ފުނަވަލުގައި 100 އަށް ވުރެ ދުވަސްވީ ބޮޑެތި ގަސް ހުރިއިރު އެއީ ހިމާޔަތްކޮށްފައިވާ ގަސްތަކެއް

ތިމާވެށި

ވިލިމާލެ ފުނަވައު ސަރަހައްދުގައި އަޅަން ނިންމި ފްލެޓް މަޝްރޫއުގެ ކަންބޮޑުވުން މަޖިލީހުގެ ސަމާލުކަމަށް ގެނެސްފި

ވިލިމާލެއަކީ، މުޅި މާލެ ސަރަހައްދަށް ބޭނުންތެރި ތިމާވެށީގެ މުހިންމު ރައުސުލްމާލެއްގެ ގޮތުގައި ރައްކާތެރިކުރަން ޖެހޭ މުހިންމު ތަނެއްގެ ގޮތުގައި މައްސަލައިގައި ފާހަގަކުރި

ވިލިމާލޭގައި އޮތް މަދު ގުދުރަތީ ފެހި ސަރަހައްދުތަކުގެ ތެރެއިން ފުނަވައު ސަރަހައްދުގައި ސަރުކާރުން އަޅަން ނިންމި ފްލެޓް މަޝްރޫއުއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށްޓަކައި އެއީ އެންމެ ރަނގަޅު ގޮތްތޯ މަޖިލީހުން ބަލަން އެދި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ތިމާވެށިގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވެސް މިދިޔަ ދުވަސްތަކުގައި އަޑު އުފުލާފައިވާ މި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުމަކަށް ގެންނަން ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

ނިމިދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރޭ ސަރުކާރުން ވަނީ އާރުސީސީއާ ހަވާލުކޮށްގެން، ވިލިމާލޭގައި އަޅާ 300 ފްލެޓްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ރަސްމީކޮށް ބިންގާ އަޅައިފަ އެވެ. 

ތަފްސީލު - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއަށް އެޑްރެސްކޮށް މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވީ:

  • މިފަދަ މަޝްރޫއުއެއް ހިންގަން ތިމާވެއްޓަށާއި މާހައުލަށް ކުރާނެ ނޭދެވޭ އަސަރުތަކާ އަދި ޕްލޭނިންއާ ގުޅުން ހުރި ކަންބޮޑުވުންތައް އެބަހުރި ކަމަށް

  • އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ތިމާވެށި ހިމާޔަތުގައި ތިބި ޖަމިއްޔާތަކާއި އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ޖަމިއްޔާތަކުން މި މަޝްރޫއުއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށް

މާލެ ސަރަހައްދު ތޮއްޖެހުމުން ދުރުވެ، ގުދުރަތީ ފެހިކަމާއި ހަމަހިމޭންކަން ތަޖުރިބާކޮށްލަން އޮތް ހަމައެކަނި ރަށަކީ، ވިިލިމާލެކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އެއީ ތިމާވެށީގެ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް މުހިން މުދައުރެއް އަދާކުރާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު  ރަނގަޅުކޮށްދޭ ހާއްސަ މަންޒިލެއް ކަމަށެވެ. ވިލިމާލޭގައި އިމާރާތް ކުރުމުގެ އުސޫލަށް އައި ބަދަލުތަކާއި އާ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ އަސްލު ސިފަ ގެއްލި، އެތަން ތޮއްޖެހިވާ ތަނަކަށް ބަދަލުވުމުގެ ބިރު އޮތްކަން ވެސް ފާހަގަކުރެއްވި އެވެ.

"އިމާރާތްތައް އިތުރުވުމަކީ، ރަށުގެ ފެހިކަމާއި ހުސް ޖާގަތައް މަދުވެ، މާލެ ސަރަހައްދުގައި ރައްޔިތުން ހިތްހަމަޖައްސާލުމަށް އޮތް މުހިންމު މާހައުލެއް ގެއްލިގެން ދާނެ ކަމެކެވެ. އެހެންކަމުން ވިލިމާލެއަކީ، ހަމައެކަނި އިމާރާތްކުރާ ތަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅި މާލެ ސަރަހައްދަށް ބޭނުންތެރި ތިމާވެށީގެ މުހިންމު ރައުސުލްމާލެއްގެ ގޮތުގައި ރައްކާތެރިކުރަން ޖެހެ އެވެ،" އެ ސިޓީގައި އޭނާ ވިދާޅުވި އެވެ.

މައްސަލަ ހުށަހެޅުއްވި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)

އެހެންކަމުން އޭނާ އެދިވަޑައިގެންނެވީ މި މަޝްރޫއު ހިންގާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން ކަންބޮޑުވުން ފާޅުކުރާ ފަންނުވެރިންނާ މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމަށެވެ. އަދި އެކަން މަޖިލީހުގެ ކޮމިޓީން ބެލުމުގެ ޒިންމާ ހަވާލުކޮށްދިނުމަށް އަބްދުއްރަހީމްގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް