އައްބާސް ފާއިޒް (ކ) އާއި ޕީޖީ ހުސެއިން ޝަމީމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ފޮޓޯ/ދައުރު)
ނަޝީދަށް ދިން ހަމަލާގައި ސިޔާސީ މީހެއްގެ ބައިވެރިވުން އޮތް ކަމުގެ ހެއްކެއް މިހާތަނަށް ނެތް: އައްބާސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ސިޔާސީ ބަައެއްގެ ބައިވެރިވުން އޮތްކަމުގެ ހެއްކެއް، މިހާތަނަށް ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން، ފެންނަން ނެތް ކަމަށް އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވާ މަންދޫބު އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އާއި އައްބާސް އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާއިޒް ވިދާޅުވީ، އެ ހަމަލާގައި ސިޔާސީ ބަޔަކު ބައިވެރިވާ ކަމަށް ނުވަތަ އެއީ ސިޔާސީ ގުޅުން އޮތް ހަމަލާއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ "ކުރެވޭ ތުހުމަތުތަކެއް" ކަމަށެވެ.
ބުނީ ކީކޭ؟ - "މި ތުހުމަތުތައް އެބަ އުޅޭ. އެކަމަކު އޭގެ މާނައަކީ މިއީ ހަގީގީ ތުހުމަތުތަކެއް އަދި ގޯސް ތުުހުމަތުތަކޭ ވެސް ނޫން. މިހާތަނަށް މި މައްސަލާގައި ހިންގަމުންދާ ތަހުގީގަށް، މި ތުހުމަތުތައް ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ލިބިފައެއް ނެތް،" އައްބާސް ވިދާޅުވި އެވެ.
ތަފްސީލް - އައްބާސް ވިދާޅުވީ، މިހާތަނަށް ތަހުގީގަށް މައުލޫމާތުދީފައިވާ އެކި މީސްމީހުންގެ މައުލޫމާތަށް ބަލާއިރު ވެސް، ބުރަވެވެނީ އެ ހަމަލާއަކީ ހަރުކަށި ފިކުރާ ގުޅޭ ހަަމަލާއެއް ކަމަށް ކަމަށާއި ސިޔާސީ ކަމަކާ ގުޅޭ ހަމަލާއެއް ކަމަށް ބުނެވޭވަރުގެ ކަށަވަރު އެއްވެސް މައުލޫމާތެއް މިހާތަނަށް އެއްވެސް މީހެއްގެ ފަރާތުން ލިބިފައިވާ ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލާގައި ފުލުހުން ހިންގި ތަހުގީގުތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ގުޅުންހުރި އިދާރާތަކާއި ޕީޖީ އޮފީހުގެ ފަރާތުންނާއި ރައީސް ސޯލިހްގެ ފަރާތްޕުޅުން ވެސް ފުރިހަަމަ އެއްބާރުލުން ލިބެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް، އެ ހަމަލާއާ ގުޅޭ ޝަރީއަތް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ނުދިއުމާއި އަޑުއެހުންތައް ވަރަށް ބޮޑަށް ލަސްވަމުންދާތީ އައްބާސް މިއަދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެ މައްސަލާގައި މިހާރު ދައުވާ ކޮށްފައިވާ މީހުން ފިޔަވައި، ހަމަލާއަށް ފަންޑުކުރި ގޮތާ ގުޅޭގޮތުން އޮތް ކަންބޮޑުވުން ވެސް އޭނާ ތަކުރާރު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ހިންގި ތަހުގީގުތަކުން، އެ ހަމަލާއަށް ފަންޑުކޮށްފައިވަނީ ތުހުމަތުކުރެވޭ މީހުން އަމިއްލައަށްކަން ދެނެގަނެވިފައިވާ ކަމަށެވެ.
ނަމަވެސް، އެ ރޮނގުން ކުރިއަށް ގެންދާ ތަހުގީގަށް އަދިވެސް އިތުރު މައުލޫމާތުތަކެއް ލިބުމުގެ ފުރުސަތު އޮތުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވައި، އެ ތަހުގީގު ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.