ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބަންކަރިންއިން އަދި ލިބުނީ 47 މިލިއަން ޑޮލަރު؛ ލަފާކުރީ އަހަރަކަށް 400 މިލިއަން

ސައީދު މީގެ ކުރިން ލަފާކުރައްވާފައިވަނީ ބަންކަރިން ހިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް. އެ ހިދުމަތަށް 1 އަހަރާއި 7 މަސް ދުވަސް ވެގެންދިޔައިރު އަދި މިހާތަނަށް ލިބުނީ 47 މިލިއަން ޑޮލަރު

ބަންކަރިން ހިދުމަތަށް ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، އެ ހިދުމަތް ފެށި ފަހުން މާޗުގެ ނިޔަލަށް 730 މިލިއަން ރުފިޔާ (47 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ސެޕްޓެމްބަރު 10، 2024ގައި ފެށި ބަންކަރިން ހިދުމަތަކީ، މީގެ ކުރިން މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި އެތައް ބިިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިން ދަތުރުކުރާ %1 ބޯޓުތަކަށް އެ ހިދުމަތް ދެވުނަސް، ސައީދު ވިދާޅުވީ މަދުވެގެން އަހަރަކު 400 މިލިއަނެއްހާ ޑޮލަރު (6.1 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ހޯދޭނެ ކަމަށެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތުގެ ސަރުކާރަށް ފާޑުކިޔާ މީހުންގެ މެދުގައިި ވަރަށް މަޝްހޫރު ވާހަކައެއް ކަމަށެވެ.

"މިހާރު ވެސް ދަންނަވާލާނަން 31 މާޗު 2026އާ ހަމައަށް 730 މިލިއަން ރުފިޔާ، އިންޓަނޭޝަނަލް ބަންކަރިންގެ ވިޔަފާރި ފެށި ފަހުން ލިބިފައި އޮތް ކަމަށް މައުލޫމާތު ލިބެނީ،" ސައީދު ވިދާޅުވި އެވެ.

ނަމަވެސް އޭގެ އިތުރަށް ސައީދު އެކަމާ ބެހޭގޮތުން އެއްޗެއް ވިދާޅެއްްނުވެ އެވެ.

ގުޅުންހުރި ކަމެއް - ބަންކަރިން ހިދުމަތް ފަށައިގެން ފުރަތަމަ އަހަރުގެ ތެރޭގައި ލިބުނީ 112 މިލިއަން ރުފިޔާ (12 މިލިއަން ޑޮލަރު) ކަމަށް މިނިސްޓަރު ސައީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.

އެއަށް ފަހު މިދިޔަ އަހަރުގެ 25 ޑިސެމްބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އެހާތަނަށް ބަންކަރިން ހިދުމަތުން 282 މިލިއަން ރުފިޔާ (18 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ސައީދު ވިދާޅުވާ ގޮތުން ނަމަ، އެ ތާރީހުގެ ފަހުން މިވީ ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެކަނި ބަންކަރިން ހިދުމަތުން އިތުރަށް 448 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ނަމަވެސް މާޗުގެ ނިޔަލަށް އެ ހިދުމަތުން ޖުމްލަކޮށް ލިބުނު 730 މިލިއަން ރުފިޔާ ނުވަތަ 47 މިލިއަން ޑޮލަރަކީ ސަރުކާރުން ލަފާކުރި އަދަދާ ގާތް ވެސް ކުރާ އަދަދެއް ނޫނެވެ.

ކޮމެންޓް (2)

ތެފައާސާ.

8 އޭޕްރީލު 2026
އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ހޯދަން ނިކުމެގެން އަހަރަކާއި 7 މަސް ތެރޭގައި އޭގެ 12% ހޯދުނީމާ، އެއީ ޕޯޑިއަމްތަކަށް އަރައި ފޮންޏަކަށް ދައްކާވަރުގެ ވާހަކައެއްނޫންކަން އޮނަރަބަލް ސައީދު މިނިސްޓަރަށް ނޭގުނީމާ އަހަރެމެން އަދި މާ ދެރަވެއްޖެ.
2 0

ސިކުނޑި

8 އޭޕްރީލު 2026
ދޮގު ހަދަނީ! ރައީސް ޔާމީން ވިދާޅުވިގޮތަށް ބޯޓުގެ އަގު ދައްކައި ނިމޭއިރު އެސްޓީއޯއަށް ލިބޭނީ ބާ ދަގަނޑު!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް