ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ނަޝީދު ބޭރުގައި ހުރި ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް
ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ހަަތަރު އަހަރު؛ އިންސާފު އަވަސްކޮށްދިނުމަށް ގޮވާލައިފި
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށް ހަތަރު އަހަރުވީ އިރު އިންސާފު ހޯދަދީފައި ނުވާތީ، އިންސާފު އަވަސްކޮށްދިނުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - އެއްޗެއް ގޮވާލައިގެން ނަޝީދު އަވަހާރާކޮށްލަން ހަމަލާއެއް ދިނީ 6 މެއި 2021 ވަނަ ދުވަހުގެ ރޭގަ އެވެ. މި ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން 16 ގަޑިއިރުގެ ދިގު ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރަންޖެހުނެވެ. އަދި އޭގެ ފަހުން ރާއްޖެއިން ބޭރުން ވެސް ފަރުވާ ހޯއްދެވި އެވެ.
ބުނީ ކީކޭ؟ - މިއަދަށް އެ ހަމަލާއަށް ހަތަރު އަހަރުވީއިރު، މި މައްސަލާއިގައި އިންސާފު ލިބިފައިނުވާކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ވަނީ، މައްސަލާގައި ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވިފައި ނުވާ ކަމަށާއި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަހުގީގުން ހޯދިފައިނުވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިދިޔަ އަހަރުގެ މާޗު މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވިޔަސް، އެއަށް ފަހު އެކަމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތްކަމުގެ ކަންބޮޑުވުން ވެސް އެ ޕާޓީން ފާޅުކުރި އެވެ.
"ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ގޮވާލާ ގޮވާލުން އަދިވެސް ތަކުރާރުކުރަމެވެ. އަދި މި މައްސަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނީ:
-
މިއީ ދުރާލާ ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއް، އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން ވެސް އެންމެ ސީރިއަސްކަން ބޮޑު، އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅުއަޅައި އަމަލުކުރުމަށް ހަމަޖެހިފައިވާ ކުށެއް
-
މި މައްސަލާގައި އިންސާފު ގާއިމުނުކުރެވިވަނީ މިކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާތީ
-
މި ހަމަލާ ރައްދުކުރުމުގެ ކުރިން ވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާކަމުގެ މައުލޫމާތު އިންޓެލިގެންސަށް ލިބިފައިވާކަން އިންކްއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވޭ
-
ނަމަވެސް ޓެރަރިސްޓް މި ހަމަލާ އެމަނިކުފާނަށް އަމާޒުކޮށްފައިވަނީ ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދޭން ލާޒިމު، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް
އެނގުން މުހިންމު - މި މައްސަލަ ފަށައިގެން ކްރިމިނަލް ކޯޓުން ބަލަމުން އައީ ތިން ގާޒީން ހިމެނޭ ބެންޗަކުންނެވެ. ނަމަވެސް މައްސަލަަ ބައްލަވާ އިސް ގާޒީ އާދަމް މުހައްމަދަށް އިންޒާރުދީ ބިރުދެއްކުމުގެ އަމަލެއް ހިންގާފައި ވާތީ ގާޒީ އާދަމް ވަނީ އެ މައްސަލައިން ތަނާޒުލް ވެފަ އެވެ. އެ ބެންޗަށް އޭގެ ފަހުން އައްޔަންކުރީ ގާޒީ ހަސަން ސައީދު ވެސް މައްސަލައިން ތަނާޒުލްވި އެވެ.
މިހާރު ވަނީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗު އުވާލައި އެންމެ ފަނޑިޔާރަކާ މައްސަލަ ހަވާލުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ގާޒީ ސޮފްއަތު ހަބީބް އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ދައުވާކުުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ، ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ. އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ކޯޓުގައި މިވަގުތު ޝަރީއަތް ކުރިއަށް ދަނީ:
-
ތަހުމީން އަހުމަދު، ފޮޅޭމާ/ގއ. ކޮނޑޭ: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ
-
މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
-
އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
އިސްހާގު، މއ. ކުދެހިގެ/ކ.މާލެ: ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
-
މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ