ވިލިމާލޭގައި ބެޓެރީ ސައިކަލްތައް ޕާކުކޮއްފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ވިލިމާލެ

އުޅަނދުތައް ކޮންޓްރޯލްކޮށް ވިލިމާލޭގެ ޖަޒީރާވަންތަކަން ދަމަހައްޓަން މަޖިލީހަށް ޕެޓިޝަނެއް

މަޖިލީހަށް ހުށަހެޅި އީޕެޓިޝަނުގައި އެދިފައިވަނީ ބެޓެރީ ސައިކަލުގެ އަދަދު ވެސް ކޮންޓްރޯލްކޮށް، ބްރިޖު އަޅައި ނިމޭއިރު އެހެން ވެހިކަލްތައް ވިލިމާލެ ތެރެއަށް ނުވަދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި ޕާކިން ބިލްޑިންތައް އެޅުމަށް
15 ފެބްރުއަރީ 2026
1

ރާއްޖޭގެ ޖަޒީރާވަންތަ ގުދުރަތީ ރީތިކަމުގެ ސިފަތަކާ އެކު ރަށެއް ތަރައްގީކުރާނެ ގޮތުގެ ލާމަސީލު މިސާލެއްގެ ގޮތުގައި މާލެ ސަރަހައްދުގައި ހިމެނޭ ވިލިމާލޭގެ ޖަޒީރާވަންތަކަން ދަމަހައްޓަން ގޮވާލައި މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައި ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ވީކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ އީޕެޓިޝަން ނިޒާމު މެދުވެރިކޮށް މަޖިލީހަށް މި ޕެޓިޝަން ހުށަހަޅަނީ އަބްދުﷲ ހުސައިން ރަޝީދު، ވ. މިއަރެސް އެވެ.

ޕެޓިޝަނެއް މަޖިލީހުގައި ކުރިއަށް ގެންދާނީ:

  • މަދުވެގެން 500 ސޮއިކޮށް މެންބަރަކު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުން

  • މަދުވެގެން 840 ސޮއި ހަމަވެއްޖެ ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ

  • 2100 ސޮއިހަމަވެއްޖެ ނަމަ މަޖިލީހުގައި ބަހުސްކޮށް މައްސަލައެއް ގޮތުގައި ކުރިއަށްދާނެ

ތަފްސީލް - އެ ޕެޓިޝަނުގައި ބުނެފައިވަނީ ވިލިމާލެއަކީ ރާއްޖޭގައި ދިރިއުޅެން އެންމެ ހިތްފަސޭހަކޮށް ތަރައްގީކުރެވިފައި އޮތް އެއް ރަށެވެ. އެ ގޮތުން:

  • މާލޭގެ ކާރުބާރު ބޮޑުކަމާއި ތޮއްޖެހުމާއި ހާސްކަމާއި އަޑުގަދަކަމާއި ވައިގެ ނުސާފުކަމާއި ތަގައްޔަރުކަމުން ވިލިމާލެ ވަނީ މިހާތަނަށް ސަލާމަތްވެފައި

  • އިންޖީނުލީ އުޅަނދު ކޮންޓްރޯލު ކުރެވި ވިލިމާލޭގެ މަގުތައް ހިނގާ މީހުންނާ ރައްޓެހި ގޮތަކަށް ފަރުމާ ކުރެވިފައި ހުރުމުގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ދުއްވާ އެއްޗެހީގެ ބިރުވެރިކަމެއް ނެތި ބޭރަށް ނިކުމެ ރަށުތެރޭ ހިނގާބިނގާވެ އުޅުމުގެ ފުރުސަތު އޮވޭ

  • ވިލިމާލޭގެ ޕާކުތަކާއި އަތިރިމައްޗާއި ބަނދަރުމައްޗާއި ފެހިބިންތަކާއި ރަށްވަށައިގެން ގިނަ ސަރަހައްދު ތަކުގައި އަދިވެސް ހިމާޔަތްކުރެވިފައި އޮތް ހޭޅިފަށަކީ އެ ތަންތަނުގެ ހިތްގައިމުކަމާއި ގުދުރަތީ ދިރުމުން އެންމެންނަށް ވެސް އަރާމާއި ހިތްހަމަޖެހުން ގެނުވާ ތަންތަން

ތިލަމާލެ ބުރިޖު މަތިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނަމަވެސް ސަރުކާރާއި ސިޓީ ކައުންސިލްގެ ބައެއް އަމަލުތަކާއި ނިންމުންތަކުގެ ސަބަބުން އެ ކަމަށް އަސަރުކުރާނެ ކަންކަން ހިނގަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ގޮތުން:

  • ރަށު ތެރޭގައި ބެޓެރި ސައިކަލު ގިނަވަމުން ދިއުން

  • ދުވަސްވީ ބޮޑެތި ގަސްތައް ކަނޑަން މުއައްސަސާތަކުން މަސައްކަތްކުރުން

  • ތިލަމާލެ ބުރިޖުގެ މާލެ އާއި ވިލިމާލެއާ ދޭތެރޭ ބައިގެ މަސައްކަތް ނިމެން ކައިރިވަމުން އަންނައިރު، އެ ގުޅާލެވުމުން އަންނާނެ ބަދަލުތަކަށް ތައްޔާރުވުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ނުފެނޭ

އެ ކަމަށް ބޭނުންވާ ބައެއް ހައްލުތައް ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. އެއީ:

  • ބެޓެރި ސައިކަލު ރަށުތެރޭގައި ގިނަ ނުވާނެހެން ކޮންޓްރޯލުކުރުން އަދި ކައުންސިލުން މެނޭޖުކުރާ ގޮތަށް ބައިސްކަލު ޝެއަރިން ސިސްޓަމެއް ގާއިމުކުރުން

  • ދުވަސްވީ ބޮޑެތި ގަސްތަކާއި ފެހި ސަރަހައްދުތަކަކީ ރައްޔިތުންނާއި ރަށާއި ރަށުގެ ދިރުންތަކުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ތަކެއްޗަށް ވީހިނދު، އެ ތަންތަން ހިމާޔަތްކުރުން

  • ގަސްތަކުގެ މުލުގެ ސަބަބުން ބައެއް ގެތަކަށްވާ ގެއްލުން ހުއްޓުވުމަށް ގަސް ކެނޑުމުގެ ބަދަލުގައި 'ރޫޓް ކޮންޓްރޯލް' ކުރާ އުކުޅުތައް އިހްތިޔާރުކުރުން

  • މަގުމަތީގައި ހުންނަ ގަސްތައް ބެލެހެއްޓުމެއް ނެތި ޖަންގަލިވާން ދޫކޮށްލުމުގެ ސަބަބުން ދުއްވާއެއްޗެއްސަށާއި ގެތަކަށް ދިމާވާ ދަތިތައް ކުރިމަތިވިޔަ ނުދިނުމަށް ގަވާއިދުން ގަސްތައް ކޮށައިގެން ގަސްތައް ހެއްދުމުގެ ކަންތައް ސިޓީ ކައުންސިލުން ހިންގުން

  • އުމްރާނީ ތަރައްގީގެ މަސައްކަތްތައް ރާވައި ފަރުމާކުރާއިރު ބޮޑެތި ގަސްތަކާއި ފެހި ސަރަހައްދުތަކަކީ ބިނާވެށީގެ ބައެއް ކަމަށް ބަލައިގެން ފަރުމާކުރުން؛ މި ގޮތުން، އަލަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލާއި ފްލެޓު ސަރަހައްދުގެ ފެހިކަން ގެއްލުވާނުލުން

  • ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ތިލަމާލެ ބުރިޖުން ދުއްވާ އުޅަނދުތަކަށް ވިލިމާލެތެރެއަށް ވަނުމުގެ ހުއްދަ ނުދޭނެކަން ކަށަވަރުކޮށްދިނުން

  • ބުރިޖު ހުޅުވާއިރު، ތަނަށް އެކަށީގެންވާ ރަނގަޅު ޕާކިން ޒޯނެއް ނުވަތަ އިމާރާތެއް ގާއިމުކުރުމަށާއި ވިލިމާލެއަށް ވަދެ ނިކުމެވުން ބަލަހައްޓާނެ ރަނގަޅު ނިޒާމެއް ގާއިމުވެގެން އަންނަކަން ބަލައި އެކަން ޔަގީންކޮށްދިނުން

  • ވިލިމާލެއަށް ބުރިޖު ގުޅި ހޮސްޕިޓަލްގެ މަސައްކަތް ނިމެންވާއިރަށް ބުރިޖު ސަރަހައްދުން ހޮސްޕިޓަލަށް ބަލިމީހުންނަށް އައިސް ގޮސް ހެދޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުން

ކޮމެންޓް (1)

ކޮޅުކެހި

15 ފެބްރުއަރީ 2026
ވިލިނގިއްޔަށް ރަނގަޅު ގޮތެއް ބޭނުމިއްޔާ ، ޕީ.އެންސީ މަތިން ފުރަތަމަވެސް ހަނދާން ނައްތާލަން ޖެހޭ. ޢެމް.ޑީ.ޕީގެ އާދަމް އާޒިމަށް ކަންކަން ރަނގަށް ކުރެވޭނީ. ވިލިނގިއްޔަށް ގޯސްތައް އައީ މޭޔަރު މުއިއްޒުގެ ސިޔާސަ ސިޔާސަތުގެ ސަބަބުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް