ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ނަޝީދު ބޭރުގައި ހުރި ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް
ނަޝީދަށް ދިން ހަމަލާ: މިއަދުގެ އަޑުއެހުން ވެސް ސިއްރުކޮށްފި
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ސިއްރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ގިނަ ދުވަސްތަކަކަށްފަހު މި މައްސަލާގައި މިމަހުގެ އެއްވަނަ ދުވަހު ބޭއްވި އަޑުއެހުން ވެސް ވަނީ ނޫސްވެރިންނަށް ސިއްރުކޮށްފަ އެވެ. މި މައްސަލާގައި މިއަދު 2 ޖަހާއިރަށް ތާވަލުކުރި އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ދެންމެ ކްރިމިނަލް ކޯޓުން ބުނީ، މި އަޑުއެހުން ވެސް ސިއްރުކޮށްފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - ކޯޓުން ބުނި ގޮތުގައި، މި އަޑުއެހުން ސިއްރުކުރީ، ނޫސްވެރިން ނުވައްދާ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ދައުލަތުން އެދިފައިވާތީ އެވެ.
މި އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އަޑުއެހުންތަކެކެވެ. އެކަމަކު، މިފަހުން މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރަން ދައުލަތުން އެދެމުންދަނީ، މައްސަލައިގެ ބާވަތުން ބައެއް މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށްޓަކައި ހާމަކުރެވެން ނެތް މައުލޫމާތުތަކަށްވާތީ އެވެ.
އެނގުން މުހިންމު - މި މައްސަލަ ފަށައިގެން ކްރިމިނަލް ކޯޓުން ބަލަމުން އައީ ތިން ގާޒީން ހިމެނޭ ބެންޗަކުންނެވެ. ނަމަވެސް މައްސަލަަ ބައްލަވާ އިސް ގާޒީ އާދަމް މުހައްމަދަށް އިންޒާރުދީ ބިރުދެއްކުމުގެ އަމަލެއް ހިންގާފައި ވާތީ ގާޒީ އާދަމް އެ މައްސަލައިން ތަނާޒުލްވި އެވެ. އެ ބެންޗަށް އޭގެ ފަހުން އައްޔަންކުރީ ގާޒީ ހަސަން ސައީދު ވެސް މައްސަލައިން ތަނާޒުލްވި އެވެ.
މިހާރު ވަނީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗު އުވާލައި އެންމެ ފަނޑިޔާރަކާ މައްސަލަ ހަވާލުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ގާޒީ ސޮފްއަތު ހަބީބް އެވެ.
މައްސަލަ މިހާރު އޮތް ހިސާބު - 6 މެއި 2021 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރާކޮށްލަން ދިން ހަމާލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ. އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
ކޯޓުގައި މިވަގުތު ޝަރީއަތް ކުރިއަށް ދަނީ:
-
ތަހުމީން އަހުމަދު، ފޮޅޭމާ/ގއ. ކޮނޑޭ: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ
-
މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
-
އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
އިސްހާގު، މއ. ކުދެހިގެ/ކ.މާލެ: ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ