ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބު އައްބާސް ފާއިޒު ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މޭ 6ގެ ހަމަލާ

6 މޭގެ ހަމަލާ: ފުލުހުންނާއި ޕީޖީގެ މަސައްކަތް ރަނގަޅު، އައްބާސްގެ ކަންބޮޑުވުން އޮތީ ޝަރީއަތް ލަސްވާތީ

ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް ވަރުގަދަ ހެކިތަކެއް ހޯދައި ދައުވާތައް ސާބިތުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ފުލުހުންނާއި ޕީީޖީ އޮފީސް ގުޅިގެން ކޮށްފައިވާކަން އައްބާސް ފާހަގަކުރެއްވި

މުހިންމު ނުކުތާތައް

އައްބާސް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމަކީ ޝަރީއަތް ލަސްވާންޖެހޭ އެކަށީގެންވާ ސަބަބެއް ނޫން ކަމަށް

ޝަރީއަތްތައް ލަސްވާ މައްސަލަ ހައްލުކުރުމުގެ ހުށަހެޅުންތަކެއް ޖޭއެސްސީ އަށާއި ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވިދާޅުވި

މިހާތަނަށް ހޯދިފައިވާގޮތުގައި ފަންޑުކުރީ ހަމަލާދިން މީހުންގެ އަމިއްލަ ޖީބުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 6 މޭ 2021ގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ކުރަމުންދާ މަސައްކަތްތަކަށް، އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އައްޔަންކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒް މިއަދު ތައުރީފު ކުރައްވައިފި އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތް ލަސްވަމުންދާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ވީ ކިހިނެއް؟ - ޕީޖީ ހުސެއިން ޝަމީމްއާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވަނީ އޭނާ އެ މަގާމަށް 1 ޖޫން 2021ގައި އައްޔަން ކުރެއްވީންސުރެ މިހާތަނަށް ހޭދަވި މުއްދަތުގައި، އެ މައްސަލައިގެ ތަހުގީގުތަކާއި ޝަރީއަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ކަންކަމުގެ ތަފްސީލެއް ދެއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރަނީ (ފޮޓޯ/ރައީސް އޮފީސް)

އައްބާސް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ، އެ ތަހުގީގުތަކަށް ފުލުހުންނާއި ޕީޖީ އޮފީހުން ކުރަމުންދާ މަސައްކަތް ރަނގަޅު ކަމެެވެ. އަދި އެ މަސައްކަތް އެގޮތުގައި ކުރިއަށް ގެންދިއުމަށް އެ ދެ އިދާރާއަށް އެއްބާރުލުން ދިނުމަށް މިހާރުގެ ސަރުކާރާއި އަލަށް ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް އިސްކަމެއް ދިނުމަށް އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި، ޝަރީއަތްތައް ލަސްވާ މައްސަލަ ފާހަގަކުރައްވައި އެކަން ހައްލުކުރުމަށް، ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިމެނޭހެން، ކަމާ ގުޅޭ އިދާރާތަކަށް ކަންތައްތަކެއް ހުށަހަޅުއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހަމަލާއަށް ރާއްޖެ އިން ބޭރުން ނުވަތަ އެހެންވެސް ބަޔަކު ފަންޑުކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް. ތަހުގީގަށް ހޯދިފައިވާ ގޮތުން އެ ހަމަލާއަށް ހަރަދުކުރީ މި މައްސަލައިގައި މިހާރު ވެސް ތުހުމަތުކުރެވޭ މީހުންގެ އަމިއްލަ ޖީބުން.

އައްބާސް ފާއިޒް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒު މިއަދު ރައީސް އޮފީހުގައި މޭ6ގެ ހަމަލާއާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - މި މައްސަލަ ފެންމަތިވީންސުރެ ތުހުމަތުކުރެވޭ ބައެއް ކަންކަމާއި އެކަންކަމާ ގުޅޭގޮތުން ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކާ ގުޅޭގޮތުން އައްބާސް ވާހަކަދެއްކެވި އެވެ.

އެގޮތުން ފާހަގަކުރެއްވީ:

  • އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ނުވަތަ ސަރުކާރުގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތުތައް: ހަމަލާއާ ސިޔާސީ ފަރާތްތަކެއްގެ ގުޅުން އޮތް ކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައެއް ނުވޭ

  • އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ޖަމާވެފައިވާ މީހުންގެ ލިސްޓުގައިވާ މީހުންނަށް ކުރެވޭ ތުހުމަތު: ހަމަލާދިނީ މި މީހުންގެ ލިސްޓު އާންމުކުރުމަށް ނަޝީދު މަސައްކަތް ކުރަމުންދާތީ ކަމަށް ތުހުމަތު ކުރެވުނަސް، މި ހަމަލާ ރާވާފައިވަނީ އޭގެ މާ ކުރިންކަން ތަހުގީގަށް އެނގިފައިވޭ

  • ދީނީ ހަރުކަށި ފިކުރަށް ކުރެވޭ ތުހުމަތު: ތަހުގީގަށް މުޅިން ވެސް ހޯދިފައިވަނީ މި ތުހުމަތަށް ބާރުދޭ ހެކިތައް 

ޝަރީއަތް ލަސްވުމާ މެދު އަޅުގަނޑު ހިތްހަމައެއްނުޖެހޭ. މި ޝަރީއަތް ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެކަނި ރައީސް ނަޝީދަށްޓަކައެއް ނޫން. މުޖުތަމައުގައި ދިރިއުޅޭ ކޮންމެ މީހަކަށްޓަކައި މެ. މި އަޑުއެހުންތައް ލަސްވަމުންދާ އެކަށީގެންވާ ސަބަބެއް ބުނެއެއް ނުދެވޭ

އައްބާސް ފާއިޒް

'މިހާތަނަށް ހޯދިފައިވާގޮތުގައި ފަންޑުކުރީ ހަމަލާދިން މީހުންގެ އަމިއްލަ ޖީބުން'

އަމަލީގޮތުން ހަމަލާދިން މީހުންނާއި އެ ހަމަލާގެ ފަހަތުގައި ތިބެ، ހަމަލާއަށް ފަންޑުކޮށްފައިވާ ބަޔަކު ހޯދުމަށް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ތަހުގީގާ މެދު އައްބާސްގެ މައިގަނޑު ކަންބޮޑުވުން މީގެ ކުރިން އޮތީ، އަޑީގައި ތިބި މީހުން ނުހޯދޭ މައްސަލައިގަ އެވެ. އެއީ ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުން ތަހުގީގުގައި ސަމާލުކަމެއްދީގެން ބަލައި ހޯދަން ޖެހޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ.

އައްބާސް މިއަދު ވިދާޅުވީ އެކަމަށް ހާއްސަ ތަހުގީގުތަކެއް މިހާރު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ މަސައްކަތް ރަނގަޅު ކަމަށެވެ.

"ފުލުހުން އެކަމުގައި ރަނގަޅު މަސައްކަތްތަކެއް ވަނީ ކޮށްފައި. އެ ހަމަލާއަށް ރާއްޖެ އިން ބޭރުން ނުވަތަ އެހެންވެސް ބަޔަކު ފަންޑުކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް. ތަހުގީގަށް ހޯދިފައިވާ ގޮތުން އެ ހަމަލާއަށް ހަރަދުކުރީ މި މައްސަލައިގައި މިހާރު ވެސް ތުހުމަތުކުރެވޭ މީހުންގެ އަމިއްލަ ޖީބުން،" އައްބާސް ވިދާޅުވި އެވެ.

ނަމަވެސް، މައްސަލައިގެ ހައްސާސްކަމަށް ބަލާއިރު، ބަޔަކު އަޑީގައި ތިބެގެން ފަންޑުކޮށްފައި އޮވެދާނެ ކަމަށް އޭނާއަށް އަދިވެސް ގަބޫލުކުރެއްވޭ ކަމަށާއި އެހެންކަމުން އެ މަގުން ކުރާ ތަހުގީގުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ކުރިއަށް އޮތްތާނގައި އެހެން މައްސަލައެއްގެ ތެރެއިން ވެސް އެކަމާ ގުޅޭ ހެއްކެއް ލިބިދާނެ ކަމަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް ވަރުގަދަ ހެކިތަކެއް ހޯދައި، އެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ފުލުހުންނާއި ޕީީޖީ އޮފީސް ގުޅިގެން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތަށް އައްބާސް ތައުރީފް ކުރެއްވި އެވެ.

އެ މަސައްކަތް ކުރަމުންދާ ތަހުގީގު ޓީމާއި ޕީޖީ އޮފީހަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު މީހުންގެ ފަރާތުން ބޭނުންވާ އިތުރު އެހީތެރިކަމާއި ތަމްރީނުތައް ދެނެގަނެވި، ފުރިހަމަ ކޮށްދެވިފައިވާ ކަމަށާއި ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމުގައި ވެސް ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އައްބާސް ވިދާޅުވީ، އޭގެ ނަތީޖާއެއްގެ ގޮތުން، މޭ 6 ހަމަލާއާ ގުޅިގެން މިވަގުތު ޝަރީއަތް ކުރިއަށްދާ މައްސަލައަކީ ވަރުގަދަ ހެކިތަކާ އެކު ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

'ޖާގައިގެ ދަތިކަމަކީ ޝަރީއަތް ލަސްވާންޖެހޭ އެކަށީގެންވާ ސަބަބެއް ނޫން'

ފުލުހުންނާއި ޕީޖީ އޮފީހުން އެ މައްސަލާގައި ބުރަ މަސައްކަތްތަކެއް ކޮށް، ރަނގަޅު ތަހުގީގަކާ އެކު، ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ވަރުގަދަ ހެކިތަކާ އެކު ދައުވާތައް އުފުލާފައިވީ ނަމަވެސް، ކްރިމިނަލް ކޯޓުގައި އެ މައްސަލަ ލަސްވަަމުންދާތީ، ނުކުމެދާނެ ހިތި ނަތީޖާތަކާ މެދު ކަންބޮޑުވާކަން އައްބާސް ފާހަގަކުރެއްވި އެވެ.

"ޝަރީއަތް ލަސްވުމާ މެދު އަޅުގަނޑު ހިތްހަމައެއްނުޖެހޭ. މި ޝަރީއަތް ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެކަނި ރައީސް ނަޝީދަށްޓަކައެއް ނޫން. މުޖުތަމައުގައި ދިރިއުޅޭ ކޮންމެ މީހަކަށްޓަކައި މެ. މި އަޑުއެހުންތައް ލަސްވަމުންދާ އެކަށީގެންވާ ސަބަބެއް ބުނެއެއް ނުދެވޭ،" ޝަރީއަތް ލަސްވަމުން ދިއުމާ ގުޅޭގޮތުން ޝަރުއީ ދާއިރާގެ ކަމާގުޅޭ އިދާރާތަކާ ކަންބޮޑުވުން ހިއްސާކުރައްވާފައިވާނެ ކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ބޭއްވެމުން ނުދަނީ މިވަގުތު ކްރިމިނަލް ކޯޓަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން ކަމަށާއި ކޯޓުގެ އެއް ބައި ވެއްޓި ބޭނުން ނުކުރެވޭތީ ތާވަލުކުރާ އަޑުއެހުންތަކުގެ އަދަދު މަދުވެފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނާ ކަމަށެވެ. ނަމަވެސް، އެއީ އާންމުންގެ މަސްލަަހަތު އޮތް ބޮޑު މައްސަލައެއްގެ ޝަރީއަތް ލަސްވާންޖެހޭ އެކަށީގެންވާ ސަބަބެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒު މިއަދު ރައީސް އޮފީހުގައި މޭ6ގެ ހަމަލާއާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

"މި ޝަރީއަތް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުން މުހިންމުވާ އަނެއް ސަބަބަކީ، ޕީޖީ އޮފީހުންނާއި ފުލުހުންގެ އިދާރާ އިން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފި. މިހާ ރަނގަޅަށް، ޕްރޮފެޝަނަލީ ކުރާ މަސައްކަތަކަށް ފަހު، ދެން މި އިދާރާތަކުން [ފުލުުހުންނާއި ޕީޖީ އޮފީހުން] ބޭނުންވާނީ އެއިން ނުކުންނަ ނަތީޖާ. އެގޮތުން ބަލާއިރު ވެސް މި ޝަރީއަތް ކުރިއަށް ދިއުން މުހިންމު،" އައްބާސް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި، ޝަރީއަތްތައް ބަރާބަރަށް ކުރިއަށް ގެންގޮސްފި ނަމަ، ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް ދައުވާތައް ސާބިތުވާނެ ކަމުގެ ޔަގީންކަން ފުލުހުންނާއި ޕީޖީ އޮފީހުން އެއްކޮށްފައިވާ ހެކި ގަރީނާތަކަށް ބަލާއިރު، އެ ފަރާތްތަކަށް އެބައޮތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް