ޗެއާޕާސަންގެ މަގާމުން ގަފޫރު ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް އެކަމުގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން އެމްޑީޕީ އޮފީހުގައި
55 މެންބަރުންގެ ސޮޔާ އެކު ގަފޫރު ވަކިކުރުމުގެ މައްސަލަ ވައްދައިފި
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ ވަކިކުރުމުގެ މައްސަލަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާ އެކު މިއަދު ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ގަފޫރު ވަކިކުރުމުގެ މަސައްކަތް ފެށީ، ކައުންސިލް އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަން އެޖެންޑާގައި ނުހިމެނުމުންނާއި އޭގެ ފަހުން ޕާޓީގެ ލީޑަލް ޑިރެކްޓަރު ކަމުން އަހުމަދު މައުރޫފާއި ޑެޕިއުޓީ ޗެއާޕާސަން ކަމުން އިބްރާހީމް ވަހީދު ވަކިކޮށްފައި ވަނިކޮށެވެ.
މި ކަންކަމާ ގުޅިގެން ގަފޫރު ވަކިކުރުމުގެ މަސައްކަތް ފެށީ ނަޝީދާއި އެންމެ ފަހުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ ފެކްޝަނުންނެވެ.
ގަފޫރު ވަކިކުރުމަށް ގައުމީ މަޖިލީހުގައި ވޯޓަށް އެހުމަށް އެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހެޅި ލިޔުމުގައި ފައްޔާޒުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ފެނުނު ރޮޒައިނާ އާދަމް އާއި އޭނާގެ ފިރިކަލުން މުހައްމަދު ނާޝިޒު ވެސް ސޮއިކުރައްވާފައިވެ އެވެ.
ޖުމްލަ 55 މެންބަރުން ސޮއިކުރި ގައުމީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 123 އެވެ. ކޯރަމަކީ 31 އެވެ. ހުރިހާ މެންބަރުން ހާޒިރުވެގެން ބައްދަލުވުން ކުރިއަށްދާ ނަމަ ވަކިކުރަން ބޭނުންވާނީ 61 ވޯޓެވެ.
ތަފްސީލް - ގަފޫރު ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރުމަށް ހުށަހެޅި ލިޔުމުގައިވަނީ ހުދުމުހުތާރު ވެރިކަމަކާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތުގައި ޕާޓީގެ ސަފުތައް ބަދަހިކޮށް ބޭއްވުމަށް، ޕާޓީގެ އާންމު މެންބަރުން ލީޑަރުންގެ ގޮތުގައި ދެކޭ އެއްވެސް ބޭފުޅަކު ބާކީނުކޮށް ޕާޓީގެ ހަރަކާތްތައް އިންތިޒާމުކުރަން ވާނެ ކަމަށެވެ.
ނަމަވެސް ޕާޓީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ގަފޫރު ނިންމެވުންތައް ނިންމެވުމުގައި އަމަލުކުރައްވަމުން ގެންދަވަނީ ވަކި ފަރާތަކުން އަންގަވާ ގޮތަކަށްކަން ފާހަގަކުރެވޭ ކަމަށެވެ.
އެ ގޮތުން ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފު ވަކިކުރަން ގަފޫރު ނިންމެވީ ކައުންސިލް އިންތިހާބުގައި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭ ގޮތަށް ގިނަ މައްސަލަތަކެއް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅައިގެން ގިނަ މަސައްކަތްތަކެއް ޕާޓީން ކުރަމުން ދަނިކޮށް ކަން ފާހަގަކޮށްފައިވެ އެވެ.
މި ނިންމުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ހިތްނުތަނަވަސްކަން އުފެދި، ވަރަށް ގިނަ މަސައްކަތުން ވަރަށް އުނދަގުލުން ޕާޓީއަށް ހޯދުނު އާންމުންގެ އިތުބާރު ގެއްލިގެން ދިއުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް އޭގައިވެ އެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަވެރިކަން އުފެދި، ޕާޓީ ބައިބައިވުމަށް ފުރުސަތު ދިން ކަމަށް ލިޔެފައިވެ އެވެ.
އިތުރަށް ކިޔާލަން
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވަކިކޮށްފި
7 އޭޕްރީލު 2026
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް މަގާމުން ވަކިކޮށްފި
7 އޭޕްރީލު 2026
ގަފޫރު އެދިވަޑައިގަތީ އެމްޑީޕީ ބަދަހިކުރަން އެއްބާރުލުން ދިނުމަށް
7 އޭޕްރީލު 2026
އެމްޑީޕީގެ އުފާ ފާޅުކުރާ ޖަލްސާ ނަޝީދާއި ފައްޔާޒު ބޮއިކޮޓްކޮށްފި
6 އޭޕްރީލު 2026