ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

އަތޮޅު ކައުންސިލްތައް އުވާނުލަން ގާނޫނުއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅައިފި

މި އިސްލާހުގައިވާ ގޮތުން ދެން އަތޮޅު ކައުންސިލްތައް އުފައްދާނީ ފަސް އަހަރު ފަހުން މި ފެށޭ އާ ކައުންސިލަރުންގެ ދައުރު ހަމަވުމާ އެކު ބާއްވާ ކައުންސިލް އިންތިހާބުގައި

އަތޮޅު ކައުންސިލްތައް އުވާނުލުމަށް ގާނޫނުއަސާސީއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ހިންގާ ޕީއެންސީން ގާނޫނުއަސާސީއަށް މިދިޔަ އަހަރު ހުށަހަޅައި މިހާރު ތަސްދީގުކޮށްފައިވާ އިސްލާހުގެ ސަބަބުން، މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވުމާ އެކު އަތޮޅު ކައުންސިލްތައް އުވުނީ އެވެ.

އަތޮޅު ކައުންސިލްތައް އުވާނުލުމަށް ގާނޫނުއަސާސީއަށް އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ތަފްސީލު - އެ ބިލު ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ރައީސް އަބްދުއްރަހީމްއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ:

  • ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ)ގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާއިރު، އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމުގައިވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށް

  • އެހެންވެ، ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމް ހިންގުމުމަށްޓަކައި އަތޮޅު ކައުސިލްތައް އުވާނުލައި ކުރިން އޮތް ގޮތަށް އަނބުރާ ރުޖޫއަކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހުކުރުމަށް ހުށަހަޅާ ކަމަށް

ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި މެންބަރު މުހައްމަދު އިބްރާހިމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އަތޮޅު ކައުންސިލް އުވުލުމަކީ އެއްވެސް ވަރަކަށް ދިރާސާނުކޮށް، ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ވިސްނުންފުޅަށް ފެށި މަސައްކަތުގެ ތެރެއިން ކުރެއްވި ކަމެކެވެ. އެ މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަކީ ވެސް ރައީސް ހުށަހެޅުއްވި ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން: 

  • ރައީސްގެ އެ ވިސްނުންފުޅަށް ދެ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ބެލުމަށް ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި %69 މީހުން ވަނީ ނޫނެކޭ ބުނެފައި

  • އެ ނަތީޖާއިން އަންގައިދެނީ، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ރައީސްގެ އަމިއްލަ ވިސްނުންފުޅަށް ހުށަހެޅުއްވި ކަންކަމަށް ރައްޔިތުންގެ ރުހުން ނެތްކަން؛ އެގޮތުގެ މަތިން އަތޮޅު ކައުންސިލް އުވުލުމަކީ ވެސް ރައްޔިތުން އެކަމާ ދެކޮޅު ކަމެއް

އޭނާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ބިލު ފާސްވެ ގާނޫނަކަށްވުމާ އެކު އަތޮޅު ކައުންސިލް އިންތިހާބު ބޭއްވުމަށާއި އިދާރީ ގޮތުން އަދި މާލީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހާ ކަންކަން ހަމަޖެއްސުމުގެ އުސޫލުތައް ބަޔާންކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް، އެއް މަސް ތެރޭ ސަރުކާރުން މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

އޭގެ އިތުރުން، މި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް ދެން އުފައްދާނީ، ދެންމެ އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބެއްގައި ކަމަށް ބަޔާންކޮށްފައިވެ އެވެ.

"'ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު'ގެ ގޮތުގައި ބުނެފައި އެވަނީ، މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އުމުރު ހަނމަވާން ވާއިރަށް އެ ކައުންސިލްތަކަށް އަލަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި ކަމާ ބެހޭ ގާނޫނުގައިވާ ގޮތުން ބާއްވަން ޖެހޭ ލޯކަލް ކައުންސިލް އިންތިހާބަށެވެ،" ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެމްޑީޕީގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވި މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ފާހަގަކޮށްލެވޭ - މި ބިލު މި އޮތް ގޮތަށް ފާސްވެ އަމަލު ކުރަން ފެށިއަސް އާ އަތޮޅު ކައުންސިލްތައް އުފައްދަން އަދި ފަސް އަހަރު ނަގާނެ އެވެ. އެއީ އަތޮޅު ކައުންސިލްތައް އުވާލާތީ، މިފަހަރުގެ ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްތަކަށް މީހުން ނުހޮވަ އެވެ.

މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވެ، އާ ކައުންސިލަރުންގެ ދައުރު ފެށޭނީ އަންނަ މަހު 17ގަ އެވެ. އަލަށް މި ފެށޭ ކައުންސިލަރުންގެ ދައުރު ނިމޭނީ މެއި 2031ގަ އެވެ. 

ކޮމެންޓް (3)

އަތޮޅު ޗޮއް

21 އޭޕްރީލު 2026
ލިބުނު ޗާންސްގައި ރިކޯލް ވޯޓާ ބެހޭ ގޮތުން ސުވާލު ނުކުރުމުން ރާއްޖޭގއި މީޑިއާ ނެތްކަން އެނގިއްޖެ. އެބުނާ 4 ވަނަ ބާރު. ޖަނާޒާ ބައްވާފައި ކަށު ނަމާދު ކުރަންވީނު. ދެން ތިޔަ ކުޑޫ އަކަށްވެސް މިއެއް ނުލެވޭނެ. އަދި އެބަ ކިއައެއްނު މެމްބަރުން މިނިވަން ކުރާށޭ. ފުރަތމަ އެމިީހުން ކަރަޕްޓް ކަމުންނެއްނުނ ރައްޔިތުންގެ އިންތިހާބު ކރުާ ބަޔަކު ވަކިކުރަން ފާސް ކުރާނީ. ވާހަކަ ދައްކާިއުރ މީޑިއާއިންވެސް ހީވަނީ އެމީހުންނަކީ މައުސުމް ބައެްއެއްކަމަށް. ރައްޔިތުންގެ ހައްގު ހިމާޔަތް ކުރަން ހުވާކުރި. އެހުވަޔާ ޚިލާފްވެއްޖޭ ރައްޔިުތން ބުނީ. އިސްތިއުފާ ތި އެންމެން.
0 0

23211

21 އޭޕްރީލު 2026
އަތޮޅު ކައުންސިލް މާއްދާ އުވާޅެވޭނީ ރައޔްިތުންގެ ރިފްރެންޑަމަކުންނޭެވެސް ލިއެބަލަ. ދެން ފެނަކަ ނަރަކަ އުވާލާފައި އަތޮޅު ކުންފުނިހަދާ އަސާސީ ޚިދުމަތްްތއަް އެކުްންފުނި ދަށަށް ލާބަލަ. ބޯޑުގައި ސަުރކާރު 1 އިނދެވިދާނެ. ދެން ތިބޭނީ ކައުންިލަރުންނާ ރައްޔިތުންެ ތެރެިއިން މެމބަރަކާ ކުންފުނި އެމްޑިއާ. 20 ކުންފުނި. ހޮސްޕީތަލް ވެސް ހިނގާ ގޮތަށް. އޭރުން ސިޔާސީއަށް ވާއިރަށ ްމިަޖަހާ ސަކަރާތް 20 އަތޮޅުގައި ޖަހަން އުނދަގޫވާނެ. ސްޓަރކްޗަރ ފާސްކޮށް އެއަށްުވެރު ގިނައިން މީހުން ނުވެއްދޭ ގޮތަށް. ވައްދަންވެއްޖެނަމ ބޮޑުން އެކަން ނިންމާ ގޮތަށް. ދެން ކަންކުރަ ގޮތް ރައޔްިުތްނ ޖެހޭނީ ބަލަން.
0 0

ސިކުނޑި

21 އޭޕްރީލު 2026
އެކަށީގެންވާ ވަރަށް ދިރާސާ ނުކޮށް އަމިއްލަ ޚިޔާލަށް ކަންކަން ކުރީމާ ލިބޭދެރަ މިފެންނަނީ! ރައީސަކަށް މިހާރު ނޭނގޭނެ އަތޮޅު ކައުންސިލްތައް އުވާލީ ކީއްކުރަންކަންވެސް! ހަމަގައިމުގެ ޚަރަދު ކުޑައެއްނުވި! އެ މުސާރައިގެ އެއަށްވުރެ ގިނަ ވަޒީފާ ސަރުކާރު ކުންފުނިތަކުން ދީފި! ހިންގުމުގެ ނިޒާމު އޮޅުން ބޮޅުންވެއްޖެ! ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުންނަކީ ރައީސް އޮފީހުގައި ހުންނަ އޮފީހެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށްވެއްޖެ! ރަށު ކައުންސިލެއް އޮތަސް އެތަނަކީ ހުންގާނު ނެތް އޮޑިއަކަށްވެއްޖެ! އެހެންވެގެން މުސްކުޅިން ބުނެ އުޅެނީ ނުކެވޭ އެއްޗެއްގައި ދަތް ނާޅާށޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް