ޔާމީން ހއ. ދިއްދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ: މާލޭގައި ބޭއްވި ޖަލްސާއެއްގައި އަތޮޅު ކައުންސިލް އުވާލާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވި - (ފޮޓޯ/ހއ. އަތޮޅު ކައުންސިލް)

ސަރުކާރުން މި ފޭރިގަތީ އަތޮޅުތަކާއި ރަށްރަށުގެ ބާރުތައް: ޔާމީން

އަތޮޅު ކައުންސިލް އުވާލުމުން އަތޮޅުތަކަށް އޮތް އިދާރީ ބާރުވެރިކަމުގެ އިތުރުން ފަޅުރަށްތަކުގެ ބިން ވެސް ފޭރިގަންނާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި
28 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލައި ރަށު ކައުންސިލްގެ ހުއްދަ ނެތި ސަރުކާރަށް މަޝްރޫއުތައް ހިންގޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނުތަކަށް މި ގެނައި އިސްލާހުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

ވީކިިހިނެއް؟ - ގާނޫނުއަސާސީ އާއި ގާނޫނުގައި އަތޮޅު ކައުންސިލް ބަޔާންކުރާ މާއްދާތައް އުނިކުރުމުގެ އިތުރުން ގާނޫނަށް ގެނައި އެއް އިސްލާހަކީ ސަރުކާރުން މަޝްރޫއެއް ހިންގުމަށް ކައުންސިލުން 'އެކަށީގެންވާ މުއްދަތެއްގައި' ހުއްދަ ނުދީފި ނަމަ މަޝްރޫއުތައް ހިންގޭނެ ކަމަށެވެ.

އެ ހާލަތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު އެ މަޝްރޫއޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންވެ އެވެ.

ބުނީ ކީކޭ؟ - ޕީއެންއެފްގެ އޮފީހުގައި މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ޔާމީން ވިދާޅުވީ ވެރިރަށް މާލޭންނާއި ރައީސް އޮފީހުން ހުރިހާ ކަމެއް ނިންމާ ޒަމާން ވޭތުވެދިޔަތާ 15 އަހަރު ވެގެން ގޮސްފައިވާ ކަމަށެވެ.

އަލުން މި ބާރުތައް 'ބައްކުރަން' މަސައްކަތްކުރުމަކީ ގޯހެއް ކަމަށް، އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ޔާމީން ވިދާޅުވި އެވެ.

"އެ މީހުންގެ ރަށްރަށުން ބިން ދޫކުރަންވީ ގޮތް ނިންމާކަށް ނޭނގޭނެ މި ތަނަކުން. މާލެއަކުން ނޭނގޭނެ. އެ ހިސާބަށް [ސަރުކާރުން] މި ތޮރުފި ގަތީ،" ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ގެނައި އިސްލާހުތަކަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

އަތޮޅު ކައުންސިލް އުވާލުމުން ސަރުކާރުން ފޭރިގަތީ އަތޮޅުތަކަށް ގާނޫނުންނާއި ގާނޫނުއަސާސީން ދީފައިވާ ބާރުތައް އެކަނި ނޫން ކަމަށާއި ސަރުކާރުން އެ އުޅެނީ އަތޮޅުގެ އެތެރެވަރީގައި ހުރީ ފަޅުރަށްރަށުގެ ބިން ވެސް ފޭރެން ވެގެން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ގާނޫނުގައި ރަށްރަށުގެ ބިމާއި އިހުތިސޯސް ކަނޑައަޅާފައި އޮތުމަށް ފަހު، އަތޮޅުގެ ހުރި އެހެން ފަޅުރަށްތައް ދެން ކާކުތޯ ބަލަހައްޓާނީ؟ އަނެެއްކާ ވެސް އަންނަންވީ ކޮންމެ ވެސް މިނިސްޓްރީއެއްގެ ދަށަށް. މިއީ ނޫންތޯ މި ކުރާކަމަކީ؟ ބިން ވެސް ފޭރެން މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަކީ އެ މަނިކުފާނު ވަރަށް ދެކޮޅު ކަމެއް ކަމަށް ޔާމީން މިރޭ ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލްތައް އުވާލުން މިއީ އަޅުގަނޑު ވަރަށް ދެކޮޅު ކަމެއް. އަތޮޅު ފެންވަރުގައި ހަރަކާތްތަކާއި ތަރައްގީ އަޖުމަކުރާ ބަޔަކީ އަތޮޅު ކައުންސިލްތައް. ދެން އޮންނާނީ ރަށު ފެންވަރުގައި އެކަނި ކަންކަން އޮންނާނީ،" ޔާމީން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް