މޭ 6 ހަމަލާއިން ނަޝީދަށް ލިބުނު ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިން ޓީމުގައި ހިމެނޭ ބައެއް ނަރުހުންނާއެކު ނަޝީދު ނަންގަވާފައިވާ ފޮޓޯއެއް(ފައިލް ފޮޓޯ/ސޯޝަލް މީޑިއާ)

މޭ 6ގެ ހަމަލާ

މޭ 6 ހަމަލާ އަށް ފަހު އޭޑީކޭގައި ހެދި ސާޖަރީގައި ނަޝީދުގެ ހަށިކޮޅުން 10 ރޭޒާފުށް، ޕްލާސްޓިކްސް އަދި ހަށިކޮޅެއް ނަގާފައިވޭ

އޭޑީކޭގައި ނަޝީދަށް ފަރުވާދޭން އެރޭ ހެދި ސާޖަރީއަށް ފަހު ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ކްރައިމް ސީން އޮފިސަރު މިއަދު ކޯޓުގައި ހެކިބަސްދީފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 6 މޭ 2021ގައި ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ހެދި ސާޖަރީތަކަށް ފަހު ހަށިކޮޅުން 10 ރޭޒާ ފުށް ހިމެނޭހެން ޕްލާސްޓިކްސް ފަދަ ތަކެތި ނަގާފައިވާ ކަމަށް، ތަހުގީގު ބޭނުމަށް އެތަކެތީގެ ފޮޓޯތައް ނެގި ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރު މިއަދު ކޯޓުގައި ހެކިބަސް ދީފި އެވެ.

ވީ ކިހިނެއް؟ - މިއަދު 9 ޖެހިއިރު ބޭއްވި އަޑުއެހުމުގައި ދެ ހެކިވެރިއެއްގެ ހެކިބަސް ނަގާފައިވެ އެވެ. އޭގެ ތެރެއިން އެއް ހެކިވެރިޔަކީ، ހަމަލާ ދިން ރޭ ޒަހަމުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ނަޝީދަށް ފަރުވާދިނުމަށް އޭޑީކޭގައި ހަދާފައިވާ ސާޖަރީތަކުގައި އެ މަނިކުފާނުގެ ހަށިކޮޅުން ގޮވާތަކެތީގެ އަސަރު ފެންނަ ތަކެތި ނަގާފައިވާކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި، އެތަކެތީގެ ފޮޓޯ ނެގި ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރަމުންދާތާ 17 އަހަރުވެފައިވާ ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރު މިއަދު ކޯޓުގައި ދިން ހެކިބަހުގައި ބުނިގޮތުން އޭނާ ގާތުގައި ތަހުގީގު ޓީމުން އެދިފައިވަނީ، އެ ހަމަލާއަށް ފަހު ހެދި ސާޖަރީން ނަޝީދުގެ ހަށިކޮޅުން ނަގާފައިވާ ތަކެތީގެ ފޮޓޯތަކެއް ނަގައިދިނުމަށެވެ. އެ ފޮޓޯތައް ނަގަން އޭޑީކޭ ހޮސްޕިޓަލަށް ދިޔައީ އެ އަހަރުގެ 7 މޭގައި ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ހެކިބަހުގައި ބުނިގޮތުން:

  • އޭޑީކޭއަށް ދިޔައިރު ފޮޓޯ ނަގަންޖެހޭ ކަމަށް ބުނިތަކެތި ހުރީ މޭޒެއްމަތީގައި އެތެރެ ފެންނަ 9 ދަޅެއްގައި

  • އެ ތަކެއްޗަކީ ނަޝީދަށް ފަރުވާދިނުމަށް އެ ހޮސްޕިޓަލުގައި ހެދި ސާޖަރީތަކުގައި ނަޝީދުގެ ހަށިކޮޅުން ނެގި ތަކެތި ކަމަށް ޑޮކްޓަރުން މައުލޫމާތު ދިން

  • 5 ދަޅެއްގައި 10 ރޭޒާ ފުށް ހުރި

  • ދެން ހުރީ ޕްލާސްޓިކް ފަދަ އެއްޗެހިތަކަކާ އަދި ކަށިކޮޅެއް؛ އެ ކަށިކޮޅުގައި ލޭ ހުރި

  • އެތަކެތީގެ 73 ފޮޓޯ ނަގާފައިވާނެ، އޭގެތެރެއިން 10 ފޮޓޯ ތަހުގީގަށް ހިއްސާކޮށްފައިވާނެ

އެނގުން މުހިންމު - ނިލޯފަރުހިނގުމުގައި ރައީސް ނަޝީދަށް އަމާޒުކޮށް 6 މޭގައި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި އެ މަނިކުފާނަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި ހަތަރު ސާޖަރީއެއް ހަދާފައިވެ އެވެ. ފުރަތަމަ ސާޖަރީ ހަދާފައިވަނީ ބޮލަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާދިނުމަށެވެ. އެއަށް ފަހު ހެދި ސީޓީ ސްކޭންއިން އިތުރު ޒަހަމުތަކެއް ފާހަގަވުމުން މޭގެ އިތުރުން، ގޮހޮރު އަދި މޭކަށީގެ ސާޖަރީއެއް ވެސް ހަދާފައިވެ އެވެ. އޭގެފަހުން ބޭރަށް އިތުރު ފަރުވާއަށް ވަޑައިގެން ފައިގެ އިތުރު ދެ ސާޖަރީއެއް ވެސް ހައްދަވާފައިވެ އެވެ. 

އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ހިއްސާކުރުމަށް މެއި މަހުގެ އަށްވަނަ ދުވަހު އޭޑީކޭ ޑޮކްޓަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ އަނިޔާތައް ދައްކާލާފައިވެ އެވެ. 

އެ ބައްދަލުވުމުގައި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފް ވިދާޅުވެފައިވަނީ:

  • ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެނެވުނީ އަނިޔާތަކަކާ އެކު މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭގެ 8:30 ހާއިރު؛ އެވަގުތަކީ ޑރ. ނިޔާފްވެސް ހޮސްޕިޓަލުގައި ހުންނެވި ވަގުތެއްކަމުން، ނަޝީދު ހޮސްޕިޓަލުގެ އެމަޖެންސީ ރޫމަށް ގެނެވުމާ އެކު ފަރުވާދޭން ފެށިފައިވޭ

  • ނަޝީދު ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔަ އިރު ހެޔަށް ގޮތްވެފައި ނުވި ނަމަވެސް މީހާއަށް ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށް ދައްކާތީ ފުރަތަމަ ޕްރައިމެރީ ސާވޭއެއް ހެދުނު؛ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނުން ލޭ އަންނަމުން ދިޔަކަން ފާހަގަކުރެވުނު 

  • އޮޕަރޭޝަން ތިއޭޓަރަށް ބަދަލުކޮށް ފުރަތަމަ ވެސް މަސައްކަތްކުރީ އެންމެ ބޮޑަށް ލޭފައިބަމުންދިޔަ ތަންތަނުން ލޭމަނާކުރުމަށް 

  • އެޔަށް ފަހު ސީޓީ ސްކޭންއެއް ހަދައި، ހަށިގަނޑުގެ އެތެރެއަށް ލިބިފައިވާ ގިނަ އަނިޔާތަކެއް ދެނެގަނެވުނު

އެދުވަހުގެ ބައްދަލުވުމުގައި އެ އަނިޔާތައް ފެންނަ ފޮޓޯތައް ޑޮކްޓަރުން ޓީމުން، ނޫސްވެރިންނަށް ދައްކާލާފައިވެ އެވެ. އެ ފޮޓޯތަކުގައި ރަތްކުލައިންނާއި ނޫކުލައިން ގިނަ ޒަހަމުތަކެއް ފާހަގަކޮށްފައިވާ އިރު، ނަޝީދުގެ ހަށިކޮޅުގެ ހުރިހާ ދިމާލަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން އެ ފޮޓޯތަކުގައި ފާހަގަކޮށްފައިވެ އެވެ.

ނަޝީދުގެ ހަށިކޮޅަށް ލިބިފައިވާ ޒަހަމުތަކުގެ ތަފްސީލު ދިނުމަށް އޭޑީކޭ ޑޮކްޓަރުންގެ ޓީމުން 8 މޭ 2021ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުގެ ހަށިކޮޅަށް ލިބިފައިވާ ޒަހަމުތައް ދައްކުވާދޭ ފޮޓޯއެއް

އެގޮތުން ރަތްކުލައިން ފާހަގަކޮށްފައިވަނީ ހަށިގަނޑުގެ ބޭރުފުށުން އެތައް މިތަނަށް ލިބުނު ބޮޑެތި އަނިޔާތަކެވެ. މި އަނިޔާތައް ބޮލާއި، ބަނޑަށް، އަތަށް، އަދި ފަޔަށް ވެސް ލިބިފައިވެ އެވެ. އަދި މަޑު ނޫކުލައިން ފާހަގަކޮށްފައިވަނީ ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާ ދަނގަޑުފާޑުގެ އެއްޗެހިތަކުން ޒަހަމުވެފައިވާ ތަންތަނެވެ. އޭގެއިތުރުން ގަދަ ނޫކުލައިން ފާހަަގަކޮށްފައިވަނީ ކަފައިގެން ގޮސްފައިވާ ތަންތަނަށް ވަދެފައިވާ ޕްލާސްޓިކްފަދަ އެއްޗެހި ކަމަށް ޑޮކްޓަރުންގެ ޓީމުން އެދުވަހު ވިދާޅުވި އެވެ. 

އެނގުން މުހިންމު - މިއަދުގެ އަޑުއެހުން ދެންމެ ނިންމާލި އިރު، ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ، ދެން މި މައްސަލާގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 20 އަދި 24ގައި ކަމަށެވެ. އެދުވަހު ވެސް އޮންނާނީ ހެކިބަސް ނެގުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް