ކުރީގެ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މާލޭގައި ސިފައިން ހަރަކާތްތެރި ވަނީ (ފައިލް ފޮޓޯ/ އޭއެފްޕީ)

މޭ 6ގެ ހަމަލާ

ބޮން ގޮވުމާއި ހޮސްޕިޓަލަށް ގެންދިއުމާ ހަމަޔަށް ކަން ހިނގި ގޮތް ނަޝީދުގެ ހަށިފާރަވެރިންގެ ދުލުން

ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނެގުން މިއަދު ކުރިއަށް އެބަ ދޭ؛ ބައެއް ހެކިވެރިންގެ ހެކިބަސް ސިއްރު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން، ހާދިސާ ހިނގި ވަގުތާއި، ނަޝީދު ހޮސްޕިޓަލަށް ގެންދިއުމާ ހަމަޔަށް ކަން ހިނގި ގޮތް ބަޔާންކޮށް ނަޝީދުގެ ދެ ހަށިފާރަވެރިއަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

ވީ ކިހިނެެއް؟ 6 މެއި 2021 ވަނަ ދުވަހުގެ ރޭ ސީދާ ނަޝީދު އަވަހާރާކޮށްލަން ދިން މި ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި، އަދުހަމް އަހުމަދު ރަޝީދު ކުށަށް އިއުތިރާފްވެ، ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ އޭނާ ވަނީ 23 އަހަރަށް ޖަލަށް ލައިފަ އެވެ. އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.

ކޯޓުގައި މިވަގުތު ޝަރީއަތް ކުރިއަށް ދަނީ:

  • ތަހުމީން އަހުމަދު، ފޮޅޭމާ/ގއ. ކޮނޑޭ: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު، މއ. ކުދެހިގެ/ކ.މާލެ: ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

ތަފްސީލް - މި މައްސަލައިގައި މިއަދު އޮތީ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އޭގެ ތެރެއިން ހުޅުވާލައިގެން ހެކިބަސް ނެގީ ދެ ހެކިވެރިއެއްގެ އެވެ. އެއީ ހަމަލާދިން ވަގުތު އެތަނުގައި ނަޝީދަށް ސެކިއުރިޓީ ދޭން ތިިބި ދެ އޮފިސަރެއްގެ ހެކިބަހެވެ.

ދެން ތިބި ހެކިވެރިންނަކީ ހެކި ރައްކާތެރިކުރަން ކޮންމެވެސް މިންވަރަކަށް ޝަރީއަތުން މީގެ ކުރިން ނިންމާފައިވާ ހެކިވެރިން ކަމަށް ވުމުން އެމީހުންގެ ހެކިބަސް ނެގުން މިވަގުތު ކުރިއަށް ދަނީ ސިއްރުކޮށްގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދިން ފުރަތަމަ ދެ ހެކިވެރިން ހާޒިރުކުރީ ފަސް ކަމެއް ސާބިތުކޮށްދިނުމަށެވެ. އެއީ:

  • 6 މެއި 2021 ދުވަހުގެ ރޭ 8:25 ހާއިރު، ނަޝީދުގެ ގެކޮޅު ކެނެރީގެއިން ނުކުމެވަޑައިގަތުމުން ނަޝީދުގެ ކުރީގައި ހުރެގެން ވީއައިޕީ ކާރާ ހަމަޔަށް އައިސް ކާރުގެ ދޮރު ހުޅުވުމަށް ހިފާލި ވަގުތު ބާރު އަޑުފަށްގަނޑަކާ އެކު އެއްޗެއް ގޮވި އަޑު އިވުނުކަން

  • އެވަގުތު އެއްޗެއް ގޮވި ދިމާލުން ދުން އަރައި ކުނޑިތަކެއް ފައިބައިގެން ދިޔަތަން ފެނުނުކަން

  • ކުއްލިއަކަށް ދުންގަނޑުގެ ތެރެއިން ނަޝީދު އަތްދަނޑިމައްޗަށް ލައިގެން ސާޖެންޓެއް ދުވެފައި ގޮސް ވީއައިޕީ ކާރަށް އެރިތަން ފެނުނުކަން

  • އެވަގުތު ނަޝީދުގެ މޭމައްޗާއި ބޮލުން ގިނަ މިންވަރަކަށް ލޭ އައިސްފައި ހުރިތަން ފެނުނު ކަން

  • އެ ހާދިސާގައި ހޮސްޕިޓަލަށް ގެންދިޔައިރު ނަޝީދުގެ ހަށިކޮޅުގެ ގިނަ ތަންތަން ޒަހަމުވެ، ގިނަ މިންވަރަކަށް ލޭ ފައިބަމުން ދިޔަކަން ސާބިތުކޮށްދިނުމަށް

ކޯޓުގައި ހެކިބަސް ދެމުން މިއަދު ފުރަަތަމަ ހެކިވެރިޔާ ބުނީ އެ ހާދިސާ ހިނގި ވަގުތު އޭނާ ހުރީ ނީލޯފަރު ހިނގުމާއި މަޖީދީމަގު ކަންމަތީގައި އޮތް، ވީއައިޕީ ވެހިކަލް ކައިރީގައި ކަމަށެވެ. މައްސަލައަށް ގިނަ ދުވަސްތަކެއް ވެފައި ވާތީ ހާދިސާ ހިނގި ވަގުތު ސީދާ ބުނެދޭން ނޭނގޭކަން ފާހަގަކުރަމުން ހެކިވެރިޔާ ބުނީ ކުއްލިއަކަށް ވަރަށް ބާރު އަޑުފަށްގަނޑަކާ އެކު އެއްޗެއް ގޮވިކަން އެނގޭ ކަމަށެވެ.

އޭނާ ބުނީ:

  • މާހައުލު އޮތް ގޮތް ބުނެދޭން މިހާރު ނޭނގޭ ކަމަށް

  • އެއްޗެއް ގޮވިކަމަށް ބުނަނީ ބާރުގަދަ އަޑަކާ އެކު ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން ކަމަށް

  • އަޅުގަނޑުގެ ކަނާތާއި ބުރަކަށި ޒަހަމުވި

ދެވަނައަށް ހެކިބަސް ދިނީ ހަމަލާ އަމާޒުވި ވަގުތު އަނިޔާތަކާ އެކު ނަޝީދު އަތްދަނޑިމައްޗަށް ލައިގެން ވީއައިޕީ ކާރަށް އެރުވުމަށް ދުވެފައި ދިޔަ ނަޝީދުގެ ހަށިފާރަވެރިޔާ އެވެ. 

އޭނާ ކިޔައިދިން ގޮތުން:

  • ބާރުގަދަ އަޑަކާ އެކު ބޯ ދުންތަކެއް ފެނުނު؛ އަޅުގަނޑަށް ފެނުނީ ނަޝީދު ބިންމައްޗަށް ވެއްޓޭތަން އެކަނި

  • ނަޝީދު އަތްމައްޗަށް ލައިގެން އަޅުގަނޑު އެރީ ވީއައިޕީ ކާރަށް؛ އޭތި ސްޓާޓުނުވުމުން އެކާރުގެ ފަހަތުގައި އޮތް ބެކަޕް ކާރުގައި ނަޝީދު ހޮސްޕިޓަލަށް ގެންދިޔައިން

  • ނަޝީދުގެ ހަށިގަނޑުގައި އެެއްކޮށް ލޭ ހުރި، ގަމީސް އޮތީ ހަލާކުވެފައި

  • އަޅުގަނޑުގެ އަތަށާއި ކަނދުރާއަށް އަނިޔާވި

  • މިހާ ގިނަ ދުވަސް ވީމާ އޭތި ގޮވި އަޑު ސިފަކޮށްދޭކަށް ނޭނގެ؛ އެއީ ބާރު އަޑެއް

  • ހާދިސާ ހިނގީ ގާތްގަނޑަކަށް 8:25-8:30އާ ދެމެދު

  •  ބޮން ގޮވުމާއި އޭޑީކޭ އެތެރެއަށް ވަނުމާ ދެމެދު ވާނީ ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓު ކަމަށް ލަފާކުރެވޭ

މި ދެ ހެކިވެރިންނާ ދައުވާ ލިބޭ ދެ ހެކިވެރިއެއްގެ ވަކީލުންގެ ފަރާތުން ވެސް ސުވާލުތައް ކުރެއްވި އެވެ. އެކަމަކު ދިފާއީ ވަކީލުންގެ ސުވާލުތައް ބޮޑަށް އަމާޒުކުރީ ހަމަލާ ދިނުމަށް މެދުވެރިވި 'ސެކިއުރިޓީ ބްރީީޗާ'އާ ބެހޭ ގޮތުން ކަމަށް ވުމުން އެ ސުވާލުތައް ކުރުމަށް ޝަރީއަތުން ފުރުސަތެއް ނުދެ އެވެ. ބައެއް ސުވާލުތަކަކީ ސެކިއުރިޓީއާ ގުޅުން ހުރި ސުވާލުތަކަށް ވުމާއި ހެކިވެރިޔާ ކޯޓަށް ހާޒިރުކުރެވިފައިވާ ދާއިރާގެ ބޭރުން އަމާޒުކުރި ސުވާލުތައް ކަމަށް ވުމުން ޝަރީއަތާއި، ދިފާއީ ވަކީލުންނާ ދެމެދު ގިނަ ވަގުތުތަކެއް ވަންދެން އެކަމުގެ ބަހުސް ހިނގި އެވެ.

އެނގުން މުހިންމު - މި މައްސަލަ ފަށައިގެން ކްރިމިނަލް ކޯޓުން ބަލަމުން އައީ ތިން ގާޒީން ހިމެނޭ ބެންޗަކުންނެވެ. ނަމަވެސް މައްސަލަަ ބައްލަވާ އިސް ގާޒީ އާދަމް މުހައްމަދަށް އިންޒާރުދީ ބިރުދެއްކުމުގެ އަމަލެއް ހިންގާފައި ވާތީ ގާޒީ އާދަމް ވަނީ އެ މައްސަލައިން ތަނާޒުލް ވެފަ އެވެ. އެ ބެންޗަށް އޭގެ ފަހުން އައްޔަންކުރީ ގާޒީ ހަސަން ސައީދު ވެސް މައްސަލައިން ތަނާޒުލްވި އެވެ.

މިހާރު ވަނީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗު އުވާލައި އެންމެ ފަނޑިޔާރަކާ މައްސަލަ ހަވާލުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ގާޒީ ސޮފްއަތު ހަބީބް އެވެ.

ކޮމެންޓް (1)

ބިރުވެރިޔާ

27 މޭ 2023
ދެންފަހެ ފަނޑިޔާރުންނަށް ކޮންމެމައްސަލައެއްގައިވެސް ބިރުދައްކައި ކަން ފާހަގަކުރެވެއެވެ. ވަކި މައްސަލައެއްގައެއްނޫނެވެ. މަސްތުވާތަކެތީގެމައްސަލަތަކާއި މީހުން މެރުމާއި ފޭރުމާއި ވައްކަމުގެ މައްސަލަތަކުގައެވެ. މިކަން ކަންކުރަނީ ކޮންބައެއްކަން ފުލުހުންނަށް ވެސް އެނގެއެވެ. އެއްވެސްމީހަކަށް ރައްްކާތެރިކަމެއް ނޯވެއެވެ. ގޭންގްތައް ހިނގަނީ ސިޔާސީބެފުޅުންނެވެ. އެޅޭފިޔަވަޅެއް ކުރެވޭނެ ކަމެއް ނޯވެއެވެ. ގެންދިޔައިީ ދޫކޮއްލީ ދެންފެންނަނީ އަނެއްމީހާ މަރާލާ މަންޒަރު....ދެން ކިހިނެއްރަނގަޅުވާނީ ކޮންމެ ގޭންގެއްގައި އެތައްހާސް މީހުންނެއް އުޅޭ ދެން އެމީހުންގެ މީހެއްގެ މައްޗަށް ދައުވާއެއްކޮށް މައްސަލައެއްހިނގަންޏާ ދެން ތިބޭބަޔަކު ބިރުދެއްކުމުގެ ކަން ކަން ކުރިޔަށް ގެންދޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް