީ (ފޮޓޯ/ފައްޔާޒުގެ ކެމްޕެއިން)
އެމްޑީޕީގެ އިންތިހާބުތަކުގައި ޕީޕީއެމްގެ 20،000 މީހުން ވޯޓުލާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ 20،000 މެމްބަރުން ވޯޓު ލާ ކަމަށާއި އަދި އެކަން ހުއްޓުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފައްޔާޒް މިހެން ވިދާޅުވީ ކެމްޕެއިނަށް އދ. އަތޮޅަށް ވަޑައިގެން، އެ އަތޮޅުގެ އެމްޑީޕީ މެމްބަރުންނާ ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ލުމުގެ ހައްގުލިބޭ 94،000 މީހުން ތިބިއިރު، އޭގެ ތެރެއިން 20،000 މީހުންނަކީ ޕީޕީއެމްގެ މެމްބަރުން ކަމަށެވެ. އަދި އެހެންކަމުން އިންތިހާބުތަކުގައި އެމްޑީޕީގެ ފަރާތުން ޕީޕީއެމްއާ ވާދަކުރާނެ ކެންޑިޑޭޓުން ޕީޕީއެމްގެ މެމްބަރުންނަށް އެބަ ކަނޑައެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ [އެމްޑީޕީގައި] 94،000 މީހުން ތިބިއިރުގައި މި ޕާޓީގެ ރައީސް ކަނޑައަޅަން ނޫނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ނޫނީ މި ޕާޓީގެ ގައުމީ މަޖިލީސް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓް ކަނޑައަޅަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓް ލެވޭ. އެހެންވީމަ އެ މީހުންނަށް އެބަ ނިންމޭ އެ މީހުންނާ ވާދަ ކުރަން އަޅުގަނޑުމެންގެ ތެރެއިން ދެން ނިކުންނާނީ ކާކުކަން،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެ މީހުންނާ ވާދަކޮށްލެވޭ މީހާ ނިކުތަ ނުދޭން އެ މީހުންގެ މީހުން އައިސް އަޅުގަނޑުމެންގެ ތެރޭން ދެން ހުންނަ މީހާއަށް މިސާލަކަށް ވޯޓް އަޅަނީ. އެހެންވީމަ އެ މީހުންނެއް ނޫންތޯ [ޕީޕީއެމް މެމްބަރުން] މި ޕާޓީގައި ގޮތް ނިންމަނީ."
އެކަމާ ނުރުހުން ފާޅުކުރައްވައި ފައްޔާޒް ވިދާޅުވީ ޗެއާޕާސަން ކަމަށް ވަޑައިގެންނެވުމަށް ފަހު، އެމީހުން އެމްޑީޕީ ދަފްތަރުން ބޭރުކޮށްގެން އެކަން ހުއްޓުވާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު މި ހުށަހަޅަނީ އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮވެއްޖިއްޔާމު އަޅުގަނޑުމެން މީގެން ވަކި ކުރާނަމޭ،" ފައްޔާޒް ވިދާޅުވިއެވެ.
ފަސްމަންޒަރު - އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން މިހާރު ކުރިއަށްދާއިރު، އެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ފައްޔާޒްގެ މެދުގައި ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެ ދެ ބޭފުޅުންގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރެ އެވެ.
އިމްތިޔާޒްގެ ޓީމުން ދަނީ ފައްޔާޒް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު ކުރަމުންނެވެ. އެ މައްސަލަ ޕާޓީގެ ޝަކުވާ ކޮމިޓީއަށް ހުށަހަޅާފައިވާއިރު، ފައްޔާޒްގެ ޓީމުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.
މިހާރު އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ [އެމްޑީޕީގައި] 94،000 މީހުން ތިބިއިރުގައި މި ޕާޓީގެ ރައީސް ކަނޑައަޅަން ނޫނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ނޫނީ މި ޕާޓީގެ ގައުމީ މަޖިލީސް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓް ކަނޑައަޅަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓް ލެވޭ. އެހެންވީމަ އެ މީހުންނަށް އެބަ ނިންމޭ އެ މީހުންނާ ވާދަ ކުރަން އަޅުގަނޑުމެންގެ ތެރެއިން ދެން ނިކުންނާނީ ކާކުކަން.
ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓް ކަމަށް ބެލެވޭ އިރު، އިމްތިޔާޒަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާ ކެންޑިޑޭޓް ކަމަށް ބެލެވެ އެވެ. ނަމަވެސް، ރައީސް ސޯލިހު ވެސް އަދި ކުރީގެ ރައީސް ނަޝީދު ވެސް ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރައްވާކަން އަދި ފާޅުގައި ހާމައެއް ނުކުރައްވަ އެވެ.