ވިލިމާލެ؛ ފުނަވަލުގައި 100 އަށްވުރެ ދުވަސްވީ ބޮޑެތި ގަސް ހުރިއިރު އެއީ ހިމާޔަތްކޮށްފައިވާ ގަސްތަކެއް

ވިލިމާލެ

'ވިލިމާލޭގެ ރުއްގަސް ކަނޑައި ހިންގާ މަޝްރޫއުތަކުން އާންމުންގެ ދުޅަހެޔޮ ކަމަށް ކުރިއެރުމެއް ނުލިބޭނެ'

އެ މަޝްރޫއުތަކުން ވިލިމާލޭގެ ގަސްތަކާއި، މުޅި މާހައުލީނިޒާމު އެގޮތުގައި ދަމަހައްޓާ ދިރުންތަކަށް އިޔާދަނުކުރެވޭނެ ގެއްލުންތަކެއް ވާނެ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ބުނޭ

ދުވަސްވީ ބޮޑެތި ގަސްތަކެއް ހުރި ވިލިމާލޭގެ ފުނަވަލު ސަރަހައްދުގައި އަޅަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު އާއި އެރަށުގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓާލައި އެ މަޝްރޫއުތައް ވިލިމާލެނޫން އެހެން ސަރަހައްދެއްގައި ކުރުމަށް ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ގޮވާލާފައިވަނީ، ވިލިމާލޭގެ ފުނަވަލާއި ދުވަސްވީ ގުދުރަތީ ތަރިކައިގެ ދިފާއުގައި އާންމު ރައްޔިތުންތަކެއް ފާޅުކުރަމުންދާ ކަންބޮޑުވުންތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އާންމު ސިޓީއެއްގަ އެވެ.

މިކަންބޮޑުވުންތައް ފާޅުކުރަމުންދަނީ:

  •  ފުނަވަލުގެ ސަރަހައްދުގައި 17 ބުރީގެ 3 ޓަވަރު އެޅުމަށް، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންނާއި މިދިޔަ ޖެނުއަރީމަހު ހަވާލުކޮށްފައިވާތީ

  • ވިލިމާލޭގައި 50އަށްވުރެ ގިނަ ގަސްތަކެއް ހުރި ސަރަހައްދެއްގައި ޗައިނާ ސަރުކާރުގެ އެހީގެ ދަށުން 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ

ބުނީ ކީކޭ؟ - އެ މަޝްރޫއުތައް ވިލިމާލޭގައި ކުރިއަށް ނުގެންދިއުމަށް ގޮވާލައި މިއަދު ނެރެފައިވާ އާންމު ސިޓީގައި ބުނީ، އެ މަޝްރޫއުތަކުން ވިލިމާލޭގެ ގަސްތަކާއި، މުޅި މާހައުލީނިޒާމު އެގޮތުގައި ދަމަހައްޓާ ދިރުންތަކަށް އިޔާދަނުކުރެވޭނެ ގެއްލުންތަކެއް ވާނެ ކަމަށެވެ.

އެގޮތުން ބުނީ:

  • ވިލިމާލޭގެ ޒަމާންވީ ފުނަވަލާއި، ރަށުތެރޭގައި ހުރި ދުވަސްވީ ބައެއް ގަސްތަކަކީ މުޅި ސަރަހައްދުގައިވެސް ނެތްފަދަ މަދު ގުދުރަތީ ތަރިކައަކަށް އަދި އާންމު ރައުސްމާލަކަށް މިއަދު ވެފައިވާ ކަމަށް

  • ނަމަވެސް މި މަދު ގަސްގަހާގެހީގެ ގުދުރަތީ ވަސީލަތް މިއަދު އޮތީ ދާއިމަށް ނެތިދިއުމުގެ ނުރައްކަލަށް ހުށަހަޅާފައި

  • ވިލިމާލޭގެ ފުނަވަލަކީ އެރަށުގެ އެންމެ ޒަމާންވީ ރުއްގަސް ސަލާމަތުންހުރި ސަރަހައްދު؛ އެ ސަރަހައްދުގައި 100 އަށްވުރެ ގިނަ ރުއްގަހާއި އުމުރުން އެތައް އަހަރުތަކެއްވީ ފުނަގަސްތައް ހިމެނޭ

  • ވިލިމާލޭގެ 30 ނަންބަރު ބުލޮކުގައި ހުރި ފުނަ ގަސްތަކަކީ ހިމާޔަތް ކުރެވިފައިވާ ގަސްގަހާ ގެހީގެ ދަފްތަރުގައި ހިމެނިފައިވާ ގަސްތަކެއް

  •  ވިލިމާލެއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ގުދުރަތީ ވެށިން ހިތްހަމަޖެހުން ހޯދުމަށް އަތްފޯރާފަށުގައި ދެވެން އޮތް ޖަޒީރާވަންތަ ސިފަ މުޅިން ނުގެއްލި އޮތް ހަމައެކަނި ތަން 

  • ވިލިމާލެއަކީ ދުޅަހެޔޮ ސާފު ވެށްޓެއް ގާއިމްކުރުމުގެ މަގްސަދުގައި ރާއްޖޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފައިވާ ހަމައެކަނި ރަށް 

  • ވުމާއިއެކު، މި ރަށަކީ ޖަޒީރާވަންތަ ގޮތުގައި ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ރަށަކަށްވާ އެތައް ސަބަބުތަކެއް އެބަހުރި

"މި އެންމެހާ ކަންކަމަށް ރިއާޔަތްކޮށް، ޒިންމާދާރު މަގު ހިޔާރުކޮށް، މި މަޝްރޫއު ވިލިމާލެ ނޫން ތަނަކަށް ބަދަލުކުރުމަށް ސަރުކާރަށާއި ކަންނިންމުމުގައި ބައިވެރިވާ ޕަބްލިކް އަދި ޕްރައިވެޓް ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. ރާއްޖޭގެ ދިރިއޮތް ވެށްޓާއި އާންމު ސިއްހަތު ރައްކާތެރި ކުރުމާއި ގާނޫނީ ހަމަ ނެގެހެއްޓުމުގެ ޒިންމާއަކީ ޕްރައިވެޓް ކުންފުނިތައް އިސްތިސްނާވާ ކަމެއް ނޫންކަން މި މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ ސަމާލުކަމަށްޓަކައި ހަނދާންކޮށްދެމެވެ،" އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލު ވެސް، މާލެ ސަރަހައްދުން ހިއްކާފައިވާ ގުޅިފަޅާއި ގިރާވަރު އަދި ފުށިދިއްގަރު ފަޅުފަދަ ތަނަކަށް ބަދަލުކުރުމަށް ވެސް ގޮވާލި އެވެ.

ރައްޔިތުންގެ އާންމު ސިއްހަތާއި މަސްލަހަތަށް ސަމާލުކަން ނުދީ މި މަޝްރޫއު ވިލިމާލޭގައި ހިންގުމުގެ މާނައަކީ ކޮބައިކަން ސާފެއް ނުވާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީފަރުވާގެ ހާލަތު އިންތިހާއަށް ދަށްއިރު، އަތޮޅުތެރޭގައި ސިއްހީ ހިދުމަތަށް އިހުމާލުވެ، އަދިވެސް މާލެ ސަރަހައްދަށް މިފަދަ ސިއްހީ މަރުކަޒުތައް އިތުރު ކުރުމަކީ މި ސަރަހައްދު އިތުރަށް ތޮއްޖެއްސުން ކަމަށް ބުންޏެވެ. 

އެގޮތުން ބުނީ:

  • ދުވަސްވީ ރުއްގަހުގެ ތަރިކަ ނައްތާލައިގެން އިތުރު ބިނާތަކެއް ހެދުމަކީ ރައްޔިތުންގެ އާންމު ސިއްހަތަށް ލިބޭނެ ކުރިއެރުމެއް ނޫން 

  • އޭގެ ބަދަލުގައި ސިއްހީދާއިރާ ހަރުދަނާކުރުމަށް ކުރަންޖެހިފައިވާ ކަމަކީ އިންސާނީ ވަސީލަތްތައް ކުރިއެރުވުމާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ހަރުދަނާކޮށް، ޓާޝަރީ ފެންވަރުގެ ތަންތަނަށް ބަދަލުކުރުން 

  • ޗައިނާ ސަރުކާރުގެ މަދަދުގައި ދިވެހިރައްޔިތުންނަށް ބަދަހިކަމުގެ ހަދިޔާއެއް ދިނުމަށް އެދޭނަމަ ރާއްޖޭގެ އަތޮޅުތަކުގައި ހުރި ސަރަހައްދީ ހޮސްޕިޓާތަކުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޗައިނާ ސަރުކާރަށް ގޮވާލި

"މިކަންކަމަށް ބަލާއިރު، 17 ބުރީގެ 3 ޓަވަރު ވިލިމާލޭގެ ރުއްގަސްތައް ނައްތާލައިގެން އެޅުމުގެ ބަދަލުގައި މިކަންކުރުމަށް އެކަށޭނަ ހުސްބިމެއްގައި ކުރުމަށް ސަރުކާރަށް ގޮވާލަމެވެ. ދިރިއޮތް ފަރުފަޅު ދާއިމަށް ފަނާކޮށްގެން، ރައްޔިތުންގެ ދަރަނީގެ ބޮޑު ހޭދައެއް ކޮށްގެން ރާއްޖޭގެ 58 ރަށެއްގައި ހިއްކާފައިވާ ބިންތަކުުގެ ބޭނުން ނުހިފައި، ދުވަސްވީ ރުއްގަސް ނައްތާލައިގެން މިފަދަ ބިނާތައް ހެދުމަށް އުޅުމަކީ ބޯހިޔާވަހިކަމުގެ ހައްލު ރައްޔިތުންނަށް ހޯދުމުގެ ނިޔަތެއްގައި ކުރާކަމެއްކަމަށް ބެލޭނެ ޖާގައެއް ނެތެވެ،" ސިޓީގައިވެ އެވެ.

"ހަމަ އެފަދައިން 100 އެނދުގެ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތްތަކުން މަހުރޫމު ވެފައިވާ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ލުއިހޯދަން ކުރާކަމެއްގެ ގޮތުގައި ނުދެކެމެވެ."

ކޮމެންޓް (2)

ނުހައްްގު މުއްސަނދިކަން

2 އޭޕްރީލު 2026
އާރުސީސީއަށް ބިލިޔަނުން ރުފިޔާގެ މަޝްރޫޢު އެދިނީ. ދެން އަންނަ ސަރުކާރެއްގައި ހަމަ އެމީހުން ތިބޭނެ. މޭޔަރު އާޒިމް ކިތަންމެ ރަނގަޅަސް އޭނާއަކަށް ނޫނެކޭ ބުނަން ޖެހޭ. އެކަމަކު އެހެން އެވީ ޑީއާރޕީ އާޒިމް ވާދަވެރިއަކަށް ނެރުނީމާ. ކުރުސީ ބުނީ ތެދެއް. އާރސީސީ އިން މިޤައުމު ސަލާމަތް ކުރަންޖެހިފައި މިއޮތީ
0 0

ކަލޯ

2 އޭޕްރީލު 2026
މިއޮތީވާ ގައުމެއް. ރައްޔިތުންނަށް ނިކުމެ ނޫނެކޭ ބުނަން ކެރޭނެތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް